ރޭ މެންދަމު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނެއްގެ ފުރާނަ ގެއްލުމާއި ގުޅިގެން, ބާރު ސްޕީޑުގައި ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެ މުއިއްޒު ޓުވީޓު ކުރައްވައިފިއެވެ. މި ހިތާމަވެރި ހާދިސާގައި މަރުވި ފަރާތަކީ ޙަސަން ސަމާޙު (23 އަހަރު) އެވެ.
ފުލުހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތުން އެނގެ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ މޮޓޯސައިކަލެއްގައި ބާރު ސްޕީޑުގައި ދުއްވަމުން އައި ސައިކަލަކުން ޖެހިގެންނެވެ. އެކްސިޑެންޓްގެ ޝިކާރައަކަށްވި ޒުވާނާ ނިޔާ ވެފައިވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.
މިފަދަ ކޮންމެ ހާދިސާއަކަށް ފަހުވެސް, ގަވާއިދާ ޚިލާފަށް ހިނގާ ކަންކަން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ ޓުވީޓު ކުރުމަކީ މުއިއްޒު ގެންގުޅުއްވާ އާދައެކެވެ. އެހެންނަމަވެސް މުއިއްޒުގެ ވެރިކަމުގައި ވެރިރަށް މާލޭގައި ހިނގާ އެކްސިޑެންޓުތަކުގައި އެތައް ބަޔަކު މަރުވަމުންދާއިރު, ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތައްވެސް ވަނީ އާދަޔާ ޚިލާފަށް އިތުރުވެގެން ގޮސްފައެވެ.
މިއީ ގާނޫނާއި ގަވާއިދު ތަންފީޒު ނުކުރެވި, ގޭންގުތަކުގެ ބާރުގަދަ ވުމުގެ ނަތީޖާ ކަން ގިނަބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ. މުއިއްޒުގެ ވެރިކަމުގައި ސިޔާސީ އިސް މަގާމްތަކުގައި ގޭންގުތަކުގެ އިސްވެރިން އެބަ ތިއްބެވެ. މާލޭގައި ރޭސިން ކާރުތައް ދުއްވަމުން ދަނީވެސް ގޭންގުތަކުގެ ވެރީންނާއި އެކްޓިވިސްޓުންކަންވެސް ފާހަގަ ކޮށްލެވެއެވެ.
ރޭގެ އެކްސިޑެންޓްވި ކާރު ދުއްވަން އިނީވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ފަރާތެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.
މާލޭގައާއި އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގާ ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާތަކާއި ގުޅިގެން މުއިއްޒު ޓުވީޓު ކުރަައްވަނީ, މިފަދަ ހާދިސާތަކުގެ ނާޖާއިޒު ފައިދާ ނަންގަވާ, އަދި އާންމު ރައްޔިތުންގެ ހަމްދަރުދީ ހޯއްދެވުމުގެ މަގުސަދުގައިކަމަށް ގިނަ ބަޔަކު ދެކެއެވެ. އޭގެ ހެއްކަކީ ގާނޫނު ތަންފީޒު ކުރުމަށް މުއިއްޒުގެ ވެރިކަމުގައި މިހާތަނަށްވެެސް އެކަށީގެން މާސައްކަތްތަކެއް ކުރެވިގެން ގޮސްފައި ނުވާތީއެވެ.
އަދި ބާރު ސްޕީޑުގައި ދުއްވާ ފަރާތްތައް ހުއްޓުވުމަށް ހަރުކަށި އަޅުއްވާނެކަމަށް ވިދާޅުވިނަމަވެސް, މި ސިޔާސަތު ތަންފީޒުކުރުމަށް މުއިއްޒުގެ ވެރިކަމުގައި އެކަށީގެންފާ ފިޔަވަޅުތަކެއް މިސަރުކާރުން އަޅުއްވާނެކަމަށް ގިނަބަޔަކު ގަބޫލެއް ނުކުރެއެވެ.
މުއިއްޒުގެ މިއަދުގެ އެކްސް ޕޯށްޓުގައި ވިދާޅުވެފައިވަނީ, ރާއްޖޭގެ އެއްވެސް ރަށެއްގައި ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް، ޤާނޫނުތަކާއި ގަވާއިދުތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމުގައެވެ. އަދި މިކަން ތަންފީޒުކުރުމަށް ކަމާގުޅުންހުރި އިދާރާތަކަށް އަންގާފައިވާކަމަށްވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީވެސް ރައީސް ޔާމިންގެ ނަންޖެހި ހޮސް ގޮނޑި ދައްކާ, މަކަރާއި ހީލަތުންނެވެ. އަދި އޭނާ ގެންދަވަނީ ވެރިކަން ދެމެހެއްޓުމަށްވެސް ބޮޑެތި ދޮގުތައް ހަދާ, މަކާރާއި ހީލަތް ހަދަމުންނެވެ.