ޚަބަރު

ހެލްތު މިނިސްޓަރ ދިޔަވަރު ނޫހަށް އިންޒާރު ދީފި! މިނިވަން ނޫސްވެރިކަމަށް ޖާގަ ނުދީ, ނޫސްތަކުން ރިޕޯޓު ކުރާ މަޢުލޫމާތުގެ ތެދު ދޮގު ކަށަވަރު ނުކޮށް, ބިރު ދެއްކުމަކީ ޚުދުމުޚްތާރު ވެރިކަމެއްގެ ސިފައެއް!

ދިޔަވަރު
ހެލްތު މިނިސްޓަރ ދިޔަވަރު ނޫހަށް އިންޒާރު ދީފި! މިނިވަން ނޫސްވެރިކަމަށް ޖާގަ ނުދީ, ނޫސްތަކުން ރިޕޯޓު ކުރާ މަޢުލޫމާތުގެ ތެދު ދޮގު ކަށަވަރު ނުކޮށް, ބިރު ދެއްކުމަކީ ޚުދުމުޚްތާރު ވެރިކަމެއްގެ ސިފައެއް!

މި ސަރުކާރުގެ ހެލްތު މިނިސްޓަރ ޑރ. އަބުދުالله ޚަލީލު "ދިޔަވަރު އޮންލައިން" އަށް އިންޒާރު ދީފިއެވެ. ހެލްތު މިނިސްޓަރ "ދިޔަވަރު އޮންލައިން"އަށް އިންޒާރު ދީފައިވަނީ, ހުޅުމާލެއިން މަކުނު ވިދުރީގެ ދެ ކޭސް ފެނިފައިވާކަމަށް "ދިޔަވަރު އޮންލައިން"އިން ރިޕޯޓު ކުރުމާއި ގުޅިގެން ކުރި އެކްސް ޕޯސްޓެއްގައެވެ.

ހެލްތު މިނިސްޓަރ ޑރ. ޚަލީލު ކުރި އެކްސް ޕޯސްޓުގައި ވިދާޅުވެފައިވަނީ މަކުނު ވިދުރީގެ އެއްވެސް ކޭސްއެއް ރާއްޖެއިން ފެނިފައި ނުވާކަމަށާއި, "ދިޔަވަރު އޮންލައިން" އިން ރިޕޯޓު ކޮށްފައިވަނީ ދޮގު ޚަބަރެއް ކަމުގައެވެ. އަދި އެ ނޫހުގެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅުއްވާނެކަމަށްވެސް ޑރ. ޚަލީލު ވިދާޅުވެފައި ވެއެވެ. ހަމައެއާއެކު, ހުކުރު ދުވަހަކީ ހަފްތާގެ އެންމެ މާތް ދުވަސް ކަމަށާއި, އެއީ ހެޔޮ ކަންކަމަށް ގޮވާލާ އަމަލުތައް ގިނަކުރަން ނަސޭހަތް ލިބިގަންނަންވީ ދުވަސް ކަމުގައިވެސް ޑރ. ޚަލީލު ވިދާޅުވެފައި ވެއެވެ.

މި މާތް ދުވަހުގައިވެސް މި ނޫހުން މި ފަތުރަން ދިމާކުރީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ފަތުރަން ރޯ ބުހުތާނު ދޮގު. މިމައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނަން.

"ދިޔަވަރު އޮންލައިން" އަށް އިންޒާރު ދެމުން ހެލްތު މިނިސްޓަރ ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި މަކުނު ވިދުރި ފެތުރެމުން ނުދާކަމަށް ހެލްތު މިނިސްޓަރ ވިދާޅުވި ނަމަވެސް, މިހާތަނަށް ރާއްޖޭގައި މަކުނު ވިދުރިއަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާ ދީފައެއް ނުވެއެވެ. އަދި ރާއްޖޭގައި މަކުނު ވިދުރިއަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ނެތި, އެ ބަލި ރާއްޖޭގައި ފެތުރެމުން ނުދާކަން ހެލްތު މިނިސްޓްރީން ކަށަވަރު ކުރި ގޮތެއް ޑރ. ޚަލީލުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައެއް ނުވެއެވެ.

މީގެ މަހެއްހާ ދުވަސްކުރިން, ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އާންމު ސިއްހަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި އިއުލާން ކޮށްފައިވާ މަކުނު ވިދުރި (އެމްޕޮކްސް)ގެ ދެ ކޭސްއެއް މިހަފްތާގައި ހުޅުމާލެއިން ފެނިފައިވާކަމަށް ”ދިޔަވަރު އޮންލައިން“ ރިޕޯޓު ކޮށްފައިވަނީ އެ މައުލޫމާތު އާންމު ބައެއް ފަރާތްތަކުން މިނޫހަށް ރިޕޯޓު ކުރުމާއި ގުޅިގެންނެވެ. އެހެންނަމަވެސް އެ ފަރާތްތަކުގެ އެދުމުގެ މަތިން އެ މައުލޫމާތު ރިޕޯޓުކުރި މަސްދަރު "ދިޔަވަރު އޮންލައިން"އިން ވަނީ ސިއްރުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ހުޅުމާލެއިން މަކުނު ވިދުރީގެ ދެކޭސްއެއް ފެނިފައިވަނީ މި ހަފްތާގެ ހޯމަ ދުވަހުއެވެ. އެހެންނަމަވެސް, ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން, މި ބައްޔަކީ އާންމު ސިއްހަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި އިއުލާން ކުރިތާ މަހެއް ފާއިތުވެގެން ދިޔައިރުވެސް ރާއްޖޭގައި މި ބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމް މިސަރުކާރަށް ހަމަޖެއްސިފައި ނުވާތީ, މި ދެކޭސްވެސް ހެލްތު މިނިސްޓްރީންނާއި އެޗްޕީއޭއިންވެސް ސިއްރު ކޮށްފައިވާ ކަމަށް އެނގިފައި ވެއެވެ.

