ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށަށް ދިއުމާ ގުޅިގެން އިންޑިޔާގެ މުހިންމުކަން ބަލައިގަތުމަށް ރާއްޖެއަށް މަޖުބޫރުވީ ކަމަށް ސަންޑޭ ޓައިމްސް ޔޫކޭ އިން ބުނެފި އެވެ. އިނގިރޭސިވިލާތުގެ މި ނޫހުން ފާހަގަކޮށްފައިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާއި ބޭރުގެ ދަރަނީގެ ނުރައްކާ އިތުރުވުމާ ގުޅިގެން، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އިސްކަންދޭ ކަންކަން އަލުން ވަޒަންކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.
މި ދަނޑިވަޅުގައި، ސަރަޙައްދީ ބާރުވެރި ޤައުމެއް ކަމުގައިވާ އިންޑިޔާއާ އޮންނަ ގުޅުމަށް ރާއްޖެއިން އިތުރު ސަމާލުކަމެއް ދޭންޖެހިފައިވާ ކަމަށް ސަންޑޭ ޓައިމްސްއިން ފާހަގަކޮށްފައިވެ އެވެ. މި ގޮތުން، ފަހަކަށް އައިސް އިންޑިޔާއާއި ރާއްޖެއާ ދެމެދު ކުރިއަށް ގެންދެވުނު ދިފާޢީ މަޝްވަރާތަކަކީ ދެ ޤައުމުގެ ގުޅުމަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް ގެނެސްދިން ކަމެއް ކަމުގައި އެ ނޫހުން ދެކެ އެވެ.
"ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޚާބީ ވަޢުދުތަކުގައި 'އިންޑިޔާ އައުޓް' ޕްލެޓްފޯމަށް އިސްކަންދިނުމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ނާޒުކުވެފައިވީ ނަމަވެސް، ރާއްޖޭގެ އިޤްތިޞާދީ ގޮންޖެހުންތަކާއި ދަރަނި ނުދެއްކުމުގެ ނުރައްކާ އިތުރުވުމާ ގުޅިގެން، އިންޑިޔާގެ އެހީތެރިކަމުގެ މުހިންމުކަން ރާއްޖޭގެ ސަރުކާރަށް ވަނީ އަލުން ވިސްނިފައި،" މިހެން ސަންޑޭ ޓައިމްސްގައި ޝާއިޢުކޮށްފައިވާ ލިޔުމުގައި ބަޔާންކޮށްފައިވެ އެވެ.
އިންޑިޔާއާއި ރާއްޖެއާ ދެމެދު މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ މަޤްޞަދަކީ ކުރީގައި ދެ ޤައުމުގެ ގުޅުމުގެ އަސާސަކަށް ވެފައިވާ އިތުބާރާއި އެއްބާރުލުން އަލުން އާރާސްތުކުރުން ކަމުގައި އެ ނޫހުން ބުންޏެވެ. އެހެންނަމަވެސް، ރާއްޖެއިން ބޭރު ޤައުމުތަކަށް ދަރަނި ދެއްކުމުގެ ޤާބިލުކަން ދުވަހެއް ދުވަހަކަށް ދަށަށް ދާއިރު، ރާއްޖޭގެ އިޤްތިޞާދާއި އިންޑިޔާއާ އޮންނަ ގުޅުމަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބެލެވޭ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
އިންޑިޔާ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ވަރަށް ގާތުން ދިރާސާކުރަމުންދާ ކަމަށާއި، ރާއްޖެއަށް އިތުރު މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިދާނެ ކަމަށް ސަންޑޭ ޓައިމްސްއިން ލަފާކުރެ އެވެ. އަދި، އެކުގައި މަސައްކަތްކޮށްގެން އިންޑިޔާއާއި ރާއްޖެއަށް ގުޅުން ބަދަހިކޮށް، މިހާރަށްވުރެ ރައްކާތެރި އަދި ފާގަތި މުސްތަޤްބަލެއް ބިނާކުރެވޭނެ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.
ރައީސް މުޢިއްޒުގެ ވެރިކަމުގެ ފެށުމުގައި ރާއްޖެއާއި އިންޑިޔާގެ ގުޅުން ވަރަކަށް ނާޒުކުވި ނަމަވެސް، މިހާރު ވަނީ އެ ގުޅުން ވަރަށް ބޮޑަށް ހަރުދަނާވެފަ އެވެ. މީގެ ހެއްކެއްގެ ގޮތުން، ރައީސް މުޢިއްޒު ވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމުގެ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންފައެވެ. މިއީ އެ މަނިކުފާނު އިންޑިޔާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އެ ދަތުރުފުޅުގައި ދެ ޤައުމުގެ އިސްވެރިން ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުމާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ. އަދި ރާއްޖެއާއި އިންޑިޔާއާ ދެމެދުގައި އޮތް ގުޅުން ރަނގަޅު ކަމަށާއި، އެ ގުޅުން އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ދެ ޤައުމުގެ ސަރުކާރުންވެސް ވަނީ އޭރު ހާމަކުރައްވާފަ އެވެ.