ސެޕްޓެމްބަރު 5 ވަނަ ދުވަހު ރޮއިޓަރސް އިން ރިޕޯޓުކުރި ގޮތުގައި، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ، ދެކުނު ޗައިނާ ކަނޑުގައި ތެޔޮ އާއި ގޭސް ހޯދުމަށް މެލޭޝިއާއިން ކުރާ މަސައްކަތް ހުއްޓާލާން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. މެލޭޝިޔާގެ ސަރަހައްދުން ތެޔޮ ނެގުން، ޗައިނާއިން ދެކެނީ ޗައިނާގެ ސަރަޙައްދަށް އަރައިގަންނަ މައްސަލައެއް ގޮތުގައެވެ.
ރަސްމީ ދަތުރެއްގައި ރަޝިޔާގައި ހުންނެވި އަންވަރު ވިދާޅުވި ގޮތުގައި، މެލޭޝިއާގެ މި މަސައްކަތްތަކަކީ އެ ޤައުމުގެ ސަރަޙައްދުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކެކެވެ. އަދި އެކުވެރި ގުޅުން އޮތް ޗައިނާއާ ދެކޮޅަށް ނުވަތަ ޗައިނާއަށް ގޮންޖަހާ ގޮތަކަށް ކުރެވޭ މަސައްކަތްތަކެއް ނޫނެވެ.
"އަޅުގަނޑުމެންގެ އަމިއްލަ ސަރަޙައްދުގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވެން ޖެހޭނެ. އަދި އިޤްތިޞާދީ ފައިދާ ހޯދަން ޖެހޭނެ. މީގެ ތެރޭގައި އަޅުގަނޑުމެންގެ ސަރަޙައްދުގައި ތެޔޮ ހޯދުމުގެ މަސައްކަތްވެސް ހިމެނޭ." އަންވަރު ވިދާޅުވިއެވެ
އަދި އިތުރަށް ވިދާޅުވީ، "ޗައިނާއާ އެކު މަޝްވަރާކުރުމުގެ ފުރުޞަތު އޮތްކަން އަޅުގަނޑުމެން ދުވަހަކުވެސް ދެކޮޅެއް ނަހަދަން. އެކަމަކު އޭގެ މާނައަކީ އަޅުގަނޑުމެންގެ ސަރަޙައްދުގައި ކުރާ މަސައްކަތް ހުއްޓާލަން ޖެހޭނެ އެކޭ ނޫން."
މެލޭޝިއާގެ ޚާރިޖީ ވުޒާރާއިން ބުދަ ދުވަހު ބުނެފައިވަނީ، ޗައިނާގެ ޚާރިޖިއްޔާގެ ސިއްރު ޑިޕްލޮމެޓިކް ނޯޓެއް ލީކުވެފައިވާ މައްސަލަ ތަޙުޤީޤުކުރާނެ ކަމަށެވެ. ފިލިޕީންސްގެ ނޫސް އައުޓްލެޓަކުން ޝާއިޢުކުރި މި ނޯޓުގައި، ދެކުނު ޗައިނާ ކަނޑުގައި މެލޭޝިއާއިން ކުރާ ތެޔޮ އާއި ގޭސް ހޯދުމުގެ މަސައްކަތަކީ އެ ޤައުމުގެ ސަރަޙައްދަށް އަރައިގަތުމެއް ކަމަށް ޗައިނާއިން ބުނެފައިވެއެވެ.
ދެކުނު ޗައިނާ ކަނޑުގެ ގާތްގަނޑަކަށް މުޅި ސަރަޙައްދަށް ޗައިނާއިން ދަޢުވާކުރެއެވެ. މީގެ ތެރޭގައި ފިލިޕީންސް، ބްރޫނާއީ، މެލޭޝިއާ، ތައިވާން އަދި ވިއެޓްނާމްގެ 200 ނޯޓިކަލް މޭލުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގެ (އީއީޒެޑް) ބައިތައް ހިމެނެއެވެ. މިކަމުގެ ސަބަބުން މި ޤައުމުތަކުގެ ހަކަތަ ހޯދުމުގެ މަސައްކަތަށް ދަތިވެފައި ވެއެވެ.
ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން، އީއީޒެޑްއަކީ ސިޔާދަތީ ބާރު އޮތް ސަރަޙައްދެއް ނޫނެވެ. ނަމަވެސް މި ސަރަޙައްދުގެ ޤުދުރަތީ ވަސީލަތްތައް ނެގުމުގެ ސިޔާދަތީ ހައްޤު އެ ޤައުމަކަށް ލިބިދެއެވެ.
މެލޭޝިއާގެ ސަރުކާރުގެ ހަކަތައިގެ ކުންފުނި ޕެޓްރޯނާސް އިން މެލޭޝިއާގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ދެކުނު ޗައިނާ ކަނޑުގެ ތެޔޮ އަދި ގޭސްފަށަލަތަކުގައި މަސައްކަތްކުރެއެވެ. އަދި ފަހަކަށްއައިސް ޗައިނާގެ އުޅަނދުތަކާ އެތައް ފަހަރަކު ކުރިމަތިވެފައިވެއެވެ.
އަންވަރު ވިދާޅުވީ މެލޭޝިއާގެ ތެޔޮ ހޯދުމުގެ މަސައްކަތް ހުއްޓުވުމަށް ޗައިނާއިން "އެކެއް ނުވަތަ ދެ" އިހުތިޖާޖު ނޯޓު ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްޞީލެއް ހާމަ ނުކުރެއްވިއެވެ. އަދި ސަރުކާރުން ބެއިޖިންގަށް މެލޭޝިއާގެ ސްޓޭންޑް ކިޔައިދޭނެ ކަމަށް އަންވަރު ވިދާޅުވިއެވެ.
"އެހެން މީހުންގެ ސަރަޙައްދަށް އަރައިނުގަންނާނެ ކަމަށް އަޅުގަނޑުމެން ބުނެފައިވާނެ. އެއީ އަޅުގަނޑުމެންގެ ހަރުކަށި ސިޔާސަތާއި އުސޫލު،" އޭނާ ވިދާޅުވިއެވެ.
އަދި އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެންގެ ސްޓޭންޑް އެމީހުންނަށް އެނގޭ. އެމީހުން ބުނަނީ އަޅުގަނޑުމެން އެމީހުންގެ ސަރަޙައްދަށް އަރައިގަންނަ ކަމަށް. އެހެނެއް ނޫން. އަޅުގަނޑުމެން ބުނަނީ މިއީ އަޅުގަނޑުމެންގެ ސަރަޙައްދު ކަމަށް."
"އެކަމަކު އެމީހުން މި ޚިލާފު އިތުރަށް ގެންގުޅޭ ނަމަ، އޯކޭ، އަޅުގަނޑުމެން އެމީހުންގެ ވާހަކަ އަހަން ޖެހޭނެ. އަދި އެމީހުންވެސް އަޅުގަނޑުމެންގެ ވާހަކަ އަހަން ޖެހޭނެ."
ދި ހޭގްގެ ބައިނަލްއަޤްވާމީ އާބިޓްރޭޝަން ޓްރައިބިއުނަލުން 2016 ގައި ނިންމި ނިންމުމެއްގައި ބުނެފައިވަނީ، ޗައިނާއިން ދެކުނު ޗައިނާ ކަނޑުގެ 90 އިންސައްތައަށް ކުރާ ދަޢުވާ، އެބަހީ "ނައިން-ޑޭޝް ލައިން" ގެ ނަމުގައި މެޕުތަކުގައި ޔޫ އަކުރުގެ ސިފައިގައި ކުރަހާފައިވާ ސަރަޙައްދަށް ކުރާ ދަޢުވާ، ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ބާރު ލިބޭ ދަޢުވާއެއް ނޫން ކަމަށެވެ. ނަމަވެސް މި ނިންމުމަށް ޗައިނާއިން ބަލައެއް ނުގަނެއެވެ.