ސިޔާސީ

އިސްލާމް ދީނާއި ދެކޮޅު ޖާހިލީ ޒަމާނުގެ ވަންހަ ވަންތަ ޤައުމިއްޔަތުގެ ފަނާކުރުވަނިވި ފިކުރު ދިރުވުމަށް މުއިއްޒު އުޅެނީ ލާދީނީ ކަމުން

ދިޔަވަރު
އިސްލާމް ދީނާއި ދެކޮޅު ޖާހިލީ ޒަމާނުގެ ވަންހަ ވަންތަ ޤައުމިއްޔަތުގެ ފަނާކުރުވަނިވި ފިކުރު ދިރުވުމަށް މުއިއްޒު އުޅެނީ ލާދީނީ ކަމުން

އިސްލާމް ދީން އައުމުގެ ކުރިން އަރަބިންގެ މެދުގައި އޮތީ ޖަހީލީ ޒަމާނުގެ ވަންހަތަކުގެ ލޯތްބެވެ. އޭރު އަރަބިންނަކީ ވަކި ޤައުމަކަށް ނިސްބަތްވާ ބައެއް ނޫނެވެ. އަރަބިންގެ މެދުގައި އޮތީ ޓްރައިބް (ވަންހަ) ތަކެވެ. އަމިއްލަ ވަންހައަށް އޮތް ހައްދުފަހަނައަޅާފައިވާ ވަފާތެރިކަން (ޢަޞަބިއްޔާ) ވެގެން ދިޔައީ އިސްލާމް ދީން ފެތުރުމަށް އެންމެ ފުރަތަމަ ކުރިމަތިވި ގޮންޖެހުންތަކުގެ އަސާސަށެވެ.

އިސްލާމްދީން ވަނީ އޭރުގައި، ވަންހަ (ގަބީލާ) ވަންތައްކަމުން ކުރިމަތިވި ހުރަސްތައް ނައްތާލައި، އީމާންކަމުގެ ދަށުން މީސްތަކުން އެއްބައިކޮށްފައެވެ.

ޤައުމިއްޔަތު (ނެޝަނަލިޒަމް)ގެ ނޭޝަން އުފެދެނީ އެއް ނަސްލަކަށް، ދަރިފަސްކޮޅަކަށް ނިސްބަތްވާ، ނޫނީ، އެއް މާޒީއެއް ހިއްސާ ކުރާ، އެހެން ނޫނީ އެއް ސަގާފަތެއް ބަލައިގަންނަ، ނުވަތަ އެއް ބަހަކުން ވާހަކަ ދައްކާ މީހުންގެ މެދުގައެވެ. ވަންހަވަންތަ ކަމާއި ޤައުމިއްޔަތާއި ދެމެދު އޮތީ އެންމެ ފަރަގަކެއެވެ. އެއީ ގަބީލާތައް އެމީހުންގެ ދަރިފަސްކޮޅަށް ނިސްބަތް ކުރެމެވެ. އެނޫން ހުރިހާ ކަމެއްގައި ވަންހަވަންތަ ކަމާއި ޤައުމިއްޔަތަކީ އެކައްޗެކެވެ. އެއް ފިކުރެކެވެ. ދެބައި މީހުންގެ ފިކުރީ އަސާސް ތަކަކީ އެކައްޗެކެވެ. އެއްވެސް ތަފާތެއް ނުވެއެވެ. ޤައުމިއްޔަތަކީ، އަރަބި ކަރާގައި ޖާހިލީ ޒަމާނުގައި އޮތް ފިކުރު އަނބުރާ ރުޖޫޢަ ކޮށް، އިސްލާމީ ޚިލާފަތް ބައިބައި ކޮށް ނައްތާލުމަށް، އިނގިރޭސިން އަޑީގައި ތިބެ، ޢުޘްމާނީ ޚިލާފަތް ރޫޅާލި ނުރައްކާތެރި ލާދީނީ ފަލްސަފާއެވެ.

އިސްލާމް ދީނަކީ އެއްބައިވަންތަކަމާއި އުޚުއްވަތްތެރިކަމަށް އަހައްމިއްޔަތުކަން ދޭ ދީނެކެވެ. ވަކި ޤައުމެއް ނުވަތަ ވަކި މުޖުތަމަޢުއެއްގެ މައްޗަށް ހައްދުފަހަނައަޅައި ގޮސް ލޯބިވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ. އިސްލާމް ދީނުގައި އޮންނަނީ އިސްލާމީ އުއްމަތެވެ. އެމެރިކާއާއި، އިންޑިޔާއާއި، ޖަރުމަނުގައި ހުންނަ މުސްލިމް މީހާއަކީވެސް އެ އުއްމަތުގެ ރައްޔިތެކެވެ. ނަސްލާއި ކުލައާއި، ވާހަކަ ދައްކާ ބަހަކުން ޤައުމުގެ ތަފާތުތަކަކަށް އަހައްމިއްޔަތުކަމެއް އިސްލާމީ އުއްމަތުގައި ނޯވެއެވެ.