އާންމު ސިއްހަތަށް ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާންކޮށްފައިވާ ނުރައްކާތެރި ބައްޔެއް ރާއްޖެއިން ފެނުނު ނަމަވެސް ސަރުކާރުން އެކަން ސިއްރު ކުރުމަކީ, ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި ”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި ސިއްޙީ އޮފިޝަލަކު ފާހަގަ ކޮށްފައި ވެއެވެ.

ރާއްޖޭގައި މިބައްޔަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ އިއްޔެއެވެ. މި އިންތިޒާމް ރާއްޖޭގައި ހަމަޖައްސާފައިވަނީ މަކުނު ވިދުރިއަކީ އާންމު ސިއްހަތަށް ހުރި ނުރައްކަލެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާން ކުރިތާ އެއްމަސް ފަހުންނެވެ.

ޑަބްލިޔު އެޗްއޯ އިން އިއްޔެ ވަނީ އެމްޕޮކްސް އަށް ޓެސްޓް ކުރުމަށް ބޭނުންވާ ޓެސްޓް ކިޓްތައް މިނިސްޓްރީ އަށް ހަދިޔާކޮށްފައެވެ.

މި ތަކެއްޗާއި މިނިސްޓްރީގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޝަރީފް އެވެ. ޑަބްލިޔުއެޗްއޯ ގެ ފަރާތުން މި ޓެސްޓް ކިޓްތައް ޙަވާލުކޮށްދެއްވީ މެޑިކަލް އޮފިސަރ ޑރ.ޕަޑްމަލް ޑި ސިލްވަރ އެވެ.

އެމްޕޮކްސް އަށް ޓެސްޓް ކުރާނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުންނެވެ. އެހެން ނަމަވެސް އެމްޕޮކްސް އަށް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ސާމްޕަލްނެގޭނެ އެވެ.

މަކުނު ވިދުރި ނުވަތަ އެމްޕޮކްސް އާންމުކޮށް ފެންނަނީ އެފްރިކާގެ މެދުތެރެއާއި ހުޅަނގު އެފްރިކާގެ ފަޅު ސަރަހައްދުތަކުގައެވެ. މިއީ މަދުން ނޫނީ ނުފެންނަ ވައިރަލް އިންފެކްޝަނެކެވެ. މިބަލި ފުރަތަ ފެނިފައިވަނީ ޖަނަވާރުންގެ ކިބައިން ނަމަވެސް މިދިޔަ 50 ވަރަކަށް އަހަރު މިބަލި އިންސާނުންގެ ކިބައިންވެސް ވަނީ ފެނިފައެވެ.

މި އަހަރު މިހާތަނަށް ކޭސްރިޕޯޓް ކޮށްފައިވާ އަދަދު މިދިޔައަހަރަށް ވުރެ ބޮޑަށް އިތުރުވުމާއި އެކު ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ 14 އޮގަސްޓް 2024 ގައި ސިއްޙީނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައެވެ.

މަކުނު ވިދުރި ދުނިޔޭގެ ގައުމުތަކުގައި ފެތުރެން ފެށުމަށްފަހު, އެބަލީގެ ނުރައްކާ ރާއްޖެއަށް އިންތިހާއަށް ކުރިމަތިވެގެން ދިޔައިރުވެސް, ސަރުކާރު އޮތީ މި ނުރައްކާތެރި ބައްޔަށް ދެލޯ މަރާލައިގެންނެވެ. އަދި ރާއްޖެއާއި އަވައްޓެރި ގިނަ ގައުމުތަކުންވެސް މި ބަލީގެ ކޭސްތައް ފެނުނުއިރުވެސް, މި ސަރުކާރުން ރާއްޖޭގައި މިބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސާދީފައެއް ނުވެއެވެ.

ރައްޔިތުންގެ އާންމު ސިއްހަތަށް އެއްވެސް ފަރުވާލެއް ނުބެހެއްޓި ނަމަވެސް ސަރުކާރުން ވަނީ ސިޔާސީ މަގާމްތައް އިތުރުކުރުމާއި, ސިޔާސީ ބޭނުން ބޭކާރު ޚަރަދުތައް ދައުލަތުގެ މާލިއްޔަތުން ކުރުން މެކުހަށް ޖައްސާފައެވެ.