ފުރަތަމަ ފުރަމާނަ ދަތުރުވެސް މުއިއްޒު އިންޑިޔާއަށް ކުރި ނަމަ، ޤައުމު މިހާލުގައި ނުޖެހުނީހެވެ. މިކަން ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތުމުން އިންޑިޔާއަށް ކުރެއްވި ދަތުރުންނާއި، ރައީސް ސޯލިހް އަށް ވެރިކަން ލިބުމުން އިންޑިޔާ އަށް ކުރެއްވި ދަތުރުން ސާފު ވެގެން ދެއެވެ.
އިންޑިޔާ އަކީ އަބަދުވެސް އަވަށްޓެރިންނަށް ހެޔޮކޮށް ހިތާ އަދި ރާއްޖޭގެ ތާރީޚުގައި ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލަށް އިޚްތިރާމް ކުރި ޤައުމެކެވެ.
ނަމަވެސް، މުއިއްޒު އާއި އޭނާގެ ބައިވެރިން އިންޑިޔާއާއި ދެކޮޅަށް ހިންގި ފިތުނަވެރި ކެމްޕެއިނަށް ފަހު، އޭގެ އެހީގައި ވެރިކަމަށް އައިސް، ވެރިކަން ދެމެހެއްޓުމަށް އިންޑިޔާ އާއި ދެކޮޅަށް ނަފްރަތުގެ ހަރަކާތެއް ހިންގި ހިންގުމަކީ ޚާރިޖީ ގުޅުންތަކަށް މުއިއްޒުގެ ފަރާތުން އެއްވެސް އިޚްތިރާމެއް ނެތްކަން ދައްކުވައިދިން ކަމެކެވެ. އަދި އަވަށްޓެރިންނާއި، އެކުވެރިން ބާކީ ކޮށް މާ ދުރުގައި އޮތް ޗައިނާގެ އުނގަށް މުއިއްޒު ވެއްޓި މުއިއްޒުގެ ވެރިކަމަށް އެހީތެރިވާނެ ކަމަށް ބަލައި ޤައުމުގެ އެތައް ރައުސުލްމާލެއް ޗައިނާއަށް ދިން ދިނުމަކީ މި ޤައުމަށް މުއިއްޒު ދިން ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެކެވެ. ޗައިނާއަށް މުއިއްޒު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި ސަރަހައްދުތައް އެމީހުންގެ ވިޔަފާރި ކުންފުނިތަކަށް 99 އަހަރަށް ދޫކޮށްފައެވެ.
ރައީސް ޔާމިން އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު
2013 ވަނަ އަހަރު ނޮވެމްބަރު މަހު ވެރިކަން ލިބިވަޑައިގަތުމަށް ފަހު، ރައީސް ޔާމީން 2014 ވަނަ އަހަރު ޖެނުއަރީ މަހު އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، 25 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް އެމަނިކުފާނުގެ ވައުދުތައް ފުއްދުމަށް ލިބިވަޑައިގަތެވެ. މި ކްރެޑިޓް ލައިން ޔަމީންގެ ވެރިކަމުގައި 100 މިލިއަން ޑޮލަރަށް އިތުރުވެގެން ދިޔައެވެ. އަދި ތަފާތު ދާއިރާ ތަކުން ތަރައްޤީގެ އެކި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން މަޝްވަރާ ކުރެއްވިއެވެ.
މިގޮތުން 2016 ވަނަ އަހަރު އިތުރު ދަތުރެއް ކޮށް، އިގްތިޞާދީ އެހީތެރިކަމުގެ ޕެކޭޖު ބޮޑު ކުރެއްވިއެވެ. އެކި ވައްތަރުގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިނޭންސް ހޯއްދެވިއެވެ. މީގެ ތެރޭގައި މަގު ހެދުމާއި، ފެނުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމު ޤާއިމުކުރުން ހިމެނެއެވެ. އައްޑޫގައި އެޅި ޕޮލިސް ސްޓޭޝަން އާއި، އުތުރު ތިލަފަޅުގެ މަޝްރޫޢުތަކަކީވެސް އެމަނިކުފާނު އިސްނަންގަވައިގެން ގެންނަވި ރާއްޖެއަށް ފައިދާ ކުރުވަނިވި ޕްރޮޖެކްޓްތަކެވެ.
