މެލޭޝިޔާގެ އަމިއްލަ އިޤްތިޞާދީ ސަރަހައްދުން މެލޭޝިޔާ ސަރުކާރުން ތެޔޮ ނުނެގުމަށް، އަންގައި ޗައިނާއިން، މެލޭޝިޔާއަށް ފޮނުވި ލިޔުން ލީކުވެއްޖެއެވެ. މި ލިޔެކިޔުންތަކުގައި ޗައިނާއިން މެލޭޝިޔާއަށް އަމުރުކޮށްގައި ވަނީ މެލޭޝިޔާގެ ރަށެއް ކަމުގައިވާ ސަރަވާކުގެ ކައިރީގައިވާ ތެލުން މުއްސަނދި ސަރަޙައްދުގައި ހިންގާ ހުރިހާ ޙަރަކާތްތަކެއް ވަގުތުން ހުއްޓާލުމަށެވެ.
މިދެންނެވި ގޮތަށް މެލޭޝިޔާއަށް އަންގައި ޗައިނާއިން އަމުރު ކޮށްފައ ވަނީ ފާއިތުވި ހަފްތާގައި ޗައިނާގައި ހުންނަ މެލޭޝިޔާ އެމްބަސީއަށް ފޮނުވި ޑިޕްލޮމެޓިކް ނޯޓަކުންނެވެ. މި ލިޔުން (ސިޓީ) ވަނީ ފިލިޕީން ޑެއިލީ އިންކުއަޔަރ ކިޔާ ނޫހަކުން ލީކް ކޮށްލާފައެވެ.
މި ލިޔުމުގައި ވާ ގޮތުން، މެލޭޝިޔާއިން ވަނީ ދެކުނު ޗައިނާ ކަނޑުގައި ބެއިޖިންގ އިން އެމީހުންގެ ސަރަހައްދެއް ކަމަށް ބުނާ، މެލޭޝިޔާގެ ސަރަހައްދުގައި 10-ޑޭޝް ލައިން މެޕްގައި ހިމެނޭ ސަރަޙައްދުތަކަށް އަރައިގަނެފައި ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް މިއީ ބައިނަލްއަޤްވާމީ ހުރިހާ ހަމަ އަކުން ބެލިއަސް މެލެޝިޔާގެ ސަރަހައްދެވެ. ޗައިނާއިންވެސް ވަނީ އެކަން އެގޮތަށް ވަރަށް ފަހަކާއި ޖެހެން ދެން ގަބޫލު ކޮށްފައެވެ. ޗައިނާގެ ކަނޑުގެ އަސްކަރިއްޔާގެ ބާރު ގަދަވުމުން، ސަރަހައްދުގައިވާ އެހެން ހުރިހާ ޤައުމެއްގެ ސަރަހައްދުތައް އެއީ ޗައިނާގެ ސަރަހައްދު ކަމަށް ޗައިނާ އިން ވަނީ ދައުވާ ކުރަން ފަށާފައެވެ.
އަދި މީގެ އިތުރުން، މެލޭޝިޔާއިން ލުކޯނިޔާ ޝޯލްސް (ލުކޯނިޔާ ރީފްސް) ކައިރީގައި ހިންގާ ތެލާއި ގޭހުގެ އެކްސްޕްލޮރޭޝަން ޙަރަކާތްތަކާމެދު ބީޖިންގ ގެ ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. މި ސަރަޙައްދަކީ މެލޭޝިޔާގެ މީހުންނަށް "ގުގުސަން ބެޓިންގ ރާޖާ ޖަރުމް" ގެ ނަމުން އެނގޭ ތަނެކެވެ. އެހެންނަމަވެސް ޗައިނާއިން މިތަނަށް ކިޔަނީ "ނަންކަންގ އަންޝާ" އަދި "ބެއިކަންގ އަންޝާ" އެވެ. މިވެސް ޗައިނާ އާއި އެއްވެސް ވަރަކަށް ބެހޭވެސް ތަނެއް ނޫނެވެ. މިވެސް ސީދާ މެލޭޝިޔާގެ އިހްތިސާސު ތެރޭ ހިމެނޭ މެލޭޝިޔާގެ ސަރަހައްދެކެވެ. ޗައިނާއިން އަދިވެސް ގެންގުޅެމުން ދަނީ އަޅުވެތި ކުރުމާއި، ހަންފެތުރުމުގެ ނުބައި ސިޔާސަތެވެ.
