ޚަބަރު

ސަރުކާރުން ޑޮލަރު ވިއްކާ މީހުން ހައްޔަރު ކުރާތީ، ކަޅު ބާޒާރުން ޑޮލަރު ގަންނަން ނުލިބި، ބޭންކުތަކުން ޑޮލަރު ނުލިބި، ވިޔަފާރިތަކުން ރާއްޖެއަށް ކާބޯތަކެތި ގެނައުމަށް ދަތިވެއްޖެ: ވިޔަފާރިވެރިން

ދިޔަވަރު
ސަރުކާރުން ޑޮލަރު ވިއްކާ މީހުން ހައްޔަރު ކުރާތީ، ކަޅު ބާޒާރުން ޑޮލަރު ގަންނަން ނުލިބި، ބޭންކުތަކުން ޑޮލަރު ނުލިބި، ވިޔަފާރިތަކުން ރާއްޖެއަށް ކާބޯތަކެތި ގެނައުމަށް ދަތިވެއްޖެ: ވިޔަފާރިވެރިން

ސަރުކާރުން ޑޮލަރު ވިއްކާ މީހުން ހައްޔަރު ކުރާތީ، ކަޅު ބާޒާރުން ޑޮލަރު ގަންނަން ނުލިބި، ބޭންކުތަކުން ޑޮލަރު ނުލިބި، ވިޔަފާރިތަކުން ރާއްޖެއަށް ކާބޯތަކެތި ގެނައުމަށް ދަތިވެއްޖެ ކަމަށް ބައެއް ވިޔަފާރިވެރިން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވައިފިއެވެ.

އިމިގްރޭޝަންއާއި، ފުލުހާއި ގުޅިގެން ޑޮލަރު ވިއްކާ މީހުން ހައްޔަރުކޮށް ރޭއްޖެއިން ބޭރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި، ކަޅު ބާޒާރުން ޑޮލަރު ހޯދުމުގެ ދަތިކަން ވިޔަފާރިވެރިންނަށް ކުރިމަތިވެ، ކާބޯތަކެތި އިމްޕޯޓް ކުރުމަށް ބޭނުންވާ ޑޮލަރު ވެސް ނުލިބޭ ކަމަށް ބައެއް ވިޔަފާރިވެރިން ހާމަ ކުރިއެވެ.

ބޭންކުތަކުން ޓީޓީ ހެދުމަށް ވިޔަފާރިވެރިން ޑޮލަރު ހޯދަމުން ދިޔައީ، މާލެތެރެއިން ނެވެ. ބޭންކުތަކުން ޓީޓީ ހަދާކަށް ޑޮލަރެއް ނުދެއެވެ. ބައެއް ވިޔަފާރިތަކަށް ޓީޓީގެ ކުޑަ ނިސްބަތަކަށްވާ ވަރަށް ޑޮލަރު ކޮޅެއް ދިނަސް މިހާރު ގިނަ ވިޔަފާރިތަކަށް އެވެސް އެއްވެސް ބޭންކަކުން ނުލިބިއެވެ.

ބައެއް ވިޔަފާރިތަކަށް މި ހާލަތުގައި ދެމިތިބުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވެއެވެ. މީގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް ގެއްލި، އިޤްތިޞާދަށް އިތުރު ލޮޅުމެއް އަތުވެދާނެކަމުގެ ބިރު އެބައޮތެވެ.

ބޭންކުތަކުން ޑޮލަރު ލިބޭނެ ގޮތް ފަހިކޮށް، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހައިން ލިބޭނެ ނިޒާމެއް ސަރުކާރުން ޤާއިމުކުރަންޖެހެއެވެ. އެފަދަ ނިޒާމެއް މަގުފަހި ނުކޮށް، ބޭރުން ޑޮލަރު ނުގަނެވޭ ގޮތް ހެދުމަކީ ސަރުކާރުގެ ނާގާބިލުކަން ދައްކުވައިދޭ ކަމެކެވެ.