މީގެ މަހެއްހާ ދުވަސްކުރިން, ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އާންމު ސިއްހަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި އިއުލާން ކޮށްފައިވާ މަކުނު ވިދުރި (އެމްޕޮކްސް)ގެ ދެ ކޭސްއެއް މިހަފްތާގައި ހުޅުމާލެއިން ފެނިފައިވާކަމަށް "ދިޔަވަރު އޮންލައިން" ކަށަވަރު ކުރެވިއްޖެއެވެ.
"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ސިއްޙީ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހުޅުމާލެއިން މަކުނު ވިދުރީގެ ދެކޭސްއެއް ފެނިފައިވަނީ މި ހަފްތާގެ ހޯމަ ދުވަހުއެވެ. އެހެންނަމަވެސް, ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން, މި ބައްޔަކީ އާންމު ސިއްހަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި އިއުލާން ކުރިތާ މަހެއް ފާއިތުވެގެން ދިޔައިރުވެސް ރާއްޖޭގައި މި ބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމް މިސަރުކާރަށް ހަމަޖެއްސިފައި ނުވާތީ, މި ދެކޭސްވެސް ހެލްތު މިނިސްޓްރީންނާއި އެޗްޕީއޭއިންވެސް ސިއްރު ކޮށްފައިވާ ކަމަށް އެނގިފައި ވެއެވެ.
އާންމު ސިއްހަތަށް ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާންކޮށްފައިވާ ނުރައްކާތެރި ބައްޔެއް ރާއްޖެއިން ފެނުނު ނަމަވެސް ސަރުކާރުން އެކަން ސިއްރު ކުރުމަކީ, ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ސިއްޙީ އޮފިޝަލް ފާހަގަ ކޮށްފައި ވެއެވެ.
ރާއްޖޭގައި މިބައްޔަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ މިއަދުއެވެ. މި އިންތިޒާމް ރާއްޖޭގައި ހަމަޖައްސާފައިވަނީ މަކުނު ވިދުރިއަކީ އާންމު ސިއްހަތަށް ހުރި ނުރައްކަލެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާން ކުރިތާ އެއްމަސް ފަހުންނެވެ.
ޑަބްލިޔު އެޗްއޯ އިން މިއަދު ވަނީ އެމްޕޮކްސް އަށް ޓެސްޓް ކުރުމަށް ބޭނުންވާ ޓެސްޓް ކިޓްތައް މިނިސްޓްރީ އަށް ހަދިޔާކޮށްފައެވެ.
މި ތަކެއްޗާއި މިނިސްޓްރީގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޝަރީފް އެވެ. ޑަބްލިޔުއެޗްއޯ ގެ ފަރާތުން މި ޓެސްޓް ކިޓްތައް ޙަވާލުކޮށްދެއްވީ މެޑިކަލް އޮފިސަރ ޑރ.ޕަޑްމަލް ޑި ސިލްވަރ އެވެ.
އެމްޕޮކްސް އަށް ޓެސްޓް ކުރާނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުންނެވެ. އެހެން ނަމަވެސް އެމްޕޮކްސް އަށް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ސާމްޕަލްނެގޭނެ އެވެ.
މަކުނު ވިދުރި ނުވަތަ އެމްޕޮކްސް އާންމުކޮށް ފެންނަނީ އެފްރިކާގެ މެދުތެރެއާއި ހުޅަނގު އެފްރިކާގެ ފަޅު ސަރަހައްދުތަކުގައެވެ. މިއީ މަދުން ނޫނީ ނުފެންނަ ވައިރަލް އިންފެކްޝަނެކެވެ. މިބަލި ފުރަތަ ފެނިފައިވަނީ ޖަނަވާރުންގެ ކިބައިން ނަމަވެސް މިދިޔަ 50 ވަރަކަށް އަހަރު މިބަލި އިންސާނުންގެ ކިބައިންވެސް ވަނީ ފެނިފައެވެ.
މި އަހަރު މިހާތަނަށް ކޭސްރިޕޯޓް ކޮށްފައިވާ އަދަދު މިދިޔައަހަރަށް ވުރެ ބޮޑަށް އިތުރުވުމާއި އެކު ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ 14 އޮގަސްޓް 2024 ގައި ސިއްޙީނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައެވެ.
މަކުނު ވިދުރި ދުނިޔޭގެ ގައުމުތަކުގައި ފެތުރެން ފެށުމަށްފަހު, އެބަލީގެ ނުރައްކާ ރާއްޖެއަށް އިންތިހާއަށް ކުރިމަތިވެގެން ދިޔައިރުވެސް, ސަރުކާރު އޮތީ މި ނުރައްކާތެރި ބައްޔަށް ދެލޯ މަރާލައިގެންނެވެ. އަދި ރާއްޖެއާއި އަވައްޓެރި ގިނަ ގައުމުތަކުންވެސް މި ބަލީގެ ކޭސްތައް ފެނުނުއިރުވެސް, މި ސަރުކާރުން ރާއްޖޭގައި މިބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސާދީފައެއް ނުވެއެވެ.
ރައްޔިތުންގެ އާންމު ސިއްހަތަށް އެއްވެސް ފަރުވާލެއް ނުބެހެއްޓި ނަމަވެސް ސަރުކާރުން ވަނީ ސިޔާސީ މަގާމްތައް އިތުރުކުރުމާއި, ސިޔާސީ ބޭނުން ބޭކާރު ޚަރަދުތައް ދައުލަތުގެ މާލިއްޔަތުން ކުރުން މެކުހަށް ޖައްސާފައެވެ.