ސިޔާސީ

ރައީސް އޮފީސް ވެސް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ގޮވާލައި، ރައްޔިތުންގެ ފާޑުކިޔުން މުއިއްޒަށް

ދިޔަވަރު
ރައީސް އޮފީސް ވެސް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ގޮވާލައި، ރައްޔިތުންގެ ފާޑުކިޔުން މުއިއްޒަށް

ގިނަ ބާރުތަކެއް ހޯމް މިނިސްޓްރީ ދަށަށް ގެނައުމަށް، މުއިއްޒު ކުރަމުންދާ މަސައްކަތުގެ ސަބަބުން ރައްޔިތުންގެ ފާޑު ކިޔުން މުއިއްޒަށް އަމާޒުވާން ފަށައިފިއެވެ. ކޮފީ މޭޒުތަކުން ފެށިގެން، ސައި ހޮޓާތަކުން ފެށިގެން، ސޯޝަލް މީޑިޔާގައިވެސް އިއްޔެ ދެއްކީ އެވާހަކައެވެ.

ސަރުކާރަށް އަހަރެއް ވެގެން ދާއިރުވެސް، ސަރުކާރު އަތުރާ ނުލެވިގެން އުޅޭ ވާހަކައެވެ. ހުރިހާ ބާރުތަކެއް ހޯމް މިނިސްޓަރަށް ދީގެން އުޅެނިކޮށް، ބަޣާވާތެއް ކޮށްފާނެ ކަމުގެ ވާހަކައެވެ. ރައްޔިތުންނަށް ފާރަލައި، ޖާސޫސް ކުރުމަށް މުއިއްޒު ހޯމް މިނިސްޓަރަށް ބާރުތައް ދޭ ވާހަކައެވެ. ރާއްޖެ ޕޮލިސް ސްޓޭޓަކަށް ހަދަން މުއިއްޒު ތައްޔާރު ވަމުންދާ ވާހަކައެވެ. އަނިޔާވެރި ޑިކްޓޭޓަރަކަށް މުއިއްޒު ވާން އުޅޭ ވާހަކައެވެ.

މި ފާޑު ކިޔުންތައް އަމާޒު ވެފައިވާއިރު ސަރުކާރުގެ %65 މިހާރު ވަނީ ހޯމް މިނިސްޓަރަށް ދީފައެވެ. އަދި މިކަމުން ނުކުންނާނެ ނުބައި ނަތީޖާ އަކީ އޭގެ ރަހަ ރައްޔިތުން ދެކޭނެ ނަތީޖާއެކެވެ. އޭގައި އެއްވެސް ޝައްކެއް ނެތެވެ.

ރައްޔިތުން ދަނީ މުއިއްޒުގެ ގިނަ ބާރުތަކެއް ހޯމް މިނިސްޓަރީއަށް ދޭތީ ފާޑު ކިޔަމުން.

ރައްޔިތުން މިވާހަކަތައް މިދައްކަނީ، ހޯމް މިނިސްޓްރީ ދަށަށް ރައީސް އޮފީސް ހިނގާ ދާނެ ކަމުގެ ބިރުވެސް އޮތުމުން ބާވައެވެ؟ ޕޮލިސް ސްޓޭޓަކަށް ރާއްޖެ ހަދައި، މުއިއްޒު ހައްޔަރު ކުރާ ހިސާބުން ރައީސް އޮފީސް ހޯމް މިނިސްޓްރީ ދަށަށް ދިޔައީއެވެ. ދުނިޔެގެ ތާރީޚުގައި އެތެރޭގެ ބަޣާވަތަކުން ވެރިކަން ވެއްޓެން ދިމާވާ ކޮންމެ ފަހަރަކު އެކަމުގެ އެންމެ އަޑީގައި ތިބޭ މީހުންގެ ތެރޭގައި އެންމެ އިތުބާރު ކުރާ މީހުން ހިމެނެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާފައިވާ މިފަދަ ބައެއް ބާޣާވާތުން މިސާލު ހިމަނާލާނަމެވެ.

  1. ރޯމަން އެމްޕަޔަރު (44 ބީސީ): ޖޫލިއަސް ސީޒަރުގެ އެންމެ ގާތް އެކުވެރިންގެ ތެރެއިން މާކަސް ޖޫނިއަސް ބްރޫޓަސް އިސްވެ ހުރެގެން ސީޒަރު އަވަހާރަކޮށްލުމުގެ ރޭވުމެއް ރާވައި ހިންގިއެވެ.
  2. އޮޓޯމަން އެމްޕަޔަރ (1876): ސުލްޠާން އަބްދުލް އަޒީޒުގެ ވަޒީރުންނާއި ސިފައިންގެ އިސް ވެރިން އޭނާއާ ދެކޮޅަށް ނެގި ބަޣާވާތެއްގައި ސުލްޠާން ވެރިކަމުން ދުރުކުރެވުނެވެ.
  3. ހައިތީ (1991): ޖީން-ބަރޓްރަންޑް އަރިސްޓައިޑްގެ ވެރިކަން ވައްޓާލުމަށް އޭނާގެ ކުރީގެ ތާއީދުކުރާ ފަރާތްތަކުގެ ތެރެއިން ސިފައިންގެ ވެރިޔާ ރައުލް ސެޑްރާސް ބަޣާވާތެއް ކުރިއެވެ.
  4. ބުރުކީނާ ފާސޯ (1987): ޓޯމާސް ސަންކަރާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ ބްލޭސް ކޮމްޕަވޯރޭ އިސްވެ ހުރެ ބަޣާވާތް ގެނެސް ސަންކަރާ މަރާލައި ވެރިކަން ކުރިއެވެ.

މި ހުރިހާ ވެރިންނަށްވެސް ހެދުނު މިސްޓޭކް މުއިއްޒު ވެސް ހައްދަވައިފިއެވެ. ދެން އޮތީ ކަން ހިނގާ ގޮތް ބަލަން ތިބުމެވެ.