ޗައިނާއިން މި އިންޒާރު ދީފައިވާ އިރު މި ފަރުތަކަކީ މެލޭޝިޔާއާއި އެންމެ 100 ކިލޯމީޓަރު ދުރުގައިވާ ތަންތަނެވެ. އަދި ޗައިނާ އާއި މި ސަރަހައްދާއި ދެމެދު ގައި އޮތް ދުރުމިން 2,000 ކިލޯމީޓަރަށް ވުރެ ބޮޑެވެ.
ނަމަވެސް، ޗައިނާގެ ފަރާތުން މެލޭޝިޔާއަށް ގޮވާލާފައި ވަނީ، ޗައިނާގެ ސަރަޙައްދީ ސިޔާދަތާއި ކަނޑުގެ މަސްލަހަތުތަކަށް އިޙްތިރާމްކުރުމަށާއި، މަތީގައި ބަޔާންކޮށްފައިވާ ޙަރަކާތްތައް ވަގުތުން ހުއްޓާލުމަށެވެ، ފިލިޕީންސް ނޫހުން ޝާއިޢު ކުރި ޗައިނާގެ ފޮރިން މިނިސްޓްރީގެ ނޯޓުގައި ވެއެވެ.
މެލޭޝިޔާ ގެ ސަރަހައްދުގެ އިތުރުން ޗައިނާ އިން ވަނީ ދެކުނު ޗައިނާ ކަނޑު ވަށައިގެންވާ 7 ޤައުމެއްގެ ސަރަޙައްދު ތަކަކީ އެމީހުންގެ ސަރަހައްދު ތައް ކަމަށް ބުނެ ދާދި ފަހުން ދަޢުވާތައް ކޮށްފައެވެ. މީގެ އިތުރުން ޗައިނާ ކައިރީގައިވާ ބްރޫނާއި، ތައިވާން، އިންޑޮނޭޝިޔާ، ފިލިޕީންސް އަދި ވިއެޓްނާމް ގެ ބައެއް ސަރަހައްދުތައްވެސް އެއީ ޗައިނާގެ ސަރަހައްދުތައް ކަމަށް ޗައިނާއިން ވަނީ ކަނޑައަޅާފައެވެ.
ޗައިނާއިން ދަނީ ސަރަހައްދުގައިވާ ޤައުމުތަކުގެ ބައެއް ސަރަހައްދުތައް އެއީ އެމީހުންގެ ސަރަހައްދުތައް ކަމަށް ބުނެ، އެހެން ޤައުމުތަކަށް ބިރު ދެއްކުމަށް އެގައުމުތަކުގެ ސަރަހައްދަށް ހަތިޔާރާއި އެކު މިލިޓަރީ ބޯޓު ފަހަރު ވަންނަމުންނެވެ.
މެލޭޝިޔާގެ ޤައުމީ ތެލުގެ ކުންފުނި ޕެޓްރޮނާސް އިން ވަނީ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން އަދި ލުކޯނިޔާ ރީފްސްގައި މަސައްކަތްކުރަމުންނެވެ. މިއީ ޗައިނާއިން "ނައިން-ޑޭޝް ލައިން" އަށް ބިނާކޮށް ޗައިނާގެ ސަރަޙައްދު ކަމަށް ދަޢުވާކުރާ ތަނެކެވެ. ފަހުން މިއަށް "ޓެން-ޑޭޝް ލައިން" ގެ ނަން ދީފައިވަނީ ތައިވާން ކައިރީގައިވާ އިތުރު ސަރަޙައްދެއް ހިމެނުމަށްޓަކައެވެ.
ނައިން-ޑޭޝް ލައިނަކީ 2016 ގައި ދަ ހޭގްގެ ޕާރމަނެންޓް ކޯޓް އޮފް އާބިޓްރޭޝަން އިން، އެއީ ޣައިރު ޤާނޫނީ ކޮށް ޗައިނާއިން އެމީހުންގެ ސަރަހައްދު ކަމަށް ބަލާ ބެލުމެއްކަމަށް ބުނެ ކޯޓުން ކަނޑައަޅާފައިވާ އެއްޗެކެވެ.
މެލޭޝިޔާއިން ޗައިނާއާއި މެދު ގެންގުޅޭ އިހްލާސްތެރި މަޑުމައިތިރި، ގާތް އެކުވެރި އަވަށްޓެރި ގުޅުމުގެ ބަދަލުގައި ޗައިނާއިން ދަނީ މެލޭޝިޔާގެ ސަރަހައްދުތައް އެއީ ޗައިނާގެ ބައެއް ކަމަށް ކަނޑައަޅަމުންނެވެ.