ޤައުމިއްޔަތަކީ އެއްބަޔަކު އަނެއްބަޔަކަށްވުރެ މާތްވެގެންވާކަމަށް ދައުވާ ކުރާ ފަލްސަފާއެކެވެ. މިއީ އިސްލާމް ދީން ކަނޑައެޅިގެން ނަހީ ކުރައްވާފައިވާ ކަމެކެވެ. ނަމަވެސް މުއިއްޒު ވަނީ މި ހައްދުފަހަނަ އެޅި ޤައުމިއްޔަތު ސްކޫލްތަކުގައި ކިޔަވަދޭން ފަށާފައެވެ. އަދި މި ލާދީނީ ފިކުރު ކުރިއެރުވުމަށް ކޮލަޖެއް ވެސް އުފައްދާފައެވެ.

ރަސޫލު ﷺ ހަދީސް ކުރައްވާފައި ވަނީ އެކަލޭގެފާނުގެ ޚުޠުބަތުލް-ވަދާޢުގައި، އަރައްބެއްގެ މައްޗަށް އަޖަމީއަކަށް، އަދި ހުދު މީހެއްގެ މައްޗަށް ކަޅު މީހަކަށް މާތްކަމެއް ލިބިގެން ނުވާ ކަމަށެވެ. އެހެނަސް ތަޤްވާވެރިކަމާއި ހެޔޮ ޢަމަލުތަކުން މެނުވީ ކަމަށެވެ. ކީރިތި ޤުރުއާނުގައި މާތްﷲ އަންގަވާފައިވަނީ "ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ." މާތް ﷲ އާއި އެކަލާންގެ މި އުންމަތަށް ކައުކުރެއްވި މާތް ރަސޫލު ﷺ އަންގަވާފައިވާ ކަންކަމަށް ސީދާ ޖަދަލު ކުރާ ފިކުރެއް، އަދި މުސްލިމުން ބައިބައި ކުރުމަށް ހުޅަނގުން ކުރިއަށް ނެރުނު ފިކުރެއް، ކުރިއެރުވުމަށް މުއިއްޒު ކެނޑިނޭޅި މަސައްކަތް ކުރަނީ ލާދީނީ ކަމުން ނޫން ކޮން ކަމަކާތޯއެވެ؟

ޢުޘްމާނީ ޚިލާފަތް ނިމުމަކަށް ގެނެސް، މެދުއިރުމައްޗަށް ބްރިޓިޝްގެ ބާރު ގަދަ ކުރަން ބޭނުން ކުރި ފިކުރަކީ ޤައުމިއްޔަތުގެ ފިކުރެވެ. ޤައުމިއްޔަތުގެ ފިކުރުގައި، އާ ވަންހަވަންތަ ނޭޝަންސް (ގައުމު) ތަކެއް ގާއިމު ކޮށް ދޭނޭ ކަމުގެ ޔަގީން ކަން އިނގިރޭސީން ދިނެވެ. "ލޯރެންސް އޮފް އަރޭބިއާ" ގެ ނަމުންވެސް މަޝްހޫރު އިނގިރޭސި ރައްޔިތެއް ކަމުގައިވާ ޓީ.އީ.ލޯރެންސް އިނގިރޭސީންގެ މެދުވެރިއެއްގެ ދައުރު މިކަމުގައި ކުޅުނެވެ. ޤައުމިއްޔަތު މުސްލިމުންގެ މެދުގައި ދިރުވައި، ޤައުމިއްޔަތުގެ ވަންހަވަންތަ ޤައުމުތައް އުފެއްދުމަށް، މުސްލިމުންގެ ޚަލީފާއާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެތައް ބިލިއަން ޑޮލަރަކާއި ހަތިޔާރެއް އިނގިރޭސީން ފޯރުކޮށް ދިނެވެ.

މި ގޮތުން މި ޤައުމިއްޔަތުގެ ފިކުރު އިސްލާމީ އުއްމަތުގައި ދިރުވުމަށް ފައިސާ ނެގައި ޚަލީފާއާއި ދެކޮޅަށް ބަޣާވާތް ކޮށް ހަނގުރާމަ ކުރި މީހުންގެ ތެރޭގައި އެންމެ މަޝްހޫރު މީހަކީ ޝަރީފް ޙުސައިން އިބްނު ޢަލީއެވެ. މިއީ މައްކާގެ ހާޝިމީ ދަރިކޮށް ނިސްބަތްވާ ޝަރީފު ޙުސައިން އިބްނު ޢަލީ އެވެ. މީނާގެ އާއިލާއަށް 3 ޤައުމެއް އުފައްދައި ދޭނެ ކަމުގެ ޔަގީން އިނގިރޭސީން ދިނެވެ. އެންމެ ފަހުން މި އާއިލާގެ މީހުން މަރާލީވެސް އިނގިރޭސީން އެވެ. ހަމަ އެކަނި ސަލާމަތުން ހުރި މީހާއަކީ، ޝަރީފް ޙުސައިންގެ ދަރިއެއް ކަމުގައިވާ ޢަބްދުﷲ އިބްނުލް ޙުސައިން އެވެ. އެއީ ޓްރާންސްޖޯޑަން ގެ ނަމުގައި ކުޑަކުޑަ ގައުމެއް އުފައްދައި (މިހާރުގެ ޖޯޑަން) ދިނީ އޭނާއަށެވެ. މިއަދުގެ ޖޯޑަންގެ ރަސްގެފާނު ޢަބްދުﷲ ދެވަނައަކީ މި ޢާއިލާގެ ބޭފުޅެކެވެ.

