ޚަބަރު

މާލީ ހާލަތު ބޮއްސުންލާފައި ވަނިކޮށް، މުއިއްޒުގެ އަމުރަށް، އެމްއެމްއޭ އަށް ސިޔާސީ މީހުން އައްޔަން ކުރުމަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން އަލުން އިއުލާނުކޮށްފި

ދިޔަވަރު
މާލީ ހާލަތު ބޮއްސުންލާފައި ވަނިކޮށް، މުއިއްޒުގެ އަމުރަށް، އެމްއެމްއޭ އަށް ސިޔާސީ މީހުން އައްޔަން ކުރުމަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން އަލުން އިއުލާނުކޮށްފި

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން މިދިޔަ މަހު އަށެއްގައި ކުރި އިއުލާނުގެ މުއްދަތު ހަމަވިއިރު ވެސް އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާ ކަމަށް ބުނެ އެ މަގާމުތަކަށް ކުރިމަތިލުމަށް އަލުން އިއުލާނުކޮށްފި އެވެ.

އެމްއެމްއޭ އިން މިއަދު ގެޒެޓުކުރި އިއުލާނުގައި ބުނީ ކުރީގެ އިއުލާނު ބާތިލްކޮށް، މިފަހަރު ކުރި އިއުލާނާއެކު ޓާމްސް އޮފް ރިފަރަންސްއަށް ބަދަލުގެނެސްފައިވާނެ ކަމަށެވެ.

އެގޮތުން ގެނައި ބަދަލުގެ ގޮތުގައި ފާހަގަކުރެވެނީ، މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ތައުލީމީ ފެންވަރާއި ތަޖުރިބާގެ ބަޔަށް ގެނެސްފައިވާ ބަދަލެވެ.

އެމްއެމްއޭ އެމްޑީން ހޯދަން އިއުލާނުކުރި ދާއިރާތައް

  • މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް
  • ފައިނޭންޝަލް ސްޓެބިލިޓީ
  • ބޭންކިން އޮޕަރޭޝަންސް
  • ކޯޕޮރޭޓް ސަރވިސަސް
  • ފައިނޭންޝަލް ސެކްޓަރ ޑިވަލަޕްމަންޓް

މިއަދުގެ އިއުލާނާއެކު ޝައުގުވެރިވާ ފަރާތްތަަކުން މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ސެޕްޓެމްބަރު 17، ގެ މެންދުރު 1:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. މެނޭޖިން ޑިރެކްޓަރުންގެ މުސާރައަކީ 50،000ރ. އާއި 55،000ރ. އާ ދެމެދުގެ އަދަދެކެވެ. އެކަކަށް މި މަގާމު އަދާކުރެވޭނީ ފަސް އަހަރުގެ ދެ ދައުރަށެވެ.

މަރުކަޒީ ބޭންކުން ހޯދާ އެމްޑީގެ މަގާމަކީ އެމްއެމްއޭގައި މީގެ ކުރިން ތިބި އެސިސްޓަންޓު ގަވަރުނަރުގެ މަގާމު އުވާލައި އެ މަގާމުގައި ތިބި މީހުން އެޑްވައިޒަރުންގެ މަގާމާށް ޕްރޮމޯޓުކުރުމަށް ފަހު އަލަށް އުފެއްދި މަގާމެކެވެ.