ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކޮށް، ލުއިތައް ދިނީ އިގުރާރެއްވުމަށް ފަހު ކަމަށާއި އެކަމާ ހިލާފުވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ކަރެކްޝަންސް އިން މިއަދު ބުނެފި އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބޭސްފަރުވާ އާއި ކަސްރަތުކޮށް އުޅުމަށް އިތުރު ލުއިތަކަކަށް ޔާމީން އެދިވަޑައިގެންފައިވާތީ އެކަން ފަހިކޮށްދީފައިވާ ކަމަށެވެ. އޭގެ އިތުރުން، ކޮންމެހެން ބައްދަލުކުރަން އެދޭ މީހުންނާ ވެސް، އެ އިދާރާއާ އެކަން ހިއްސާކުރުމުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
"ކުރުން މަނާ ކަންތައްތަކެއް ވެސް އިގުރާރުގައި ހިމަނާފައިވާނެ. ވީމަ، މި ސާވިސް އިން މި ގެންދަނީ ރައީސް ޔާމީންގެ އަމަލުތައް މޮނީޓާކުރަމުން. އިގުރާރާ ހިލާފުވާ ނަމަ ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވާފައި ވާނެ،" ލިޔުމުން ދިން ޖަވާބުގައި ކަރެކްޝަންސް އިން ބުންޏެވެ.
މައުލޫމާތު ލިބޭ ގޮތުގައި މުއިއްޒު ވަނީ ޔާމީނު އޭނާގެ ސަޕޯޓަރުންނާއި ބައްދަލު ކުރެއްވި މައްސަލާގައި ހިތްހަމަ ނެޖެހިފައެވެ. އަދި މުއިއްޒުގެ ފަރާތުން ކަރެކްޝަނުގެ އިސްފަރާތަކާއި މިކަމާއި ގުޅިގެން މަޝްވަރާ ކުރިކަމަށް މައުލޫމާތު ލިބެއެވެ. ރަށުބަންދުގައި ހުންނެވިއަސް ސިޔާސީ ހަރަކާތްތައް ހިންގުމަށް ފުރުޞަތު ނުދިނުމަށް މުއިއްޒުގެ ފަރާތުން ވާހަކަދެއްކި ބޭފުޅާ އެދިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން ރައީސް ޔާމީނަށް ކަރެކްޝަނުން އިންޒާރު ދީފައި ވަނީ ސީދާ މުއިއްޒުގެ ނުފޫޒުންނެވެ.
ޔާމީނުގެ ބައްދަލުވުމަށް ޕީޕީއެމް ޕީއެންސީގެ އިސްވެރިން ވަޑައި ނުގަންނަވާކަން މީޑިޔާތަކުން ވަނީ ފާހަގަ ކޮށްފައެވެ.