މުއިއްޒު ވެރިކަމަށް އައުމަށް ރަށްރަށަށް ވަޑައިގެން ދެއްކެވި ވާހަކަތަކުގައި ބޭރު ޤައުމުތަކުން ރާއްޖޭގެ މާލީ ނިޒާމު ނެގެހެއްޓުމަށް އެހީ ލިބޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ހާމަ ކުރިއެވެ. ރާއްޖޭގެ އިޤްތިޞާދާއި މާލީ ކަންކަން ތިމަންނާއަށް ނެގެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން ރައްޔިތުންނަށް ދިނެވެ. ނަމަވެސް ސަރުކާރަށް 9 މަސް ފުރިފައިވާއިރު، ބޭރުން ލިބުނު އެހީއެއް ނެތެވެ.
މުއިއްޒު ފެހި ސިގްނަލް ލިބުނު ކަމަށް އޭރު ބުނެ ވާހަކަ ދައްކަމުން ދިޔައީ ޗައިނާއަށް ނިސްބަތް ކޮށެވެ. އޭރު އިނދިކޮޅުކައި އޮތް ޕީޕީއެމް އާއި ބައްދަލު ކުރަމުން ދިޔައީ ޗައިނާ އެކަންޏެވެ.
އިޤްތިޞާދީ މާލީ ހާލަތު ދަށްވެ، ބަނގުރޫޓުވަމުންދާ ޤައުމުތަކަށް ޗައިނާއިން އެއްވެސް އިރެއްގައި އެހީތެރި ވެފައި ނުވެއެވެ. މުއިއްޒަށް ބައިނަލްއަޤްވާމީ ގުޅުންތައް ހިނގާ އުސްލޫބް ނޭނގޭތީ މިކަން ދެނެގަތުމަށް ދަތިވީއެވެ.
މި ގޮތުން ޗައިނާއިން ރާއްޖެއަށް އެހީ ނުވި ސަބަބުތައް ހިމަނާލާނަމެވެ.
އަމިއްލަ މަސްލަހަތު ރައްކާތެރިކުރުން: ޗައިނާގެ އިގްތިސާދީ ސިޔާސަތު ބިނާވެފައިވަނީ އެގައުމުގެ އަމިއްލަ މަސްލަހަތު ރައްކާތެރިކުރުމުގެ މައްޗަށެވެ. ބަނގުރޫޓުވުމުގެ ކޮޅުމަތީގައިވާ ގައުމުތަކަށް އެހީތެރިވުމަކީ ރިސްކު ބޮޑު އިންވެސްޓްމަންޓެއް ކަމުގައި ޗައިނާއިން ދެކެއެވެ. މިއީ ޗައިނާގެ އިގްތިސާދީ ސިޔާސަތު ބައްޓަން ކޮށްފައި އަބަދުވެސް އޮންނަ ގޮތެވެ.
"ނޮން-އިންޓަރފިއަރެންސް" ސިޔާސަތު: ޗައިނާއިން ގެންގުޅޭ "ނޮން-އިންޓަރފިއަރެންސް" ސިޔާސަތުގެ ދަށުން، އެހެން ގައުމުތަކުގެ އެތެރޭގެ ކަންކަމަށް އާންމުންނަށް އެނގޭހެން ނުފޫޒު ފޯރުވުމަށް ޗައިނާއިން މަސައްކަތް ނުކުރެއެވެ. މީގެ ތެރޭގައި އިގްތިސާދީ ކަންކަންވެސް ހިމެނެއެވެ. ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ރާއްޖެއަށް ވެދޭ އެއްވެސް އެހީއެއް ދުނިޔެއަށް ސިއްރެއް ނުކުރެވޭނެއެވެ.
