އިޤްތިޞާދީ ހާލަތު ދަށްވެގެން، އެޗްޑީސީ ވިއްކާލަން ސަރުކާރުން ނިންމައިފިއެވެ. އެޗްޑީސީ ވިއްކަން ނިންމާފައި ވާކަން، ހާމަ ކުރެއްވީ މިހާރު ކުރިއަށް ދާ، ރައީސް އޮފީހުގެ ޕްރެސް ކޮންފެރަންސްގައި ހައުސިންގ މިނިސްޓަރ ހައިދަރެވެ. ވިއްކާލުމަށް ނިންމާފައި ވަނީ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ހަދައި ހިއްސާ ވިއްކައިގެންނެވެ. ވަރަށް އުފާވެރި ޚަބަރެއް ކަމަށް ވިދާޅުވެ، އިއުލާނު ކުރެއްވީ އެޗްޑީސީ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ހެދުމަށް ނިންމަވަމުންދާ ކަމެވެ.
އިޤްތިޞާދީ ހާލަތު ދަށްވެފައި ވުމުން، އެޗްޑީސީގެ ހިއްސާ ވިއްކާނީ ކުޑަ އަގެއްގައި، ސަރުކާރަށް ޑޮލަރު ހޯދުމަށް ކަމަށް ބެލެވެއެވެ.
މުއިއްޒުގެ ސަރުކާރުގައި ގާބިލުކަން ނެތުމުގެ ސަބަބުން، ކުރީގެ ވެރިކަންތަކުގައި އުފައްދާފައިވާ ސަރުކާރުގެ ކުންފުނި ތައް، ސަރުކާރަށް މާލީ ތަނަވަސްކަން ހޯދުމަށް، ޕްރައިވަޓައިޒް ކޮށް ވިއްކާލުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެކެވެ. މިއީ ސަރުކާރުގެ ހަރު މުދާ ވިއްކާލުމެވެ.
ފިޗްގެ ރޭޓިންގ ދަށްވެފައިވާ މި ދަނޑިވަޅުގައި، އެޗްޑީސީގެ ސްޓޮކްގެ އަގު މަތިކޮށް ވިއްކުމުގެ ފުރުޞަތު ހަނިވާނެއެވެ. އަދި ޗައިނާގެ ކުންފުނިތަކުގެ ނުފޫޒު އެޗްޑީސީގެ މައްޗަށް އޮތް މިންވަރުގެ ސަބަބުން ބޭރު ދުނިޔެއަށް ސްޓޮކް ހުޅުވައިފި ނަމަ، ސަރުކާރުގެ ބާރު ކުންފުނިން ގެއްލި، އެޗްޑީސީގެ ދަށުގައި ވާ އާންމުން ދިރިއުޅޭ ފްލެޓްތަކާއި ގޯތިތައް ގޮސް، މިތަކެތީގެ މިލްކުވެރިކަން ބޭރުގެ ބައެއްގެ އަތްމައްޗަށް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.
ސަރުކާރުގެ ބާރު (ގެދޮރުވެރިކަން ފަދަ) މުހިންމު ދާއިރާއެއްގައި މިވަރަށް ގެއްލިގެން ގޮސް ޗައިނާ ފަދަ ގައުމެއްގެ ކުންފުންޏަކަށް އެޗްޑީސީ ބަދަލުވުމަކީ ޤައުމުގެ މިނިވަންކަން ގެއްލިގެންދާނެ ކަމެކެވެ. އޭރުން ރާއްޖޭގެ ކެޕްޓަލް ސިޓީގެ ބޮޑު ބައެއް ކަމަށް ވާ، ހުޅުމާލެ އަކީ އެހެން ޤައުމެއްގެ މުދަލަށް ވެގެން ދާނެއެވެ.
އެހެންކަމުން، ކުރުމުއްދަތުގައި، ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް މިފަދަ ކަމެއް ކުރުމަކީ ކުރަން ހެޔޮވާ ވަރު ކަމެއް ނޫނެވެ. އެޗްޑީސީ އަކީ ހުޅުމާލޭގައި ދިރިއުޅޭ އެތައް ބައެއްގެ ގޯއްޗާއި، ފްލެޓާއި، އެތައް މުދަލެއްގެ ބަލަދުވެރިކަން އަރާ ކުންފުންޏެކެވެ. އެ ފަދަ މުހިންމު ކުންފުނިތައް އޮންނަން ވާނީ ސަރުކާރުގެ ދަށުގައެވެ. މިފަދަ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމަކީ ބޮޑު ޖަރީމާއެކެވެ.