އެމްޑީޕީގެ ވެރިކަމުގައި ހުރިހާ މަސައްކަތެއް ނިންމާ ލޯންޗުކުރުމާއި ހަމައަށް ގޮސްފައި އޮތް "އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމް"އަކީ މިސަރުކާރުން ކުރިޔަށް ގެންދާ މުޅިން އާ ޕްރޮގްރާމެއްގޮތުގައި ފަރުމާކޮށް, އެޕްރޮގްރާމް ފެށުމަށް މުއިއްޒުގެ ކެބިނެޓުން ނިންމާފައިވާކަން ސަރުކާރުން އިއުލާން ކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދުގެ ކެބިނެޓް ބައްދަލުވުމަށްފަހު މިސަރުކާރގެ ވަޒީރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ކޯޕަރޭޓް ރެސިޑެންސީ ވިސާ އަކީ, އެމްޑީޕީގެ ސަރުކާރުން ސިޔާސަތު އެކަށައަޅާ, އިންވެސްޓަރުން ރާއްޖޭގައި ދިގު މުއްދަތުގައި ބޭތިބުމަށް ހިތްވަރު ދިނުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން އޭރު ތައާރަފްކުރި އާ ވިސާއެކެވެ. އިންވެސްޓަރުން ރާއްޖޭގައި ގިނަ ދުވަހު ތިބުމަކީ ރާއްޖޭގައި އިތުރު އިންވެސްޓްމަންޓް ކުރުމަށް ހުޅުވޭ އައު ދޮރެއް ކަމަށްވެސް މީގެކުރިން ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.
އިންވެސްޓަ ރެސިޑެންސީ ޕްރޮގްރާމެއް ތައާރަފްކުރުމަށްޓަކާ އެމްޑީޕީ ސަރުކާރުން 2020 ވަނަ އަހަރު އިމިގްރޭޝަން ގާނޫނު އިސްލާހުގެނެސް "ކޯޕަރޭޓް ރެސިޑެންސީ ވިސާ"ގެ ނަމުގައި މުޅިން އަލަށް އެމަސައްކަތް ފެށުމަށް ނިންމާފައި ވެއެވެ.
އެހެންނަމަވެސް އެމްޑީޕީގެ ސަރުކާރުން އޭރު އެމަސައްކަތް ފެށުމަށް ނިންމާ, އިމިގްރޭޝަން ގާނޫނަށް އޭރު އެ ބަދަލު ގެންނަން ހުށަހެޅުމުން މިސަރުކާރުގެ މިހާރުގެ އިސް ވެރިންނާއި, އެމްޑީޕީއާއި ދެކޮޅު ބައެއް މީޑިއާތަކުން އޭރު ގޮވަމުން ދިޔައީ ގައުމު ވިއްކާލަނީކަމަށާއި, އެއީ އިންޑިއާ މީހުން ރާއްޖޭގައި ވަޒަންވެރި ކުރުވަންކުރާ ކަމެއްގެ ގޮތުގައެވެ.
އަދި އޭރު މި ޕްރޮގްރާމަކީ އިންޑިއާ މީހުން ރާއްޖޭގައި ވަޒަންވެރި ކުރުވުމަށް ކުރިޔަށް ގެންދިޔަ ސިއްރު އެޖެންޑާއެއްގެ ގޮތުގައި އެންމެ ބޮޑަށް އަޑު އުފުލަމުން ދިޔައީ މިހާރު މަޖިލިސް މެމްބަރު, ކުރިން އޭރުގެ ސަރުކާރާ ދެކޮޅު ނޫހެއް ހިންގަމުންއައި އަޒާންއެވެ.
މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު, އެމްޑީޕީ ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތައް އެއީ މި ސަރުކާރުގެ މަސައްކަތްތައް ކަމަށް ދައްކަމުން ދިއުމަކީ މުއިއްޒު އާންމުކޮށް ކުރައްވަމުން އަންނަ ކަމެއްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މިސަރުކާރުން ފާއިތުވި 9 މަސްދުވަހުގެ ތެރޭގައި ކުރިޔަށް ގެންގޮސްފައިވާ ހުރިހާ މަޝްރޫއަކީވެސް ރައީސް ސާލިހުގެ ވެރިކަމުގައި ފަށާފައިވާ މަޝްރޫއުތަކެވެ. މިސަރުކާރުން މިހާތަނަށް ތަރައްގީގެ އެއްވެސް އާ މަޝްރޫއެއް ފަށާފައެއް ނުވެއެވެ.