ސިޔާސީ މުއައްޒަފުންނަށް މުސާރަ ދިނުމަށް އެމްއޭސީއެލްގެ މުއައްޒަފުންގެ ބޯނަސް މުއިއްޒު ހުއްޓުވައިފިއެވެ. އެމްއޭސީއެލް އަކީ އެކުންފުނީގެ މުއައްޒަފުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހުރިހާ ވެރިކަމެއްގައިވެސް ކުންފުނީގެ އުސޫލުގެ ތެރެއިން ބޯނަސް ދެމުން އަންނަ ކުންފުންޏެކެވެ. ނަމަވެސް މުއިއްޒުގެ ނާގާބިލު ސަރުކާރު އައި ފަހުން, މި ބޯނަސް ދިނުން މިހާރު ވަނީ ހުއްޓިފައެވެ.
ކޮންމެ އަހަރެއްގެ ބޯނަސް ފުރަތަމަ 6 މަސް ދުވަސް ނިމޭއިރަށް ދެމުން ދިޔަ ނަމަވެސް, އެ މުއްދަތު ގޮސް މިހާރު އިތުރު 3 މަސް ވެގެން މިދަނީއެވެ. އެމްއޭސީއެލްގެ މުއައްޒަފުންނަށް ބޯނަސް ދޭނެ ކަމަށް ބުނެ, މުއައްޒަފުން މައިތިރި ކުރުމަށް ކުންފުނީގެ ސީއީއޯ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް, ބޯނަސް ދިނުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ސީއީއޯގެ އަރިސް ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ދީފައިވެއެވެ.
އެމްއޭސީއެލްގެ މުއައްޒަފުން ތިބީ ކަންބޮޑުވެފައެވެ. އެމީހުންގެ ހައްޤު ހޯދަން ދާނެ ދިމާލެއް ކުރެވޭނެ ކަމެއް ނެތި ވަނީ ނިކަމެތިކަން ކުރިމަތި ކޮށްފައެވެ. މިއީ އެއްވެސް ސަރުކާރަކުން ކުންފުނިތަކަށް ކުރިމަތި ކުރުވި ހާލަތެއް ނޫނެވެ. ރާއްޖޭގެ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު, ރައްޔިތުންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީ ހިފެހެއްޓުން މި ދަނީ އާންމު ވަމުންނެވެ.
މަސްވެރިންނަށް ފައިސާ ނުދީ ހިފަހައްޓައި އެތައް މަހެއް ބެހެއްޓުމުން, މި ހާލަތު ސިވިލްސާރވެންޓުންނަށް ކުރިމަތިވާނެ ކަމަށް އޭރު ދިޔަވަރު ނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ. މިއަދު ބޯނަސް ނުދެވޭ ހާލަތަށް އެމްއޭސީއެލް ފަދަ ކުންފުންޏެއް ވެއްޓުމަކީ, އެކުންފުނީގެ މާލީ ހާލަތު ގޮސްފައިވާ ހިސާބު ރަމްޒު ކޮށްދޭ ކަމެކެވެ.
ނަމަވެސް ސަރުކާރަށް ނަގާ ސިޔާސީ މުއައްޒަފުންގެ އަދަދު މަދެއް ނުވެއެވެ. އެ ސިޔާސީ މީހުންނަށް ދޭން ބޭނުންވާ މުސާރައިން އެންމެ ލޯ ލާރިއެއްވެސް މަދު ނުވެއެވެ. މީގެ މިސާލަކީ ސަރުކާރުން, 3 ޑިޕިއުޓީ މިނިސްޓަރެއް ސަސްޕެންޝަނުގައި ތިއްބާ އެތައް ލައްކަ ރުފިޔާއެއް އެއްވެސް މަސައްކަތެއް އެމީހުން ނުކުރާ އިރުވެސް ދީފައިވާ ދިނުމެވެ. މިއަދު ޑެޕިއުޓީ ކަމުން އެމީހުން އަމިއްލަ އަށް އިސްތިއުފާދިން އިރު, އެވަރުގެ މުސާރައާއި އެކު ކުންފުނިތަކުން އެމީހުންނަށް ވަނީ މަގާމު ހަމަޖެހޭނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވާފައެވެ.
ރައްޔިތުންގެ މެދުގައި މިހާ ބޮޑަށް ތަފާތުކުރުން ގެންގުޅޭ ވެރިއަކު އަދި ރާއްޖޭގެ ފަހުގެ ތާރީޚުގައި ފެނިފައި ނުވެއެވެ.
ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް ނުދިން ނަމަވެސް, ރައްޔިތުންނަށް ދޭން ޖެހޭ ފައިސާ ސަޕްލަޔަރުންނަށާއި, މުއައްޒަފުންނަށް ނުދިން ނަމަވެސް, މި ކުންފުނިތަކުން އެތައް މިލިއަން ރުފިޔާއެއް މުއިއްޒު ދަނީ އޭނާގެ ސިޔާސީ ހަރަކާތްތަކަށް ނަގަމުންނެވެ. މި ހުރިހާ ފައިސާ އަކީ ސިދާ ކޮރަޕްޝަން މެދުވެރިކޮށް މުއިއްޒު ނަގާ ފައިސާ ކަމުން, ރާއްޖޭގެ ހާލަތު ހުރި ގޮތުން އޭގެ އަސަރު ހީވެސް ނުކުރާހާވަރަށް ރައްޔިތުންނަށް ދަނީ ކުރަމުންނެވެ.