ސިޔާސީ

މުއިއްޒުގެ ސަބަބުން ރާއްޖެ ބަނގުރޫޓު ވުމުން، ރާއްޖެ ސަލާމަތް ކޮށް ދިނުމަށް އައީ އިންޑިޔާއިން! މުއިއްޒަށް ރާއްޖެ ސަލާމަތެއް ނުކުރެވުނު!

ދިޔަވަރު
މުއިއްޒުގެ ސަބަބުން ރާއްޖެ ބަނގުރޫޓު ވުމުން، ރާއްޖެ ސަލާމަތް ކޮށް ދިނުމަށް އައީ އިންޑިޔާއިން! މުއިއްޒަށް ރާއްޖެ ސަލާމަތެއް ނުކުރެވުނު!

މިއަދު ރާއްޖޭގެ ނޫސްތަކުގެ ފަލަ ސުރޫހީ ތަކުން ފެނިގެން ދިޔަ ހެޑްލައިން އަކީ, ރާއްޖެއަށް ދިމާވެފައިވާ މާލީ އުނދަގޫތަކުން ސަލާމަތްކޮށްދިނުމުގައި އެހީވާން އިންޑިއާ ތައްޔާރަށް އޮތް ކަމަށް އެ ގައުމުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައި ވާ ވާހަކައެވެ.

މި ޚަބަރު ތަކުގައި ވާ ގޮތުން, އިންޑިއާގެ "އިކޮނޮމިކް ޓައިމްސް" ގައި އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ހަމަޖައްސަން ކުރިން ނިންމާފައި އޮތް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ކުރީ ސަރުކާރުން، 2019 ވަނަ އަހަރު ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ވެސް އެހީ ހޯދުމުގެ ފުރުސަތު އެބަ އޮތް ކަމަށް، ނަން ހާމަނުކޮށް ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވެފައިވެފައި ވާކަމަށް އެ ނޫހާއި ހަވާލާދީ ރާއްޖޭގެ ނޫސްތަކުގައި ލިޔެފައިވެއެވެ.

މުއިއްޒު އިންޑިޔާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރަކީ, މިވާހަކަތަކަށް ބާރު ލިބޭ ކަމެކެވެ.

މިއީ ތެދު ކަމުގައި ވާނަމަ, މިއިން ދިވެހި ރައްޔިތުންނަށް 3 ކަމެއް ފާހަގަ ކުރެވޭނެއެވެ. ފުރަތަމަ ކަމަކީ މުއިއްޒަށް ދިވެހިރާއްޖޭގެ މާލީ ކަންކަން މެނޭޖުކުރަން ނޭނގިގެން އަދި އިސްރާފު ބޮޑުވެގެން މާލީހާލަތު ގޯސްވެ, ރާއްޖެ ބަނގުރޫޓާއި ހަމައަށް ގެނެސްފައިވާކަމެވެ.

ދެވަނަކަމަކީ އެކަން ރަނގަޅު ކުރާނެ ވަރުގެ ގާބިލު ކަމެއް މުއިއްޒުގެ ކިބާގައި ނެތް ކަމެވެ. އެތައް ޤައުމަކަށް މުއިއްޒުގެ އާދޭހުގެ ސިޓީއާއި އެކު ނާށިގަނޑު ހިފައިގެން ގޮސްފައި ވާއިރު, މާލީ ގޮތުން ކަންކަން ހެޔޮ މަގަށް އެޅުވުމަށް ކުރެވުނު ކަމެއް ނެތްކަމެވެ. އަދި މުއިއްޒަށް އެހީވެދޭނެ ޤައުމެއްވެސް ނެތްކަމެވެ.

ތިންވަނަ ކަމަކީ ރާއްޖެ މިހާލަތަށް ގޮސް, ރާއްޖެއިން ވިއްކާފައިވާ ސުކޫކު ޑިފޯލްޓަކަށް ހިނގައިދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް, ރާއްޖޭގެ ރިޒާވް ދަށަށް ގޮސް, އެއްމަހަށް ޤައުމަށް ބޭނުންވާ ފުރާޤު ގެނެވޭނޭ ވަރަށް ރިޒާރވް ގައި ފައިސާ ނެތް ހާލަތަށް ރާއްޖެ ވެއްޓުމުން އިންޑިޔާއިން ރާއްޖެއަށް އެހީވާން ތައްޔާރަށް އޮތް ކަމެވެ.