ދަރަނީގެ ދަންތުރަ: ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" ފަދަ މަޝްރޫއުތަކުގެ ސަބަބުން ބައެއް ގައުމުތައް ވަނީ ބޮޑެތި ދަރަނީގެ ދަންތުރައެއްގައި ޖެހިފައެވެ. މިކަމުގެ ސަބަބުން ޗައިނާއަށް ބައިނަލްއަގުވާމީ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުން މިފަދަ ފާޑުކިޔުންތައް އިތުރުވެދާނެކަމަށް ޗައިނާއިން ކަންބޮޑުވެއެވެ.
އެހެން ގައުމުތަކާ ވާދަވެރިވުން: ބައިނަލްއަގުވާމީ ނުފޫޒު އިތުރުކުރުމަށްޓަކައި ޗައިނާއާއި އެމެރިކާ ފަދަ ގައުމުތަކާ ދެމެދު ވާދަވެރިކަން އޮވެއެވެ. ނަމަވެސް، ބަނގުރޫޓުވުމުގެ އަރިމަތީގައިވާ ގައުމުތަކަށް އެހީތެރިވުމަކީ މިފަދަ ނުފޫޒު އިތުރުކުރުމަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމުގައި ޗައިނާއިން ދެކެއެވެ. އެހެންކަމުން ރާއްޖެއަށް އެހީތެރި ވުމަކީ ޗައިނާއަށް މާބޮޑު މަންފާއެއް ކުރާނެ ކަމެއް ނޫނެވެ.
އެތެރޭގެ އިގްތިސާދީ ގޮންޖެހުންތައް: ޗައިނާގެ އަމިއްލަ އިގްތިސާދުގައި ހުރި ގޮންޖެހުންތައް، މިސާލަކަށް ރިއަލް އެސްޓޭޓް ދާއިރާގެ މައްސަލަތަކާއި އާބާދީގެ ބަދަލުތަކުގެ ސަބަބުން، ޗައިނާއިން އިސްކަންދެނީ އެތެރޭގެ އިގްތިސާދީ މައްސަލަތައް ހައްލުކުރުމަށެވެ.
ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ދައުރު: ބައިނަލްއަގުވާމީ މާލީ އިދާރާތަކުން، މިސާލަކަށް އައި.އެމް.އެފްއިން، މިފަދަ ގައުމުތަކަށް އެހީތެރިވުމުގެ ޒިންމާ އުފުލަންޖެހޭ ކަމަށް ޗައިނާއިން ދެކެއެވެ. އެހެންކަމުން އެއީ ކިތަންމެ އެކުވެރި ޤައުމެއް ކަމުގައި ވީ ނަމަވެސް، އެ ޤައުމަކަށް އެހީވުމަކީ ޗައިނާގެ ދައުރެއް ނޫން ކަމުގައި އެމީހުން ދެކެއެވެ.
ޗައިނާއަކީ އަމިއްލަ އެދުން ބޮޑު، އަދި އެމީހުންނަށް ސީދާ މަންފާ ނުވާ ކަމެއްގައި އެއްވެސް ބަޔަކަށް އެހީތެރި ވެދޭ ޤައުމެއް ނޫނެވެ.
ކޮވިޑާއި އެކު، ސްރީލަންކާގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެ، ބޭރު ފައިސާގެ ދަތިކަމާ ކުރިމަތިލާންޖެހުނު ހިނދު، އެގައުމުން ޗައިނާގެ އެހީތެރިކަމަށް އެދުނެވެ. ނަމަވެސް، ޗައިނާއިން އިތުރު ލޯނު ދިނުމަށް އިންކާރުކުރިއެވެ. އަދި ކުރިން ދޫކޮށްފައިވާ ލޯނުތަކަށް އެއްވެސް ލުޔެއް ނުދިނުމަށް ނިންމިއެވެ. އެންމެ ފަހުން ލަންކާގެ 22 މިލިއަން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އެހީވެދިނީ އިންޑިޔާއިންނެވެ. އިންޑިޔާ އެ ގާތްކަމުގެ އަތް ދިއްކޮލީ އަވަށްޓެރިއަކަށް ވީތީ، ހާލުގައި ތިބި ތަން ބަލަން ނުކެރިގެންނެވެ.