ގިނަ ބަޔަކަށް އާސަންދަ ނުލިބެނީ ކީއްވެތޯ ސުވާލު ކުރުމުން، އާސަންދަ ވަކި ބަޔަކަށް ނޫނީ ނުލިބޭ ގޮތް މުއިއްޒު ހައްދަވާނެ ކަމަށް ހީނާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވެފައިވަނީ މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރާއްޖޭގެ ގިނަ ބަޔަކު އާސަންދައިގެ ޚިދުމަތަށް އެދި އެޚިދުމަތް ނުލިބި، ކަންބޮޑުވަމުންދާ މި ދަނޑިވަޅުގައި ސަރުކާރުން ދެއްވާފައި މިވަނީ ބިރުވެރި ޖަވާބެކެވެ.
ރާއްޖޭގެ ބައިތުލްމާލުން ރައްޔިތުންގެ ޓެކްސް ފައިސާއިން ދޭ ޚިދުމަތެއް ނަމަ، އެ ޚިދުމަތެއް އެއްވެސް ރައްޔިތެއް އެއިން މަޚުރޫމް ނުވާހެން ދިނުމަކީ ޤާނޫނު އަސާސީގެ ރޫހު އޮތް ގޮތެވެ. އަދި އެ ޚިދުމަތް ވަކި ބަޔަކަށް ދީ ވަކި ބަޔަކަށް ނުދޭން ނިންމާ ނަމަ، މުއިއްޒުގެ ކޮރަޕްޓް ސަރުކާރުން އެ ޚިދުމަތް ނުދޭނީ އޭނާއަށް ތާޢީދު ނުކުރާ މީހުންނަށް އެކަނި ކަމާއި މެދު ޝައްކު ކުރާ އެއްވެސް މީހަކު ނުވެއެވެ.
ފާއިތުވި ހުރިހާ ސަރުކާރުން އާސަންދައިގެ ޚިދުމަތް ހުރިހާ ފަރާތްތަކަކަށް ހަމަހަމަ ކޮށް ދީފައިވާއިރު، އެ ޚިދުމަތް ދިނުމަށް ދަތިވެފައި ވަނީ ކޮންމެ މިނިސްޓްރީއެއްގައި 100 އާއި 200 އާއި ދެމެދު އަދަދަކަށް ސިޔާސީ މީހުން އައްޔަން ކޮށް، ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގައި 4000 އަށް ވުރެ ގިނަ ސިޔާސީ މަގާމު އުފައްދައިގެން އާސަންދައާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ބަޖެޓްކޮށްފައިވާ ފައިސާ އެފަރާތްތަކަށް ދީގެންނެވެ.