އެމަނިކުފާނު ވަޑައިގަތީ ކާމިޔާބު ދަތުރަކަށް ފަހުއެވެ. ރައީސް މުއިއްޒު ތުރުކީއިން އެނބުރި ވަޑައިގަތީ ހުސްއަތާއެވެ. ލޯ ލާރިއެއްވެސް ނުލިބޭތާގައި، ތުރުކީއިން ރާއްޖެއަށް ލިބުނު އެހީއެއް ނެތް އިރު، ތުރުކީއަށް އެތައް މިލިއަން ޑޮލަރެއް މުއިއްޒު އައީ ދިނުމަށް އެއްބަސްވެގެންނެވެ. އެ އެއްބަސްވުން ތަންފީޒުވެގެން ދިޔައީ ގަތް ޑްރޯން ތަކުންނެވެ. ފުރަމާނަ ދަތުރުފުޅެއްގައި ޤައުމެއްގެ ރައީސަކު އެހެން ޤައުމަކަށް ވަޑައިގެން، އެ ވަޑައިގެން ގައުމަށް 37 މިލިއަން ޑޮލަރު ދީ ބައިތުލްމާލު ހުސްކޮށްލި ވެރިއަކު މުއިއްޒު ނޫނީ ދުނިޔެ ދެކެފައި އަދި ނުވެއެވެ.
ރައީސް މުއިއްޒު ތުރުކީ ދަތުރުފުޅަށް ފަހު އެނބުރި ވަޑައިގަތީ
- މާލީ އެހީގެ ގޮތުގައި 1.4 ބިލިއަން ޔޫސް ޑޮލަރު ހަމަޖައްސައިގެންނެވެ.
- ބަޖެޓް އެހީގެ ގޮތުގައި 50 މިލިއަން ޔޫސް ޑޮލަރު ހަމަޖައްސައިގެންނެވެ.
- އިންޑިޔާ ސަރުކާރުން އަނބުރާ ސްޓޭޓް ބޭންކް އޮފް އިންޑިޔާ އަށް ދައްކާ ގޮތަށް ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ޓީ-ބިލް ހޯދައިގެންނެވެ.
- 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޯޕް އެއްބަސް ވުމެއްގައި ސޮއެކުރެއްވައިގެންނެވެ.
- 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއް ރާއްޖެއަށް ހޯދައި ދެއްވައިގެންނެވެ. އެއީ ރައިސް ސޯލިހްގެ އުމްރާނީ ތަރައްގީގެ 08 މަޝްރޫއެއްގެ ވައުދަށް ވާ ފައިސާއެވެ. (އޭގެތެރޭގައި އޭރު ހިންގަމުންދިޔަ 05 މަޝްރޫޢު – 34 ރަށެއްގެ ފެނާއި ނަރުދަމާ، އައްޑޫ ތަރައްޤީ – މަގުތަކާއި ބިން ހިއްކުމާއި، ހަނިމަދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރީޑިވެލޮޕްމަންޓް، މިފްކޯގެ ވަސީލަތްތައް ފުޅާކުރުން، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ރީޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ވާ ފައިސާވެސް އޭގެ ތެރޭގައި ހިމެނުނެވެ.)
- އަދި ކުރިއަށް އޮތް ފަސް އަހަރަށް 1000 ތަމްރީން ޕްރޮގްރާމް އެކި ދާއިރާތަކުން ރާއްޖެއަށް ހަމަޖައްސައިދީގެންނެވެ.
