ސިޔާސީ

ފައިސާއެއް ނެތް؟ ހުވާކޮށްލުމަށް 23 މިލިއަން! ހަމަ އަގަކީ 5 މިލިއަން!

ދިޔަވަރު
ފައިސާއެއް ނެތް؟ ހުވާކޮށްލުމަށް 23 މިލިއަން! ހަމަ އަގަކީ 5 މިލިއަން!

2023 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން ފެށިގެންއައީ ދައުލަތް ދަވާލިކަމަށް، އިނދިކޮޅުން ބުނެ ސަރުކާރަށް އެތުހުމަތު ކުރަމުންނެވެ. ރައްޔިތުންގެ ވޯޓު ހޯދީ މިވާހަކަވެސް މިގޮތަށް ދައްކައިގެންނެވެ! ކުންފުނިތައް ބަނގުރޫޓު ވެފައިވާކަމަށް ތަކުރާރުކޮށް ވާހަކަ ދައްކަމުން ތިމަންނާމެން މިއަންނަނީ މިކަންކަން އިސްލާހް ކުރުމަށް ކަމަށް ބުނެއެވެ. ބައިތުލްމާލުގައި ލޯލަރިވެސް ނެތްކަމަށް ބުނެއެވެ.

ދެންދެއްކީ ލޯނުގެ ވާހަކައެވެ. މުޅި ރާއްޖެ ދަރާ އޮތް ވާހަކައެވެ! ރާއްޖޭގެ ތާރީޚްގައި ނުނަގާހާ ގިނަ ލޯނުނަގައިގެން ދިވެހި ނުވިހާ ދަރިންވެސް ދަރުވާލި ވާހަކައެވެ. ރައްޔިތުންނަށް ދެއްކީ މި މަންޒަރެވެ! ވިއްކީ ބައިތުލްމާލު ހުސްކުރި ވާހަކައާއި، ލޯނު ނަގައި ގައުމު ދަރުވާލި ވާހަކަ އެވެ.

މިހިސާބުން ނިމުނީކީ ނޫނެވެ. ދެން ދެއްކީ ނުއަގުގައި ޕްރޮޖެކްޓްތައް ދީގެން ނާޖާއިޒް މަންފާ ނެގި ވާހަކައެވެ. ކަމާއި އެކަށީގެން ނުވާ ވަރުގެ ބޮޑު އަގުތަކުގައި ޕްރޮޖެކްޓް ހިންގި ވާހަކައެވެ.

މީގެ ދެތިން ހަފްތާކުރިން މުއީއްޒުގެ ތަރުޖަމާނު، ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރާއްޖޭގެ ކުންފުނިތައް ހިންގުމަށް ފައިސާ ނެތްކަމަށެވެ. ވާހަކަ ހުރި ގޮތުން ބައެއް ކުންފުނިތައް އުވާލަން ޖެހިދާނެހެންވެސް ހީވެއެވެ.

މުއީއްޒުގެ ޓީމުން ބެލި މިންގަޑުތަކުން ބަލާނަމަ ރާއްޖޭގައި ތަގެތީގެ އަގު އަދިވެސް އިންތިހާއަށް ދަނީ ބޮޑުވަމުންނެވެ! ރައްޔިތުންގެ ހާލަތަށް ބަދަލެއް ނާދެއެވެ. ދައްކަން ހުރި ލޯނުތައް ދައްކައި އެހާލަތު ބަދަލު ކުރުމަށް އެންމެ ފުރަތަމަ ކުރަން އޮތް ކަމަކީ ޚަރަދު ކުޑަކުރުން ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. ނަމަވެސް މިފެށީ 23 މިލިއަނުގެ ބޮޑު އިސްރާފަކުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް 11،000 މީހުންނަށް ދައުވަތު ދޭން 10 މިލިއަން ޚަރަދު ކުރިއިރު، 3000 މީހުން ގެ އިވެންޓަކަސް ޚަރަދުވާނެ އަސްލު އަގަކީ 5-6 މިލިއަން ރުފިޔާއެވެ. ބަޔަކު މީހުން ރުއްސަންވެގެން ޕްރޮޖެކްޓް ފަށާފައި މިވަނީވެސް ތަޙްޤީޤް ކުރަންޖެހޭ ފަދަ ބޮޑު އަގެއްގައެވެ.

ބައިތުލްމާލު ހުސްވެފައި އޮއްވައި، އަދި އަމުދުން ސަރުކާރު ކުންފުނިތައް ހިންގާނެ ފައިސާ ނެތިގެން އެ ކަންބޮޑުވުން ޓްރާސިޝަންގައި އަމިއްލަ އަށް ފާހަގަ ކުރުމަށްފަހު، މިފަދަ ބޮޑު އިސްރާފެއް ކުރަން ހެޔޮނުވާނެއެވެ.