ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު މަގާމުން ވަކިކޮށްފި އެވެ.
"ދިޔަވަރު އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ޔޫސުފް އަބްދުލްގަފޫރު މަގާމުން ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ. އަދި އޭނާ ވަޒީފާއިން ވަކި ކޮށްފައިވަނީ ރައީސް ޔާމިންއާއި ގުޅުން ބާއްވާކަމަށް ޝައްކު ކުރެވިގެންކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ޔޫސުފް އަބްދުލްގަފޫރު ވަނީ ޖޫން، 2014، ގައި ވެސް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު އަދާކޮށްފަ އެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ވިދާޅުވެފައިވަނީ ސިޔާސީ މަގާމްތައްވެސް ދެއްވާނީ ވަކި ސިޔާސީ ފިކުރަކަށް އަދި ކުލައަކަށް ބެލުމެއް ނެތި ކަމަށެވެ. އެހެންނަމަވެސް ވެރިކަން ލިބިވަޑައިގަތުމާއެކު މުއިއްޒު ގެންދަވަނީ އެމީހަކު ނިސްބަތްވާ ސިޔާސީ ފިކުރަށް ނުވަތަ ކުލައަށް ނިސްބަތްކޮށް, އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތި މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުވާނެ ކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ މިސަރުކާރުގެ އަދި 2,000 އިން މައްޗަށް ގޮސްފައެވެ.
ސަރުކާރުގެ މާލީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ނުކޮށް، ހަރަދު ކުޑަކުރުމުގެ ގޮތުން އާންމު ރައްޔިތުންނާ ގުޅޭ ކަންކަމުގައި ހަރުކަށި ފިޔަވަޅުތައް އަޅަމުންދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.