ރާއްޖެ އަކީ ޗައިނާ ކައިރީގައި އޮތް ޖަޒީރާ ޤައުމެއް ނަމަ، ރާއްޖޭގެ މިނިވަން ކަން ނަގާލައި، ޗައިނާ އިން ރާއްޖެ އަޅުވެތި ކުރާނެއެވެ. މިއީ އާންމުކޮށް ޤައުމަކާއި މެދު މުޚާތަބުކޮށް ނޫސްތަކުގައި ޖަހާކަހަލަ ހެޑްލައިނެއް ނޫނެވެ. ނަމަވެސް ސައުތު ޗައިނާ ކަނޑުގައި ހިނގަމުންދާ އަޅުވެތި ކުރުމާއި ހަންފެތުރުމުގެ ޗައިނާގެ އަނިޔާވެރި ސިޔާސަތު އެނގޭ މީހަކަށް މިދައްކަން އުޅޭ ވާހަކަ އޮޅިވަޑައި ނުގަންނަވާނެއެވެ.
ޗައިނާއަކީ މިއަދު ޗައިނާ އާއި އަވަށްޓެރި ހުރިހާ ޤައުމަކަށް ހުރި ބިރުވެރި ކަމެކެވެ. ފިލިޕީންސް, މެލޭޝިޔާ, ވިއެޓްނާމް, ބުރޫނާއީގެ މިނިވަންކަމާއި, ސިޔާދަތަށް ވަނީ ނުރައްކާވެފައެވެ. އަވަށްޓެރިންގެ ހައްޤުތަކަށް ކޮންމެ ދުވަހަކުމެ އަރައިގަނެ, ޗައިނާގެ އަވަށްޓެރި ޤައުމުތަކުގެ ސަރަހައްދުތައް އެއީ ތިމަންނާމެންގެ އަމިއްލަ ބައެއް ކަމަށް ބުނެ ދައުވާކޮށް, ކަނޑައެޅިގެން ބައިނަލްއަގުވާމީ UNCLOS ގެ ޤާނޫނުތަކާއި ދެކޮޅަށް ތެދުވެ, ބައިނަލްއަގުވާމީ ކޯޓުތަކުގެ ނިންމުންތަކާއި ދެކޮޅު ހަދައި, އަވަށްޓެރި މި ޤައުމުތަކުގެ އިހްތިސާސް ތެރޭގައިވާ އެ ޤައުމުތަކުގެ ރަށްތަކާއި ކަނޑާއި ފަޅާއި, އެތަންތަނުގައިވާ އެންމެހާ ތަކެއްޗެކީ ތިމާމެންގެ ތަކެތި ކަމަށް ބެލުމަކީ ކޮންފަދަ ބޮޑު އަދާވާތްތެރި ކަމެއްތޯއެވެ.
މިހިސާބުން ނިމުނީކީ ނޫނެވެ. ފިލިޕީންސް އަށް ނިސްބަތްވާ އެޤައުމުގެ ރަށްތަކަށް ވެރިވެ, އެ ޤައުމުގެ ފަރުތައް ހިއްކަނީއެވެ. މިހިސާބުން ނިމުނީކީއެއް ނޫނެވެ. އެ ފަރުތަކުގައި ބޮޑެތި, މިލިޓަރީ ބޭސްތައް ވެސް ޗައިނާ އިން ވަނީ އަޅާފައެވެ. އާދޭހެވެ. ފިލިޕީންސް އަށް ނިސްބަތްވާ ސައުތު ޗައިނާ ކަނޑުގައިވާ އެ ޤައުމުގެ ރަށް ތަކަށް އަރައިގަނެ, އެތަންތަން އަމިއްލަ ކޮށް އެތަންތާގައި މިލިޓަރީ ބޭސް ޗައިނާއިން ދަނީ އަޅަމުންނެވެ.
އެ ޤައުމުތަކުގެ ސަރަހައްދީ ކަނޑާއި, އެއަށްވުރެ ދުރުގައި އޮތް, އީއީޒެޑް ގައި އެ ޤައުމުގެ ރައްޔިތުންނަށް އިޤްތިޞާދީ މަސައްކަތް ކޮށް, މާލީ މަންފާ ހާސިލް ކުރުން ޗައިނާ އިން ވަނީ މަނާ ކޮށްފައެވެ. ބައެއްގެ ސަރަހައްދީ ކަނޑަށް ވަދެ, މިއީ ތިމަންނާ މެންގެ ކަނޑު ކަމަށާއި, މިތަނުން ދަތުރު ނުކުރުމަށާއި, މިތަނުން އިޤްތިޞާދީ ނަފާ ނެގުމަށް އެއްވެސް މަސައްކަތެއް ނުކުރަން އަންގާނީ ކިހާ ހުދުމުހުތާރު ޤައުމަކުންތޯއެވެ. މިއީ ކާށިދޫ ކަނޑަށް ދިވެހިންނަށް ނުވަދެވޭނެ ކަމަށް ޗައިނާއިން ނިންމުން ފަދަ ކަމެކެވެ.
ޗައިނާއިން މި ދައްކަމުންދާ މިލިޓަރީ ބިރުވެރިކަމުގައި, ދުނިޔޭގެ މަސްވެރިކަމުގެ %12 ހިއްސާ ކުރާ ސައުތު ޗައިނާ ކަނޑުން އެ ފައިދާ ހޯދުމަށް އެ ކަނޑު ނިސްބަތްވާ ޤައުމުތަކަށް ވަނީ ނުކުޅެދިފައެވެ. އެ ކަނޑުގައިވާ 11 ބިލިއަން ބެރަލް ގެ ތެލާއި, 190 ޓްރިލިއަން އަކަ ފޫޓުގެ ގުދުރަތީ ގޭހުން ވަނީ މަހުރޫމް ކޮށްފައެވެ.
9 ރަތް ރޮނގު މެޕްގައި އަޅައި, އެ ރަތް ރޮނގުގެ ތެރެއަށް ފެތޭ ޗައިނާ ކަނޑުގެ ކޮންމެ އިންޗިއަކީ ތިމަންނާމެންގެ ތަނެއް ކަމަށް ބުނެ, އެއަށް ވެރިކޮށްލި އިރު އެއީ މުޅި ސައުތު ޗައިނާ ކަނޑުގެ %90 އެވެ. އެހެންކަމުން, ދިވެހިރާއްޖެ ޗައިނާއާއި ކައިރީގައި މި ކަނޑުގައި އޮތް ނަމަ, ޗައިނާއިން މި ދަމާލި ރަތް ރޮނގުގެ ތެރެއަށް ދިވެހި ރާއްޖެ ވަންނާނެއެވެ. މެލޭޝިޔާއާއި, ފިލިޕީންސްއާއި ވިއެޓްނާމްގައި އޮތް އާބާދީ އާއި, މިލިޓަރީ ބާރުވެރިކަން ރާއްޖޭގައި ނެތެވެ. ޝީޖިންގޕިން ފެންތައްޓެއް ބޯލާހާ ފަސޭހައިން ރާއްޖެ އަޅުވެތި ކޮށްލާނެއެވެ.
އަޅުވެތި ކުރުމާއި, އެހެން ޤައުމުތަކުގެ ބޯޑަރަށް އަރައި ގަތުމަކީ ޗައިނާގެ ލޭގައި އޮތް ކަމެކެވެ. މިއީ ޗައިނާއާއި އިންޑިޔާއާއި ދެމެދު އޮތް ތަފާތެވެ.