ޚަބަރު

ރޭސިން ކާރުން ޖައްސައި މީހަކު މަރުގެ ތުންފަތް މައްޗަށް ގެނެސް ފިލި މީހަކު، ސޯޝަލް މީޑިޔާގައި އާންމުން ކުރިންވެސް ބުނިހެން ސަރުކާރުން ދޫކޮށްލައިފި

ދިޔަވަރު
ރޭސިން ކާރުން ޖައްސައި މީހަކު މަރުގެ ތުންފަތް މައްޗަށް ގެނެސް ފިލި މީހަކު، ސޯޝަލް މީޑިޔާގައި އާންމުން ކުރިންވެސް ބުނިހެން ސަރުކާރުން ދޫކޮށްލައިފި

ރޭސިން ކާރުން ޖައްސައި މީހަކު މަރުގެ ތުންފަތް މައްޗަށް ގެނެސް ފިލި މީހަކު، ސޯޝަލް މީޑިޔާގައި އާންމުން ކުރިންވެސް ބުނިހެން ސަރުކާރުން ދޫކޮށްލައިފިއެވެ. އާންމުން ކުރިންވެސް ބުނަމުން ދިޔައީ އޭނާ ހައްޔަރުކޮށް މަސް ދުވަސް ނުވަނީސް ސަރުކާރުން އޭނާ ދޫކޮށްލާނެ ކަމަށެވެ. ކަންތައް ވެފައިވަނީ ހަމަ އެހެންނެވެ.

ސަރުކާރުން ކުށް ކުރާ ފަރާތްތަކާއި އެކު ބަހައްޓާ ގާތް ގުޅުމުގެ ސަބަބުން މި ސަރުކާރު އައުމަށް ފަހު ގޭންގު ތަކުގެ ކުށްތައް ވަނީ އެތައް ގުނައަކުން އިތުރުވެފައެވެ. އަދި އާންމުންނަށް އިންސާފު ލިބުން ވަނީ ދަތި ކަމަކަށް ވެފައެވެ.

ދޫކޮށްފައި ވަނީ ހުޅުމާލޭގައި ޖުލައި މަހު ފަހު ދުވަހު އެކްސިޑެންޓްވި ކާރުން ފިލި މީހުންގެ ތެރެއިން މީހަކު އެވެ. އެކްސިޑެންޓުވުމުން ކާރު ދުއްވަން އިން މީހާއާއި އެ ކާރުގައި ބާކީތިބި ދެމީހުންވެސް އޭރު ފިލީއެވެ. އެކަމަކު ކާރުގެ ޑްރައިވަރު ހޯދާ ފުލުހުން އޭނާ ފަހުން ހައްޔަރު ކުރި އެވެ. އޭނާއާއި އެކު ކާރުގައި ދެން ތިބި ދެމީހުންވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އެ އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރީ ހ. ނޫރަންމާގެއާގެ އިކްރާމްއަބްދުއްރަހުމާން، މ. ލޭންޑްއޮފްގާރޑްން އިބްރާހިމް އިކްރާމް އަދި ކަނޑުހުޅުދޫ، އާޒާދުގެ ޖިނާހް އިސްމާއިލްއެވެ. މީގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބީ އިކްރާމުއްރަހްމާން އަދި އިބްރާހީމް އިކްރާމް އެވެ.

ހައިކޯޓުން މިއަދު މިނިވަންކުރީ އޭގެ ތެރެއިން އިބްރާހީމް އިކްރާމް އެވެ. އޭނާ މިނިވަން ކުރީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކުރި އަމުރު އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުންނެވެ. ހައިކޯޓުން މިއަދު އޭނާ މިނިވަންކުރީ އޭނާ ބަންދު ކުރުމުގައި އަމަލު ކުރަން ޖެހޭ އިޖުރާތުއަތަށް ފުރިހަމަކޮށްފައި ނުވާތީ އެވެ. މި ގޮތުން އޭނާއަށް ވަކީލަކު ހަމަ ޖައްސާފައި ނުވާތީ އޭނާ ދޫކޮށްލީ ކަމަށް ވެއެވެ. ވަކީލަކު ހަމަޖައްސައި ދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ.

މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ދެވަނަ ފިޔަވަހި ވިނަރެސް ފްލެޓް ކައިރީގަ އެވެ. މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް އެ ވަގުތު އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި އިން މީހެއްގެ ގައިގައި ޖެހިގެންނެވެ. އެ ކާރުން ޖެހުމުން، ސައިކަލުގައި އިން މީހާ ވިއްސައިގެންދާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެ އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.