ހުޅުމާލޭގައި މުއިއްޒުގެ ސަރުކާރުން ގާއިމު ކޮށްފައިވާ ރައުންޑްބައުޓް އިން ދުއްވާކަށް ރާއްޖޭގެ ގިނަ ބަޔަކަށް ނޭނގެއެވެ. ޚުދު އުޅުމާލޭގައި ދިރިއުޅޭ ގިނަ ބަޔަކަށް އެއީ ވަންވޭއެއް ކަމެއްވެސް ނޭނގެއެވެ.
އެންމެ ފަހުން އެކްސިޑްންޓްވެ މަރުވި ޒުވާނާ، އެ ރައުންޑްބައުޓްއިން ވަންވޭ އާއި ދެކޮޅަށް ދުއްވާފައިވާކަން ޕޮލިހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ބުނުމަކީ ހައިރާން ކުރުވަނިވި ކަމެއް ނޫނެވެ.
ރައުންޑްބައުޓް އިން ދުއްވާ ގޮތް ކުޑަމިނުން އެ ގާއިމު ކުރި އެޗްޑީސީއަށްވެސް ނޭނގޭކަން، އެޗްޑީސީއިން ތިމަންނާމެންނަށް މި ކުރެވުނީ މާ މޮޅުކަމެއް ކަމަށް ހީކޮށް އާންމު ކުރި ވީޑިޔޯއިން ސާފުވެއެވެ.
އެ ވީޑިޔޯއިން ދައްކާ ގޮތުން ރައުންޑްބައުޓު ތެރޭ ދުއްވުމަށް އޮންނަ ޓްރަފިކް އުސޫލާއި އެއްގޮތަށް އެއްވެސް ކާރެއް ސައިކަލެއް ނުދުއްވައެވެ. ރައުންޑު ބައުޓުގައި ރައްކާތެރިކޮށް ދުއްވާއެއްޗެހި ނުދުއްވުމަކީ ރައުންޑްބައުޓުގެ ބޭނުމާއި މަޤްޞަދު ގެއްލޭ ކަމެކެވެ.
ރާއްޖޭގައި ރައުންޑްބައުޓްގައި ދުއްވުމަށް ބޭނުންވާ ޓްރެފިކް ޤަވާއިދު އާންމުކޮށްފައި ނުވެއެވެ. އަދި އެފަދަ ބައިނަލްއަޤްވާމީ ޤަވާއިދަކަށް ރައްޔިތުން އަހުލުވެރި ކުރުވުމަށް އެއްވެސް މަސައްކަތެއް އެކަން ކުރި މުއިއްޒުގެ ނާގާބިލު ސަރުކާރުން ކޮށްފައި ނުވެއެވެ. އަދި ސިޓީ ކައުންސިލުންވެސް މިކަމަށް އިސްނަގާފައި ނުވެއެވެ. ނަތީޖާއަކަށް ވެފައިވަނީ ރައުންޑުބައުޓްގައި އިނދިކޮޅަށް ދުއްވާ މީހުން ގިނަވެ، އަދި އެއްކޮޅަށް ދުއްވާ މީހުންވެސް ރައްކާތެރި ނޫން ކޮށް ދުއްވައި އެކްސިޑެންޓް ހިނގަން ފެށުމެވެ.
ބޭރު ގައުމުތަކުގައި ލައިސަންސް ލިބެނީ ތިއަރީ އާއި، ދުއްވުމުގައި ރައުންޑްބައުޓް ޤަވާއިދަށް ދުއްވަން އެނގޭ މީހުންނަށް އެކަންޏެވެ. ރާއްޖޭގެ ލައިސަންސް ޤަވާއިދަށްވެސް ބަދަލު ގެނެސްފައި ނުވާއިރު، މުއިއްޒުގެ ނާގާބިލު ސަރުާރުން ހުޅުމާލޭގައި، މިކުރެވެނީ ކިހާމިންވަރެއްގެ ކަމެއްކަމެއް ނޭނގި ރައުންޑްބައުޓެއް ހެދުމަކީ، މީހުން މަރަން ދަންތުރައެއް ޖެހުންފަދަ ނުރައްކާތެރި ކަމެކެވެ.
އެސަރަހައްދުގެ އެއް މަގަކުން މާ ގިނަ އިން ދުއްވާއެއްޗެހި ދަތުރު ކުރާތީ 3 މަގަކަށް ދުއްވާއެއްޗެހި ފޮނުވުމުގެ ނަމުގައި އެޗްޑީސީއިން ހުޅުމާލެއަށް މި ބަދަލު ގެނައި އިރު، އެބުނާ އެއް މަގެއްގައި ދުއްވާ އެއްޗެހި ގިނަވެ، ޓްރެފިކްގެ އެއްވެސް މައްސަލައެއް ދިމާ ވެފައި ނުވާކަމަށް އެޗްޑީސީއިން ދިޔަވަރަށް މައުލޫމާތު ދެއްވި ފަރާތަކުން ހާމަކޮށްފައިވެއެވެ.
މިހިސާބުން ނިމުނީކީ ނޫނެވެ. ކުޑަމިނުން ރައުންޑްބައުޓްގައި ދުއްވާގޮތް އާންމު ކޮށްފައި ނުވާއިރު، އެތަނަށް ބޭނުންވާ މަގުމަތީ ބޯޑުތައްވެސް އެޗްޑީސީއަކުން ފުރިހަމަ ކޮށްފައި ނުވެއެވެ. ނާގާބިލު މުއިއްޒުގެ ސަރުކާރުގެ މިފަދަ ކަންކަމުގެ ސަބަބުން އެތައް ބައެއްގެ ފުރާނައަށް ނުރައްކާތެރިވާފަދަ ކަންކަން ކުރަމުން ދާއިރު، ރާއްޖޭގެ މާލީ ހާލަތުވެސް ވަނީ މުއިއްޒުގެ ނާގާބިލު ސަރުކާރުން އެފުށް މިފުށަށް ޖަހާފައެވެ.