ރައީސް މުއިއްޒުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ނައިބު ރައީސްގެ މަގާމުން ދުރުކޮށް, އެ މަގާމަށް މި ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ގެނައުމަށް މުއިއްޒު އަރިސް ފަރާތްތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިއްޖެއެވެ.
ނަން ހާމަ ނުކުރުމަށް އެދި ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން މިސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ, ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ނައިބު ރައީސްގެ މަގާމުން ދުރުކުރުމަށް މުއިއްޒު އަރިސް ބައެއް ފަރާތްތަކާ މަޝްވަރާ ކުރައްވަމުން ގެންދަވަނީ ސެމްބެ ރައީސް ޔާމިންއާއި ގާތް ގުޅުމެއް ބާއްވަމުން ގެންދަވާކަމަށް ޝައްކުކޮށް, ނައިބު ރައީސް ސެމްބެއަށް އިތުބާރު ކުރައްވަން މުއިއްޒުއަށް ބޭނުންފުޅު ނުވާތީއެވެ.
”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރެއްވި މި ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވެފައިވަނީ, ސެމްބެ ނައިބު ރައީސްގެ މަގާމުން ދުރު ކުރުމަށްފަހު, މުއިއްޒު އެ މަގާމަށް ގެނައުމަށް ވިސްނަވަމުން ގެންދަވަނީ މި ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއުކަމުގައެވެ.
އިސްމާއިލް ޝަފީއުއަކީ މުއިއްޒުއާއި ވަރަށް އަރިސް ބޭފުޅެކެވެ. އަދި ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް މުއިއްޒުގެ ދިމްޔާތުގެ ފައިސާގެ ހުރިހާ މުއާމަލާތެއް ބަހައްޓަވަމުން ގެންދަވާފައިވަނީ މިސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއުއެވެ.
ސެމްބެ ނައިބު ރައީސްކަމުން ދުރުކުރުމަށް މުއިއްޒު ވިސްނަވަމުން ގެންދަވާއިރު, ރައީސަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވިއްޖެ ހާލަތެއްގައި, ރާއްޖޭގެ ގާނޫނު އަސާސީގައި އޮތް ގޮތުން ރައީސްގެ ހުރިހާ ބާރުތަކެއް ނަކަލް ވެގެންދާނީ ނާއިބު ރައީސްގެ އަތްމައްޗަށެވެ. އަދި ނައިބު ރައީސަށް އެމަސްއޫލިއްޔަތު އަދާ ނުކުރެވޭނެ ހާލަތެއް ކުރިމަތި ވެއްޖެނަމަ, ދެން ރައީސްގެ ބާރުތަކަށް ނަގުލް ވެގެންދާނީ މަޖިލިސް ރައީސްއަށެވެ.
އެއާއެކު, މަޖިލިސް ރައީސް އަބުދުއްރަހީމް, މި ދަނޑިވަޅާ ދިމާކޮށް މިހާރުވަނީ ބައެއް މަޖިލިސް މެމްބަރުންނާ މުރައިދޫ ގޭގައި ވަނީ ސިއްރު ބައްދަލުވުންތަކެއް ބާއްވަން ފައްޓަވާފައެވެ. އެނގިފައިވާ ގޮތުގައި މަޖިލިސް ރައީސް އަބުދުއްރަހީމް މުރައިދޫ ގޭގައި ސިއްރިޔާތުގައި ބައެއް މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވަމުން ގެންދަވަނީ, ސެމްބެ ނާއިބު ރައީސްގެ މަގާމުން ވަކި ކުރެވިގެންދާއިރު, ރާއްޖޭގެ ނައިބު ރައީސްގެ މަގާމަށް އޭނާ ވަޑައިގެންނެވުމަށް ތާއީދު ހޯއްދެވުމުގެ ބޭނުމުގައެވެ.
”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި މިސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވީ, މަޖިލިހުގައި އޮތް ޕީއެންސީގެ ސުޕަރ މެޖޯރިޓީގެ ބޮޑު ތާއީދެއް އަބުދުއްރަހީމްއަށް އޮތް ކަމުގައެވެ. އެގޮތުން, ރައީސް މުއިއްޒު ބޭނުންފުޅުވާހާ ގޮތަކަށް މިހާރު މަޖިލިހުގައި އޮތް ސުޕަރ މެޖޯރިޓީން, އަބުދުއްރަހީމްގެ ތާއީދާ ނުލާ ކަންކަން ނިންމުމަކީ ރައީސް މުއިއްޒުއަށްވެސް މިހާރު ފަސޭހަ ކަމަކަށް ވެގެން ނުދާނެ ކަމުގައިވެސް އޮފިޝަލް ވިދާޅުވިއެވެ.
ފާއިތުވެދިޔަ ތަނުގައި މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ރޯލް މޮޑެލްއަކީ އަބުދުއްރަހީމް ކަމުގައެވެ. އެހެންނަނަމެވެސް އަބުދުއްރަހީމްއަކީ 12 ޓިނު ނަގައިގެން މީގެ ކުރިން އަރުވާލާފައިވާ މީހެކެވެ. އަދި ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ވައްކަން ކަމުގައިވާ އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުން އަބުދުއްރަހީމްއަށް ގިނަ އަދަދަކަށް ކޮރަޕްޝަންގެ ފައިސާ ނަގާފައިވާކަމަށްވެސް ޝައްކު ކުރެވިފައިވެއެވެ.