ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ ކާލް ސްޓުމްކް އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވައިފިކަން ބޭންކުގެ ވެބްސައިޓުގައި ޝާއިޢުކުރި ދެންނެވުމެއްގައި ހާމަކޮށްފިއެވެ. ނަމަވެސް، ސެޕްޓެމްބަރު 21 ގައި އޮންނަ ބޭންކުގެ ޚާއްޞަ އަހަރީ އާންމު ޖަލްސާއާ ހަމައަށް އޭނާ އެ މަގާމުގައި ދެމިހުންނަވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އާ ސީއީއޯއެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ބޭންކުގެ ހިންގުމުގެ ޒިންމާ ވަގުތީގޮތުން އަދާކުރައްވާނީ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީންކަމަށް ބޭންކުން ހާމަކޮށްފައިވެއެވެ. މީގެ ކުރިންވެސް ބޭންކުގެ ސީއީއޯއެއް ނެތް ދުވަސްވަރު އޭނާ މި މަސްއޫލިއްޔަތު އަދާކުރައްވާފައިވެއެވެ.
ކާލް ސްޓުމްކްގެ އިސްތިއުފާ އަންނަނީ ބޭންކުގެ ކާޑުތަކުގެ ލިމިޓަށް ބަދަލުގެނައުމާ ގުޅިގެން އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރެއިންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ނިންމުމަށް "މާލީ ބަޣާވާތެއް" ގެ ނަން ދެއްވުމާ ގުޅިގެން ފުލުހުން ވަނީ މި މައްސަލައިގެ ތަޙުޤީޤު ފަށާފައެވެ. މި ތަޙުޤީޤު ކުރިއަށްދަނިކޮށް ކާލް ވަނީ ދުބާއީއަށް ދަތުރުކުރައްވާފައެވެ.
މުއިއްޒު ބޭންކުގެ ބޯޑުގެ މައްޗަށް އަމުރުކޮށް، ބޭންކް އޮފް މޯލްޑިވްސް ހައިޖެކް ކުރި ކުރުމުގެ ސަބަބުން:
- ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި، އިންވެސްޓްމަންޓްތައް މަދުވާނެއެވެ.
- ބައިނަލްއަޤްވާމީ މާލީ ބާޒާރުތަކުން ދިވެހިރާއްޖެއަށް ލޯނު ހޯދުމަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެއެވެ.
- ޤައުމުގެ އިޤްތިޞާދީ ދުވެލި މަޑުޖެހި، ވަޒީފާގެ ފުރުޞަތުތައް މަދުވާނެއެެވެ.
- ބޭރު ފައިސާގެ އަގު މައްޗަށް ގޮސް، އިމްޕޯޓް ކުރާ މުދަލުގެ އަގު ބޮޑުވާނެއެވެ.
މުއިއްޒުގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ ދާއިރާއަށާއި މުޅި އިޤްތިޞާދަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.
ކާލް ސްޓުމްކްގެ ކުރު ވަނަވަރު: ކާލް ސްޓުމްކްއަކީ މެދުއިރުމަތި، އެފްރިކާ، އިންޑިއާ ކަނޑުގެ ސަރަޙައްދު އަދި އިނގިރޭސިވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކިންގ ދާއިރާގައި 36 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ބީއެމްއެލްގެ ސީއީއޯގެ މަޤާމާ ހަވާލުވެވަޑައިގަތީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު 11 ގައެވެ. މީގެ ކުރިން އޭނާ ހުންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަޤާމުގައެވެ.