ޚަބަރު

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް ޕީޖީކަން ދިނުމަކީ ދުނިޔެ ބަލައިގަންނާނެ ކަމެއް ނޫން. ޖުޑިޝިއަރީގެ މިނިވަންކަން ގެއްލި، ޕޮލިސް ސްޓޭޓެއްގެ ސިފަ ޖެހި، ބޭރުގެ މާލީ އެހީ ލިބުމުގެ ފުރުޞަތު އިތުރަށް ގެއްލޭނެ!

ދިޔަވަރު
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް ޕީޖީކަން ދިނުމަކީ ދުނިޔެ ބަލައިގަންނާނެ ކަމެއް ނޫން. ޖުޑިޝިއަރީގެ މިނިވަންކަން ގެއްލި، ޕޮލިސް ސްޓޭޓެއްގެ ސިފަ ޖެހި، ބޭރުގެ މާލީ އެހީ ލިބުމުގެ ފުރުޞަތު އިތުރަށް ގެއްލޭނެ!

ހޯމް މިނިސްޓްރީގެ މިހާރުގެ ސްޓޭޓް މިނިސްޓަރ އަބްދުލް މަޖީދު އިބްރާހިމް އަށް ޕީޖީކަން ދިނުމަށް މުއިއްޒު ނިންމާފައިވާކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ. ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވި ފަރާތެއް މިކަން މިހާރު ޔަގީން ކޮށްދީފައިވާއިރު މިއީ، ރާއްޖޭގެ އަދުލުގެ ނިޒާމަށް މުއިއްޒުގެ މުޑުދާރު އަތް ބާނައި، މުޅި ރާއްޖެ ޕޮލިސް ސްޓޭޓަކަށް ބަދަލު ކުރުމަށް ހިންގޭ ޖަރީމާއެކެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް ހުރިފަރާތް ގެނެސް، އޭނާއަށް ޕީޖީކަން ދިނުމަކީ ދުނިޔެ ޤަބޫލު ކުރާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ހޯމް މިނިސްޓްރީގެ ކުޑަ ޑިޕަރޓްމެންޓަކަށް ބަދަލުކޮށް، ޕްރޮސެކިއުޓަރ ޖެނެރަލް ޑިޕާޓްމެންޓް ކިޔުން މާ ރަނގަޅެވެ. ޖުޑިޝިއަރީގެ މިނިވަންކަން މިކަމުން އެއްކޮށް ގެއްލި ޕޮލިސް ސްޓޭޓަކަށް ރާއްޖެ ބަދަލުވެ، ސަރުކާރަށް ބޭރުގެ މާލީ އެހީ ލިބުމުގެ ފުރުޞަތު ވެސް އިތުރަށް މިކަމުން ގެއްލިގެން ދާނެއެވެ.

ދިވެހިރާއްޖެ މިސްރާބު ޖަހާފައިވަނީ އަނިޔާވެރި ޕޮލިސް ސްޓޭޓަކާއި ދިމާލަށް ކަމަށް ބޭރު ޤައުމުތަކުގެ އެމްބަސީ ތަކުން ގަބޫލު ކޮށް އެކަން އެ ޤައުމުތަކުގެ ސަރުކާރުތަކަށް ރިޕޯޓް ކުރާނެއެވެ. ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް ޕީޖީކަން ދިނުމަކީ ކުޑަ ކަމެއް ނޫނެވެ. އެކަމުން އެ ގެއްލުވާލެވެނީ އަދުލު އިންސާފުގެ ނިޒާމެވެ.

މި ގޮތުން މިކަމުގެ ސަބަބުން އަދުލުއިންސާފުގެ ނިޒާމަށް ކުރާ އަސަރުތައް ކުރުކޮށް ހިމަނާލާނަމެވެ.