- “ބައިލެޓަރަލް އެގްރީމަންޓް އޮން ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމަންޓްސް” ގައި ސޮއިކުރައްވައި، ދިވެހިންނަށް އެ އެއްބަސްވުމުގެ ދަށުން، އިންޑިޔާއަށް ފަތުރުވެރިކަށާއި ބޭސް ފަރުވާއަށާއި އަދި ވިޔަފާރީގެ ބޭނުމަށް 90 ދުވަހުގެ މުއްދަތަށް ދަތުރު ކުރުމަށް، ވިސާ ނަގަން ނުޖެހޭ ގޮތް ހަމަޖައްސައި ދެއްވިއެވެ.
- ފުލުހުންނާއި، ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް އެކި ދާއިރާއިން އެއްބާރުލުން ދިނުން ހަމަޖެހިގެން ދިޔައެވެ.
- އިންޑިއާ ސަރުކާރުން ވަނީ ދިވެހި ދަރިވަރުންނަށް ހާއްސަ ސްކޮލަޝިޕް ޕްރޮގްރާމެއް ވެސް އިއުލާނުކޮށްފަ އެވެ.
މިއީ މުއިއްޒަށް ވެސް މި ޤައުމަށް ކޮށްދެވެން އޮތް ކަންކަމެވެ. ނަމަވެސް މުއިއްޒު ބޭނުންވީ އިންޑިޔާއާއި ދެކޮޅަށް މުއިއްޒު އުފެއްދި ފިތުނަވެރި، ދޮގުވެރި، ހައްދުފަހަނަ އެޅި، ކަނައަތުފިޔާގެ ފިކުރު ދަމަހައްޓައިގެން ވެރިކަން ކުރާށެވެ. ވިސްނީ ޗައިނާ މުއިއްޒު ބޭނުން އެއްޗެއް އިންޑިޔާއާއި މެދު ނަފްރަތު އުފެއްދުމުން ދޭނެ ކަމަށެވެ. އެމެރިކާއިން ބުނީ ރަނގަޅަށެވެ. ޗައިނާއިން އެއްވެސް އެހީއެއް ރާއްޖެއަށް ފައިދާވާހެން ނުދޭނެއެވެ.
މިއަދު ގޮތް ހުސްވެގެން އިންޑިޔާއަށް ވަޑައިގަންނަވާއިރު، ކުޑަ މިނުން އިންޑިޔާއާއި ދޭތެރޭ ނަފްރަތު އުފައްދައި، އިންޑިޔާގެ ބޮޑުވަޒީރަށް ހުތުރު ބަހުން އެއްޗެހި ގޮވި ފަރާތްތައް މަގާމުންވެސް ވަކި ކޮށްލަން މުއިއްޒު ބޭނުން ނުވިއެވެ. އެމީހުން ލައްވާ ދިނީ އިސްތިއުފާއެވެ. އޭގެ ފަހުން، އެމީހުންނަށް ސަރުކާރުގެ ކުންފުނިތަކުން މަގާމު ލިބޭނެ ކަމުގެ ޔަގީންކަން ދިނެއެވެ. މިހާ އަޔަހޫދީ ވެރިއަކު އަދި ދިވެހި ތާރީޚު ނުދެކެއެވެ.
ފުރަތަމަ ފުރަމާނަ ދަތުރުވެސް، އިންޑިޔާއަށް ގޮސް، އަވައްޓެރި އެކުވެރި ޤައުމުތަކާއި، އަދި އެއްވެސް ޤައުމަކާއި ނުޖެހި ވެރިކަން ކުރަން އުޅުނު ނަމަ، މިއަދު އަޅުގަނޑުމެންނަށް އެތައް އެހީއެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނީހެވެ. މިކަންކަމުގެ ޒިންމާ ނަންގަވައި މުއިއްޒު އިސްތިއުފާ ދޭން ޖެހެއެވެ.