މާލޭގައި އަންހެނަކު ކަރުގައި ވަޅި ޖައްސާ ރަހީނުކުރި އަތުހަރު އަމިއްލައަށް މަރުވާން އުޅުނު ކަމަށް ބުނެ, މިރޭ ފުލުހުން އޭނާ ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސް, އޭނާ ވެންޓިލޭޓަރަށް ލީފަހުން ޑޮކްޓަރުން އުއްމީދު ކަނޑާލާފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރިން ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަތުހަރު ސަލާމަތް ކުރެވޭނެކަމުގެ އުއްމީދު ޑޮކްޓަރުން މިހާރުވަނީ ކަނޑާލާފައެވެ. އަދި އޭނާ މިހާރު ދަނީ މަރާ ހަނގުރާމަ ކުރަމުން ކަމުގައިވެސް އޮފިޝަލް ވިދާޅުވެފައިވެއެވެ.
އަތުހަރު ގޮޅީގައި ބަންދު ކޮށްފައި ހުއްޓާ އޭނާ އަމިއްލައަށް މަރުވާން އުޅުނުކަމަށް ފުލުހުން ބުނުމާއެކު އެޗްއާރުސީއެމްއިންވެސް އެހާދިސާ ތަހުގީގު ކުރަމުންދާކަމަށް ބުނެފައި ވެއެވެ.
އެހެންނަމަވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ކަރެކްޝަންސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި, އަތުހަރު އަމިއްލައަށް މަރުވާން އުޅުނުކަމަށް ފުލުހުން ބުނިނަމަވެސް މިރޭ ކަސްޓޯޑިއަލް ޑިޕާޓަމަންޓުން އޭނާއާއި މުއާމަލާތުކުރި އޮފިސަރުން މުއާމަލާތު ކޮށްފައިވަނީ ބޮޑީ ކެމްތައް ނުލައެވެ. އަދި އޭނާ ހަރަކާތްތެރިވެފައިވާތަން ފެންނަ ވީޑިއޯ ފޫޓޭޖްތައްވެސް ނެތްކަމަށް އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އެގޮތުން ފުލުހުން އޭނާގެ މެޑިކަލް ރިޕޯޓުތައް ނޯމަލްކަމަށް ބުނެ ގޮޅިއަށް ލީ ނަމަވެސް, އަތުހަރުގެ ހާލު ގޯސްވެފައިވަނީ އޭނާ ހައްޔަރު ކުރުމަށް ފުލުހުންގެ މުގުރުން އޭނާގެ ބޮލަށް ދިން ހަމަލާއިން ލިބުނު އަނިޔާގެ ސަބަބުންކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އަތުހަރު އަންހެން ކުއްޖަކު ރަހީންކޮށް ވަޅިން ބިރުދައްކަމުން ދަނިކޮށް އޭނާ ހައްޔަރު ކޮށްފައިވަނީ, އޭނާގެ ފަހަތުން ފުލުހުން އައިސް ޕޮލިސް މުގުރުން އޭނާގެ ބޮލަށް ދިން ހަމަލާއިން އޭނާ ހޭ ނައްތާލުމަށް ފަހުއެވެ. އެހެންނަމަވެސް ޕޮލިސް މުގުރަކީ މިފަދަ ހާލަތްތަކުގައި އެ އުސޫލުން މީހުންގެ ބޮލަށް ހަމަލާ ދިނުމަށް ބޭނުންކުރާ އަލާތެއް ނޫނެވެ. އޭގެ ބަދަލުގައި އެފަދަ ހާލަތްތަކުގައި ފުލުހުން ބޭނުން ކުރަން ޖެހެނީ އެފަދަ ހާލަތްތަކަށް ޚާއްސަކޮށް ތައްޔާރު ކޮށްފައިވާ ނޮން ލީތަލް ހަތިޔާރުތަކެވެ. އޭގެ ތެރޭގައި ކޮންޑަކްޓެޑް އިލެކްޓްރިކަލް ވެޕަން (CEW) ހިމެނެއެވެ. މިއީ 7 މީޓަރު ދުރުން ހަމަލާ ދެވޭ, އަދި ބިރުދައްކާ މީހާ ވަގުތުން ނިއުޓްރަލައިޒް ކޮށްލެވޭ ހަތިޔާރެކެވެ.
އެހެންނަމަވެސް މި ހަތިޔާރުގެ ބޭނުން ނުކޮށް, މުގުރުން އަތުހަރުގެ ބޮލުގައި ޖެހުމުން އޭނާގެ ސިކުނޑިއަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބިފައިވާކަމަށް މައުލޫމާތު ލިބިފައެވެ. ފުލުހުން ކޮންޑަކްޓެޑް އިލެކްޓްރިކަލް ވެޕަން (CEW) މި ހާދިސާގައި ބޭނުން ކޮށްފައިނުވަނީ ފުލުހުންގެ ސްޓޮކްގައި މި ހަތުޔާރު ނެތިގެންކަމަށްވެސް އެނގިފައިވެއެވެ. އެހެންނަމަވެސް މި ހަތިޔާރު ގަތުމަށް ފުލުހުންގެ މުވައްސަސާއަށް މަޖިލީހުން ބަޖެޓް ހަމަޖައްސާދީފައި ވެއެވެ.
އެހެންނަމަވެސް އެ ހާދިސާ ކޮންޓްރޯލް ކުރުމަށް ފުލުހުން ދިން މި ހަމަލާއަށް ހޯމް މިނިސްޓަރ އަލީ އިހުސާންއާއި ފޮލިސް ކޮމިޝަނަރ ޝުޖާއު ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކަވާފައި ވެއެވެ.