މާލޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރިއަށް ގޮސް އިޒްރޭލާ ދެކޮޅަށް އަޑުފުލުން މަނާކޮށްް, އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް މެދުކެނޑުމެއްނެތި އިހުތިޖާޖުކޮށް އަޑު އުފުލަމުން ދަނިކޮށް ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ.
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް އެމްބަސީތައް ކައިރީ މުޒާހަރާކުރާތީ ހައްޔަރުކުރީ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ (47އ) އާއި ޑރ. ޝަޒްރާ އިބްރާހީމް (36އ) އެވެ.
މި ދެމީހުން މިއަދު ބަންދުން މި ދޫކޮށްލި ބަންދުކުރިތާ ނުވަ ދުވަސް ފަހުންނެވެ.
ޝާދިޔާ އާއި ޑރ. ޝަޒްރާގެ ބަންދާ މެދު ގޮތެެއް ނިންމުމަށް ކޯޓަށް ފުލުހުން ހުށައެޅި ފޯމުގައި އޮތީ 15 ދުވަހުގެ ބަންދެއް ޖަހާދިނުމަށެވެ. އެހެންނަމަވެސް ކޯޓުގައި ފުލުހުން އެދުނީ ޝަރުތުތަކާއި އެކު ދޫކޮށްލުމަށެވެ. އެހެންކަމުންް އެމްބަސީތައް ކައިރިޔަށް އެއްވެ އަޑު ނުއުފުލަން ޝަރުތުކޮށް ކޯޓުން ވަނީ ޝާދިޔާ އާއި ޑރ. ޝަޒްރާ މިނިވަންކޮށްފައެވެ.
ޝާދިޔާ އާއި ޑރ. ޝަޒްރާ ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް، ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކުރުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ.
މިދިޔަ މަހުގެ 28 ވަނަދުވަހު ޝާދިޔާ އާއި ޑރ. ޝަޒްރާ ހައްޔަރުކުރުމަށްފަހު ދެ ފަހަރެއްގެ މަތިން ކޯޓުްނ ބަންދުގެ މުއްދަތު ޖަހާދީފައިވެއެެ. ފުރަތަމަ މުއްދަތު ޖެހީ ތިން ދުވަހަށެވެ. ދެވަނަ ފަހަރަށް މުއްދަތު ޖެހީ ފަސް ދުވަހަށެވެ.
މި ސަރުކާރުން ދަނީ އިޒްރޭލާއި ދެކޮޅަށް ރާއްޖޭގައި އެއްވެސް ހަރަކާތެއް ހިންގުން މަނާ ކުރަމުންނެވެ. އެގޮތުން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް މަޖިލިހަށް ހުށަހެޅި ބިލުގެ މަސައްކަތްވެސް މުއިއްޒުގެ އެންގުމަށް މަޖިލީހުގައިވަނީ ޕާކު ކޮށްފައެެވެ.
ފަލަސްތީނުގެ ހައްގުގައި އަޑު އުފުލަމުން ދަނިކޮށް ދެ އަންހެން ކަބަލުން ހައްޔަރު ކުރުމަކީ ރައީސް މުއިއްޒު އެ ދެކަނބަލުންނަށް ދޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި, ޑރ. މުއިއްޒުގެ އަނިޔާތަކުގެ ބަދަލު އޭނާއާއި އަވަހަށް ޖައްސަވާ, އަނިޔާވެރިން މުއިއްޒުގެ ނިމުން އަވަސްކުރެއްވުން އެދި ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު ވަނީ ދުއާވެސް ކުރައްވާފައެވެ.