ޚަބަރު

ވެރިކަން ހިނގާގޮތް ނާގާބިލު ކަމަށް ބުނެ، މޫޑީސް އިން ވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ޑައުންގްރޭޑްކޮށްފި

ދިޔަވަރު
ވެރިކަން ހިނގާގޮތް ނާގާބިލު ކަމަށް ބުނެ، މޫޑީސް އިން ވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ޑައުންގްރޭޑްކޮށްފި

ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީސް އިން ވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން މިއަދު ޑައުންގްރޭޑް ކޮށްފި އެވެ. މި ރޭޓިންގ ގައި ގަވަރނަންސް ވީކް ކަމަށް ނުވަތަ ވެރިކަން ހިންގުމުގައި ނާގާބިލު ކަން ފާހަގަ ކޮށްފައިވެއެވެ.

މޫޑީސް އިން ރާއްޖެ ޑައުންގްރޭޑް ކުރީ ސީއޭއޭ-2 އަށެވެ. އެއީ ކްރެޑިޓް ރިސްކު ވަރަށް ބޮޑަށް އޮތް ކަމަށް ބެލެވުމެވެ. އެހެންކަމުން މޫޑީސް ރޭޓިންގައި ރާއްޖެ މިހާރު އޮތީ "ނޮން-އިންވެސްޓްމެންޓް" ގްރޭޑުގަ އެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރުމަށްފަހު މޫޑީސް އިން ވަނީ ދިވެހިރާއްޖެ އިތުރަށް ޑައުންގްރޭޑްވޭތޯ ބެލުމަށް ރިވިއުއަށް ލައިފަ އެވެ. އެހެންކަމުން، މާލީ ހާލަތު ރަނގަޅުނުވާ ނަމަ އަދި އިތުރު ޑައުންގްރޭޑެއް އައުން ވެސް އެކަށީގެންވެ އެވެ.

ރާއްޖޭގެ ރޭޓިން ދަށް ކުރި ސަބަބުތަކުގެ ތެރޭގައި ޑޮލަރުގެ ރިޒާވް ދަށްވުމާއި ދަރަނި އިތުރުވުމާއި ދަރަނި ނުދެއްކޭނެކަމުގެ ބިރު ބޮޑުވުމުންނެވެ.

މީގެ ކުރިން މޫޑީސްގެ ރޭޓިންގައި ރާއްޖެ އޮތީ ސީއޭއޭ-1 ގަ އެވެ. އެއީ އޭގެ ކުރިން ވެސް އޮތް ރޭޓިން ޖޫން 27، 2024، ގައި ދެމެހެއްޓުމުންނެވެ.

މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައި މި ވަނީ ފިޗުން ވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައި އޮއްވަ އެވެ. ފިޗުން ރާއްޖޭގެ ރޭޓިން ދަށް ކުރީ ސީސީއަށެވެ. އެއީ ދަރަނި ނުދެއްކިދާނެކަމުގެ ބިރު އޮތުމުންނެވެ.

މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރުމުން ދެން ރާއްޖެއަށް ބޭރުން ފައިސާ ހޯދަން ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ އެވެ. ބެލެވޭ ގޮތުގައި ދެން ރާއްޖެއަށް ފައިސާ ލިބޭނީ ކުރިން ލިބުނު ވަރަށްވުރެ ބޮޑު އިންޓްރެސްޓް ރޭޓެއްގަ އެވެ.

އޭގެ އިތުރުން، ރޭޓިން ދަށްވުމުން އިންވެސްޓަރުންގެ ކޮންފިޑެންސް ވެސް ރާއްޖެއަށް ގެއްލޭނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ބޭރު އިންވެސްޓުމަންޓު ގެނައުން ވާނީ ބޮޑު ގޮންޖެހުމަކަށެވެ.