އިބްނު ސަޢޫދުގެ ޢާއިލާ:
ބްރިޓިޝް ސަރުކާރުން ޢަބްދުލްޢަޒީޒު އިބްނު ސަޢޫދަށް ފައިސާއާއި ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދިނެވެ. މީގެ ސަބަބުން ނަޖްދު ސަރަޙައްދުގައި އިބްނު ސަޢޫދުގެ ބާރު އިތުރުވެ، ފަހުން ސަޢޫދީ ޢަރަބިއްޔާ އުފެދުނެވެ.

ރަޝީދީ ޢާއިލާ (ޙާއިލް އަމީރުކަން):
ޢުޘްމާނީ ވެރިކަމާ ދެކޮޅަށް ހަރަކާތްތެރިވި އަނެއް މުހިންމު ޢާއިލާއެވެ. ބްރިޓިޝް ސަރުކާރުން މި ޢާއިލާއަށްވެސް ޤައުމިއްޔަތު ދިރުވުމަށް އެހީތެރިކަން ފޯރުކޮށްދިނެވެ.

އިދްރީސީ ޢާއިލާ (ޢަސީރު ސަރަޙައްދު):
ޔަމަނުގެ އުތުރުގައި ވަކި ސަރަޙައްދެއް ޤާއިމުކުރުމަށް މަސައްކަތްކުރި ޢާއިލާއެކެވެ. ބްރިޓިޝް އަދި އިޓަލީގެ އެހީތެރިކަން ލިބުނެވެ.

ޒައިދީ އިމާމުން (ޔަމަނު):
ޢުޘްމާނީ ވެރިކަމާ ދެކޮޅަށް ބަޣާވާތްކުރުމަށް ބްރިޓިޝް ސަރުކާރުން ހިތްވަރުދިނެވެ. އޭގެ ސަބަބުން ޔަމަނުގައި ޢުޘްމާނީ ވެރިކަން ބަލިކަށިވިއެވެ.

ކުވެއިތުގެ އާލު ޞަބާޙް ޢާއިލާ:
ބްރިޓިޝް ސަރުކާރުން މި ޢާއިލާއަށް ޙިމާޔަތްދީ، ޢުޘްމާނީ ވެރިކަމުން މިނިވަންވުމަށް އެހީތެރިވިއެވެ.

ބަޙްރައިނުގެ އާލު ޚަލީފާ ޢާއިލާ:
ބްރިޓިޝް ސަރުކާރުން މި ޢާއިލާއަށްވެސް އެހީތެރިވެ، ޢުޘްމާނީ ނުފޫޒުން ދުރުކުރިއެވެ.

ޤަޠަރުގެ އާލު ޘާނީ ޢާއިލާ:
ބްރިޓިޝް ސަރުކާރުން މި ޢާއިލާއަށް ޙިމާޔަތްދީ، ވަކި ވެރިކަމެއްގެ ގޮތުގައި ދެމިހުރުމަށް މަގުފަހިކޮށްދިނެވެ.

މިއީ ޤައުމިއްޔަތު ހިފައިގެން އެމީހުންގެ ރައްޔިތުންގެ ކައިރިއަށް ގޮސް، ޤައުމިއްޔަތަށްޓަކައި، އިސްލާމީ ޚަލީފާއާއި ދެކޮޅަށް ހަނގުރާމަ ކުރި މީހުންނެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމް އުއްމަތް ބަލިކަށިވެ، އިސްލާމީ ޚަލީފާ ނިނުމަމަކަށް އައެވެ. އިސްލާމުން ނިކަމެތިވެ ބައިބައިވެ، އިޒްރޭލު އުފެދުނެވެ.

އިސްލާމީ އުއްމަތް ބައިބައި ކޮށްލި ފިކުރެއްގައި ހިފަހައްޓައި، މި އުއްމަތް ބައިބައި ކުރުމުގެ ހުޅަނގުގެ ފަލްސަފާ ނެގެހެއްޓުމުގެ ބަދަލުގައި އިސްލާމީ އުއްމަތުގެ ޝިއާރު ދަމަހައްޓައި، ތޮބީޢީ ގޮތުން ދައުލަތަށް އޮތް ލޯބި، އިތުރު ކުރުމަށް ދައުލަތުން ރައްޔިތުންގެ މައްޗަށް ވާޖިބު ވެފައިވާ އުންސުރުތައް ހަމަކޮށް، ވައުދުތައް ފުރިހަމަކޮށް ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށް ދިނުން މާ ހެޔޮކަން ބޮޑެވެ. ނަމަވެސް މީގެ ބަދަލުގައި މުއިއްޒު ކުރިއަށް ނެރެނީ ހައްދުފަހަނައެޅި ލާދީނީ ޤައުމިއްޔަތެވެ.