ބާރުތައް ވަކިކުރުމުގެ އުސޫލު ގެއްލުން: ހޯމް މިނިސްޓްރީއަކީ ވެރިކަން ހިންގާ ފަރާތުގެ ބައެއްކަމުން، ޕީ.ޖީގެ މަޤާމަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮންނަންޖެހޭ މަޤާމަކަށްވާތީ، މި ބަދަލުން ސަރުކާރުގެ ބާރުތައް ވަކިކުރުމުގެ އުސޫލު ގެއްލިގެން ދާކަން ބޭރު ޤައުމުތަކުން ފާހަގަ ކުރާނެއެވެ.
ސިޔާސީ ނުފޫޒު ފޯރުވުން: ޕީ.ޖީއަކީ ވަކި ފަރާތަކަށް ނުޖެހޭ މަޤާމަކަށް ވާންޖެހޭއިރު، ސީދާ މިނިސްޓްރީއެއްގެ މަޤާމަކުން އެ މަޤާމަށް އައުމުން ސިޔާސީ ނުފޫޒު ޖުޑިޝިއަރީއަށް މުއިއްޒު ސީދާ ފޯރުވާކަމަށް، ރާއްޖޭގެ ރައްޔިތުންނާއި، މުޅި ދުނިޔެ ޤަބޫލު ކުރާނެއެވެ. ތިމަންނާ ޔާމީނުގެ މައްސަލަ އަށް އަތް ނުބާނަމޭ ބުނެ ދައްކާ މިފަދަ ހުރިހާ ވާހަކައެއް އަމިއްލަ ޕާޓީގެ މީހުންވެސް އެހިސާބުން ޤަބޫލު ކުރުން ހުއްޓާލާނެއެވެ.
ދަޢުވާކުރުމުގެ ތަޖުރިބާ މަދުވުން:ސްޓޭޓް މިނިސްޓަރުގެ ފަންނީ ޤާބިލުކަމަށް ބަލާއިރު، ދަޢުވާކުރުމުގެ ދާއިރާގެ ތަޖުރިބާ މަދުވުމަކީ ފާހަގަ ކޮށްލެން ޖެހޭ ކަމެކެވެ. މިއީ ޕީ.ޖީގެ މަޤާމަށް ވަރަށް މުހިންމު ކަމެކެވެ. އަދި އިލްމީ ޤާބިލު ކަމަކީ މިފަދަ މަޤާމެއްގައި އަދުލުވެރި ވުމަށް ބާރު އަޅާނެ ކަމަކަށް ވާއިރު، އަބްދުލް މަޖީދުގެ އިނގިރޭސީ ފެންވަރު އޭނާގެ ފޭސްބުކް ބަޔޯއިން ވެސް އެނގެއެވެ.
މަސްލަހަތު ފުށުއެރުން: ހޯމް މިނިސްޓްރީގައި ހުރެ ނިންމާފައިވާ ނިންމުންތަކާއި އެކުލަވާލާފައިވާ ސިޔާސަތުތަކަކީ ފަހުން ދަޢުވާކުރަންޖެހިދާނެ ފަދަ ކަމަކަށް ވިއަސް، އެ ފުރުޞަތު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޕީޖީއަކަން ހުރެ ބެލޭނެ ގޮތެއް ނޯންނާނެއެވެ.
ރައްޔިތުންގެ ނަޒަރުގައި އިތުބާރު ގެއްލުން: މިފަދަ ޢައްޔަންކުރުމަކީ ޤާބިލުކަމަށް ބަލައިގެން ކުރާ ކަމެއްގެ ބަދަލުގައި ސިޔާސީ ޢައްޔަންކުރުމެއްގެ ގޮތުގައި ބެލެވި، ޢަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިގެން ދާނެއެވެ.
ޝަރުޢީ ދާއިރާގެ މިނިވަންކަން ގެއްލުން: ޕީ.ޖީއަކީ ސަރުކާރުގެ ބާރުގެ ދަށުގައިވާ ފަރާތެއްކަމަށް ދެކެވިއްޖެނަމަ، މުޅި ޝަރުޢީ ދާއިރާގެ މިނިވަންކަމާމެދު ސުވާލު އުފެދޭނެއެވެ.
ބައިނަލްއަޤްވާމީ ފާރަވެރިކަން: މިފަދަ ޢައްޔަންކުރުމަކުން ޝަރުޢީ ދާއިރާގެ މިނިވަންކަމާއި ޤާނޫނުގެ ވެރިކަމާ ގުޅޭގޮތުން ކަންބޮޑުވާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒު ވާނެއެވެ.
ނޭދެވޭ ބިންގަލެއް އެޅުން: މިފަދައިން މަސްލަހަތު ފުށުއަރާހެން މީހުން އައްޔަން ކުރުމަކީ މުސްތަޤުބަލުގައި ވެސް މިފަދަ ޢައްޔަންކުރުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ހުޅުވާލެވޭ ކަމަކަށް ވެފައި، ވެރިކަން ހިންގުމާއި ޝަރުޢީ ދާއިރާގެ މިނިވަންކަން އިތުރަށް ގެއްލިގެން ދާނެއެވެ. އަދި ރާއްޖޭގެ ތާރީޚުގައި މިއީ ވެރިކަން ދަމަހައްޓައި ކޯޓުތަކަށް އަތް ބާނައި، ޕޮލިސް ސްޓޭޓެއް އެކުލަވާލުމަށް ރައީސް މުއިއްޒު ހިންގި ހުތުރު އަމަލެއް ގޮތުގައި އެމަނިކުފާނުގެ ލެގަސީ ލިޔެވިގެން ދާނެއެވެ.
ބާރުތައް މަސްހުނިވުން: ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު ޕީ.ޖީ އަކަށް ވުމުން، ފުލުހުންނާއި ދަޢުވާކުރާ ފަރާތް ގާތްވެ، މިދެ މުއައްސަސާގެ މިނިވަންކަން ގެއްލިގެން ދާނެއެވެ. މިކަމުން ފުލުހުންގެ ބާރު އިތުރުވެ، އެހެން މުއައްސަސާތަކުގެ ބާރު ކުޑަވާނެއެވެ.
އިދިކޮޅު ފަރާތްތަކަށް ދައުވާކުރުން: މިފަދަ ގުޅުމެއް އޮތުމުން، ސިޔާސީ އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ޤާނޫނީ ފިޔަވަޅު އެޅުމުގެ ފުރުސަތު އިތުރުވެދާނެއެވެ. މިއީ ޑިމޮކްރަސީގެ އަސާސްތަކަށް ނުރައްކާވާނެ ކަމެކެވެ.

އެހެންކަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު ޕީޖީކަމަށް ގެނައުމަކީ މުޅި ދުނިޔޭގެ ސަމާލުކަން އެކަމަކަށް ހުއްޓޭނެ ކަމެކެވެ. އަދި އިނދިކޮޅު ޕާޓީ ތަކުން މިކަމާއި ގުޅިގެން ނޫސް ބަޔާން ނެރޭ ހިސާބުން އައިއެމްއެފް، ޔޫއެން ހިމެނޭހެން ބޭރުގެ މަލްޓިލެޓްރަލް އޯގަނައިޒޭޝަން ތަކާއި، ބޭރުގެ ސަރުކާރުތަކުގެ ސަމާލުކަމަށް މިކަން އަންނާނެއެވެ. އަދި ބޭރުގެ މީޑިޔާތަކުގެ ސަމާލުކަމަށް ވެސް މިކަން އަންނާނެއެވެ. އެހިސާބުން ރާއްޖެއާއި މެދު ދުނިޔެ ދެކޭގޮތް އަނެއްކާވެސް ބަދަލުވެގެން ދާނެއެވެ.