ޚަބަރު

އަތުހަރު ދަންޖެހުނު ކަމުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ނުދެއްކޭ, ވީޑިއޯ ފޫޓޭޖެއްވެސް ހާމައެއް ނުކުރެވޭ, ޕޯސްޓް މޯޓަމް ހަދަން އުޅެނީ އާއިލާގެ ނުރުހުމުގައި, އެއީ ހަގީގަތް އޮޅުވާލުމުގެ މަގުސަދުގައި!

ދިޔަވަރު
އަތުހަރު ދަންޖެހުނު ކަމުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ނުދެއްކޭ, ވީޑިއޯ ފޫޓޭޖެއްވެސް ހާމައެއް ނުކުރެވޭ, ޕޯސްޓް މޯޓަމް ހަދަން އުޅެނީ އާއިލާގެ ނުރުހުމުގައި, އެއީ ހަގީގަތް އޮޅުވާލުމުގެ މަގުސަދުގައި!

ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުރި އާދަމް އަތުހަރު މަރުވީ ދަންޖެހިގެން ކަމަށް ގަބޫލުނުކުރާ ކަމަށާއި އޮޓޮޕްސީ ހަދަން ދެކޮޅު ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

އަދި އާއިލާއިން މިހެން ބުނެފައިވާއިރު, އަތުހަރު މަރިވތާ 6 ގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް, އަދިވެސް ފުލުހުންނަށް އޭނާ ދަންޖެހުނުކަން ޔަގީން ކޮށްދެވޭވަރުގެ ވީޑިއޯ ފޫޓޭޖެއްވެސް ހާމަކުރެވިފައެއް ނުވެއެވެ.

ރޭ ދޫނިދޫ ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނިގެން އައިޖީއެމްއެޗަށް ގެންދިޔަ އަތުހަރު މިއަދު 16:08ހާއިރު މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންވެ، އެ މައްސަލަ ބަލައި، އަތުހަރު މަރުވި ސަބަބު ހޯދަން އޮޓޮޕްސީ ހަދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަތުހަރުގެ އާއިލާއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާ ދަންޖެހިފައިވާކަމުގެ އެއްވެސް ނިޝާނެއް ހަށިގަނޑުގައި ނެތް ކަމަށާއި ދަންޖެހުނު ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި ބޭނުންވަނީ ވީހާވެސް އަވަހަށް އަތުހަރުގެ ހަށިގަނޑު ވަޅުލާން ކަމަށް ވެސް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އާއިލާއިން އެގޮތަށް ބުނުމާ ގުޅިގެން ފުލުހުން ބުނެފައިވަނީ, އޮޓޮޕްސީ ހެދުމާ ގުޅޭ ގޮތުން މިރޭ އާއިލާއާ ބައްދަލުކޮށް، ގޮތް ނިންމާނެ ކަމަށެވެ.

އަތުހަރު ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި، ރަހީނު ކުރި މައްސަލައިގައެވެ. އެ އަންހެން މީހާ ސަލާމަތް ކުރީ ފުލުހުން އަތުހަރުގެ ބޮލުގައި މުގުރުން ޖެހުމަށް ފަހުގައެވެ.

އެއަށް ފަހު އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލިއެވެ.

އޭޑީކޭއިން ދޫކޮށްލި ފަހުން އަތުހަރު ހޮޑުލާތީ ހުކުރު ދުވަހު އޭނާ އައިޖީއެމްއެޗަށް ގެންގޮސް، އޮބްޒަވޭޝަންގައި ފަރުވާ ދޭން ފެށިއެވެ. އެއަށްފަހު އޭނާ ދޫކޮށްލުމާއެކު ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އަދި އަތުހަރު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމުން ފުލުހުން އޭނާ ދޫނިދޫ ކަސްޓޯޑިއަލްއަށް ގެންދިޔައެވެ.