ކަށަވަރުކޮށް ދިވެހި ކޮންމެ ރައްޔިތަކަށްމެ, ސާފުކޮށް އެނގޭ ހަޤީގަތަކީ މުއިއްޒަށް ޓަކައި އިންޑިޔާއިން މިފަދަ ކަމެއް ކޮށް ނުދޭނެކަމެވެ. އަދި މުއިއްޒުގެ ސަރުކާރު ނެގެހެއްޓުމުގެ ބޭނުމުގައިވެސް, މިފަދަ ކަމެއް އިންޑިޔާއިން ކޮށް ދިނުމުގެ ބޭނުމެއް ނޯންނާނެކަމެވެ. އެހެން ކަމުން އިންޑިޔާއިން މިއަދު އެހީތެރި ކަމުގެ އަތް މި ދިއްކޮށްލަނީ ދިވެހިންނަށް ޓަކައެވެ. ކައިރީގައި އޮތް ޒަމާންވީ އެކުވެރި ރައްޔިތަކު ދިރިއުޅެމުންދާ ޤައުމެއް ހާލުގައި ޖެހުމުން, އޭގެ ދަތިކަން ތަހައްމަލު ކުރާނީ މުއިއްޒު ނޫންކަން އެނގޭތީއެވެ. ނަމަވެސް ދިވެހި ރައްޔިތުން ކަމަށް ވާތީއެވެ.

މިއީ ޗައިނާ އާއި އިންޑީޔާއާއި އޮތް ތަފާތެވެ. ޗައިނާ އޮތީ މާ ދުރުގައެވެ. ރާއްޖެއަށް ދިމާވާ ދަތި ހާލަތުގެ ވޭނެއް އިހްސާސް ކުރެވޭ ހިސާބަކު ނޫނެވެ. އެ އިހުސާސް ޗައިނާއަށް މިއަދު ނުކުރެވުނީވެސް އެހެންވެއެވެ. އެހީތެރި ނުވީ އެހެންވެއެވެ.

އިންޑިޔާއާއި ރާއްޖެއަކީ ޒަމާންވީ ގާތް ދެ އެކުވެރިންނެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ދުވަހަކުވެސް އަރައިގަނެފައި ނުވާ ގާތް ގައުމެކެވެ. ރާއްޖޭގެ ރައްޔިތުން ނިކަމެތިވެ, ހާލުގައި ޖެހި ދާކަށް އިންޑިޔާ ބޭނުން ނުވަނީ އެ އޮތް ތާރީޚީ ގުޅުމާއި, ދެ ޤައުމުން އެއްޤައުމު އަނެއްގައުމުގެ މިނިވަން ކަމާއި އިސްތިޤްލާލަށް ކުރާ އިޚްތިރާމުގެ ސަބަބުންނެވެ. ނަމަވެސް މި ޙާޤީގަތް އޮޅުވާލައި, އަވަށްޓެރި އިންޑިޔާއާއި ދެކޮޅަށް ކަނޑައެޅިގެން ދޮގު ވާހަކަ އުފައްދައިގެން ދެއްކީ މުއިއްޒު އާއި އޭނާގެ ބައިވެރިންނެވެ.

މިއަދު ރާއްޖެ މިހާލަތަށް ގޮސް, މި ހާސް ކަމުގައި ރައްޔިތުން ތިބެންޖެހުމުގެ ފުރިހަމަ ޒިންމާ މުއިއްޒު ނަގަން ޖެހެއެވެ. މިއަދު ރާއްޖޭ މުއިއްޒަށް ނުކުރެވުނު ސަލާމަތުން ސަލާމަތް ކޮށް މިދެނީ އިންޑިޔާއިންނެވެ. ޗައިނާއަކުން ނޫނެވެ. އަދި މުއިއްޒެއްވެސް ނޫނެވެ. ހަމަ އެއްކަލަ އައުޓު ގޮވި އިންޑިޔާއިންނެވެ.