ދޫނިދޫގައި ހުއްޓާ އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތްކުރުމުން ރޭ ފުލުހުން އޭނާ އަލުން އައިޖީއެމްއެޗަށް ގެންދިޔައެވެ. އަދި އޭނާއަށް އައިސީޔޫގައި، ވެންޓިލޭޓަރުގައި ފަރުވާ ދޭން ފެށިއެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ކަރެކްޝަންސްގެ އޮފިޝަލަކު ރޭ ވިދާޅުވި ގޮތުގައި, އަތުހަރު އަމިއްލައަށް މަރުވާން އުޅުނުކަމަށް ފުލުހުން ބުނިނަމަވެސް ރޭ ކަސްޓޯޑިއަލް ޑިޕާޓަމަންޓުން އޭނާއާއި މުއާމަލާތުކުރި އޮފިސަރުން މުއާމަލާތު ކޮށްފައިވަނީ ބޮޑީ ކެމްތައް ނުލައެވެ. އަދި އޭނާ ހަރަކާތްތެރިވެފައިވާތަން ފެންނަ ވީޑިއޯ ފޫޓޭޖްތައްވެސް ނެތްކަމަށް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އެގޮތުން ފުލުހުން އޭނާގެ މެޑިކަލް ރިޕޯޓުތައް ނޯމަލްކަމަށް ބުނެ ގޮޅިއަށް ލީ ނަމަވެސް, އަތުހަރުގެ ހާލު ގޯސްވެފައިވަނީ އޭނާ ހައްޔަރު ކުރުމަށް ފުލުހުންގެ މުގުރުން އޭނާގެ ބޮލަށް ދިން ހަމަލާއިން ލިބުނު އަނިޔާގެ ސަބަބުންކަމަށްވެސް ”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އަތުހަރު އަންހެން ކުއްޖަކު ރަހީންކޮށް ވަޅިން ބިރުދައްކަމުން ދަނިކޮށް އޭނާ ހައްޔަރު ކޮށްފައިވަނީ, އޭނާގެ ފަހަތުން ފުލުހުން އައިސް ޕޮލިސް މުގުރުން އޭނާގެ ބޮލަށް ދިން ހަމަލާއިން އޭނާ ހޭ ނައްތާލުމަށް ފަހުއެވެ. އެހެންނަމަވެސް ޕޮލިސް މުގުރަކީ މިފަދަ ހާލަތްތަކުގައި އެ އުސޫލުން މީހުންގެ ބޮލަށް ހަމަލާ ދިނުމަށް ބޭނުންކުރާ އަލާތެއް ނޫނެވެ.

އޭގެ ބަދަލުގައި އެފަދަ ހާލަތްތަކުގައި ފުލުހުން ބޭނުން ކުރަން ޖެހެނީ އެފަދަ ހާލަތްތަކަށް ޚާއްސަކޮށް ތައްޔާރު ކޮށްފައިވާ ނޮން ލީތަލް ހަތިޔާރުތަކެވެ. އޭގެ ތެރޭގައި ކޮންޑަކްޓެޑް އިލެކްޓްރިކަލް ވެޕަން (CEW) ހިމެނެއެވެ. މިއީ 7 މީޓަރު ދުރުން ހަމަލާ ދެވޭ, އަދި ބިރުދައްކާ މީހާ ވަގުތުން ނިއުޓްރަލައިޒް ކޮށްލެވޭ ހަތިޔާރެކެވެ.

އެހެންނަމަވެސް މި ހަތިޔާރުގެ ބޭނުން ނުކޮށް, މުގުރުން އަތުހަރުގެ ބޮލުގައި ޖެހުމުން އޭނާގެ ސިކުނޑިއަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބިފައިވާކަމަށް މައުލޫމާތު ލިބިފައެވެ. ފުލުހުން ކޮންޑަކްޓެޑް އިލެކްޓްރިކަލް ވެޕަން (CEW) މި ހާދިސާގައި ބޭނުން ކޮށްފައިނުވަނީ ފުލުހުންގެ ސްޓޮކްގައި މި ހަތުޔާރު ނެތިގެންކަމަށްވެސް އެނގިފައިވެއެވެ. އެހެންނަމަވެސް މި ހަތިޔާރު ގަތުމަށް ފުލުހުންގެ މުވައްސަސާއަށް މަޖިލީހުން ބަޖެޓް ހަމަޖައްސާދީފައި ވެއެވެ.

އެހެންނަމަވެސް އެ ހާދިސާ ކޮންޓްރޯލް ކުރުމަށް ފުލުހުން ދިން މި ހަމަލާއަށް ހޯމް މިނިސްޓަރ އަލީ އިހުސާންއާއި ފޮލިސް ކޮމިޝަނަރ ޝުޖާއު ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކަވާފައި ވެއެވެ.