މިމަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ, ކުރިކެޓް ބޯޑުގެ އިންތިޚާބަށް އާއިލީ މީހުންނާއި ގާތް ރަށްޓެހިން ލުމަށް, މި ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރ އަބުދުالله ރާފިއު (ރާއްޕެ) އެ އިންތިޚާބަށް އަތް ބާނައިގެން, އިންތިޚާބަށް ނުފޫޒު ފޯރުވަމުންދާކަމުގެ މައުލޫމާތު "ދިޔަވަރު އޮންލައިން" އަށް ލިބިއްޖެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވި ގޮތުގައި, ކުރިޔަށްއޮތް މި އިންތިޚާބުގައި ކުރިކެޓް ބޯޑަށް މިނިސްޓަރ ރާއްޕެ ބޭނުންވާ ބަޔަކު އިންތިޚާބު ކުރުމަށް, ވޯޓު ދޭ ފަރާތްތަކަށް އޭނާ އަމިއްލައަށް ގުޅަމުންދާ ކަމުގައެވެ.
އިންތިޚާބަށް އަތްބާނާ, ސިޔާސީ ނުފޫޒު ފޯރުވައިގެން, ކުރިކެޓް ބޯޑަށް އިންތިޚާބުކުރުމަށް މިނިސްޓަރ ރާއްޕެ މަސައްކަތް ކުރަމުންދާ ދެމީހުންގެ ތެރޭގައި އޭނާގެ އަނބިކަބަލުންގެ ބޭބެ އަހުމަދު ޝާހިދުއާއި, ކުރިކެޓް ބޯޑުގެ ރައީސްކަމަށް އިންތިޚާބު ކުރުމަށް ރާއްޕެ ބޭނުންވާ އޭނާގެ "ބެސްޓު ފްރެންޑް" ފަރުހަތު ޖަލީލް ހިމެނެއެވެ. ފަރުހަތު ޖަލީލްއަކީވެސް ރާއްޕެގެ އަނބިކަބަލުންނާއި އާއިލީ ގުޅުން އޮންނަ ފަރާތެކެވެ.
އެގޮތުން ކުރިކެޓް ބޯޑުގެ މެމްބަރުންނާއި, އޭގެ އިތުރުން އެމްއެންޑީއެފް ކުލަބާއި, ޕޮލިސް ކުލަބާއި, އަދި ކަސްޓަމް ކުލަބަށްވެސް އެކުލަބް ތަކުގެ ވޯޓު ކަށަވަރު ކުރުމަށް ރާއްޕެ އެތަންތަނުގެ ވެރިންނަށް އަމިއްލައަށް ގުޅަމުންދާ ކަމުގައި އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މި އިންތިޚާބުގައި ވޯޓުލާ ސްކޫލްތަކަށްވެސް މިނިސްޓަރ ރާއްޕެ ނުފޫޒު ފޯރުވަމުންދާ ކަމުގައެވެ. އެގޮތުން ސްކޫލްތަކުން އިންތިޚާބުގައި ވޯޓުލާ މީހުންގެ ފޯމު ފުރާ, ސްކޫލްތަކުގެ ޕްރިންސިޕަލުން ލައްވާ ފޯމުގައި ސޮއިކުރުމަށް ސްކޫލަށް ގެންދަނީވެސް އިންތިޚާބުގައި ވާދަކުރާ ރާއްޕެގެ އާއިލީ ކެނޑިޑޭޓުންކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އެއީ ރާއްޕެއަށް އިތުބާރު ކުރެވޭވަރުގެ ޔަގީންކަން އޮތް މީހަކު ސްކޫލްގެ ފަރާތުން އިންތިޚާބުގައި ވޯޓުލާނެކަން ޔަގީންކުރުމަށްކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މި އިންތިޚާބުގައި 10 ސްކޫލަކުން ވޯޓު ލާއިރު, އެމްއެމްޑީއެފް ކުލަބާއި, ޕޮލިސް ކުލަބު އަދި ކަސްޓަމްސް ކުލަބު ހިމެނޭހެން 18 ކުލަބަކުން ވޯޓު ލާނެއެވެ.
"ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި, ކުރިކެޓް ބޯޑަށް އާއިލީ މީހުންނާއި އެންމެ ގާތް ރައްޓެހިން އިންތިޚާބު ކުރުމަށް ރާއްޕެ ބޭނުންވަނީ, އެ ބޯޑުގެ ބަޖެޓް އޭނާގެ މުށުތެރެއަށް ލުމުގެ ބޭނުމުގައެވެ. އެގޮތުން, ކުރިކެޓް ބޯޑަށް އަމިއްލަ އާއިލީ މީހުންނާއި ރައްޓެހިން އިންތިޚާބުކުރުމަށް ކުރާ މަސައްކަތަކީ, ރައީސް ސާލިހުގެ ދައުރުގައި ކުރިކެޓް ދަނޑު ހެދުމަށް ލިބުނު ބަޖެޓަށް އޭނާގެ ނުފޫޒު ފޯރުވާ, އެކުވެނި ދަނޑުގައި ކުޑަ ވިނަކޮޅެއް އަތުރާލުމަށްފަހު, ލާރިކޮޅު ޖީބަށް ލުމަށް ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އޮފިޝަލް މިނިސްޓަރ ރާއްޕެގެ މި އަމަލު ސިފަ ކޮށްފައި ވެއެވެ.
ރައީސް ސާލިހުގެ ދައުރުގައި, ހުޅުމާލޭގައި ކުރިކެޓް ދަނޑެއް އެޅުމަށް އިންޑިއާއިން އެހީ ދީފައިވަނީ, އޭރު އިންޑިއާއިން ހަމަޖެއްސި 400 މިލިއަން ޑޮލަރުގެ ކުރެޑިޓް ލައިންގެ ތެރެއިންނެވެ. މި ކުރެޑިޓް ލައިންގައި އެކި ކަންކަމަށް ހިމަނާފައިހުރި ފައިސާއަކީ އެނޫން އެހެން ކަމަކަށް ބޭނުން ކުރެވޭގޮތަށް ހުރި ފައިސާއެއް ނޫނެވެ. އެހެންކަމުން, އެކުވެނި ދަނޑުގައި ކުޑަ މަރާމާތެއް ކުރުމަށްފަހު ނުވަތަ ވިނަކޮޅެއް އިންދާލުމަށްފަހު, މިފައިސާއިން ބޮޑު ކަޓެއް ނެގެން އޮތް ހަމައެކަނި ގޮތަކީ, ކުރިކެޓް ބޯޑަށް މިނިސްޓަރ ރާއްޕެ ބޭނުންވާ ބަޔަކު އިންތިޚާބު ކޮށްގެން ކަމަށް އޭނާއަށް ގަބޫލު ކުރެވިފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ދާދިފަހުން މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ރާއްޕެ ވިދާޅުވެފައިވަނީ އެއްވެސް ކުޅިވަރު އެސޯސިއޭޝަންއެއްގެ އެއްވެސް އިންތިޚާބަކަށް އޭނާ ނުފޫޒެއް ނުފޯރުވާނެ ކަމުގައެވެ. އެހެންނަމަވެސް, މިމަހު 20 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުރިކެޓް ބޯޑުގެ އިންތިޚާބަށް އަތް ބާނާގައިގެން އިންތިޚާބަށް ސިޔާސީ ނުފޫޒު ފޯރުވުމަށް މިނިސްޓަރ ރާއްޕެ ކުޅެމުންދާ "ޑްރާމާ"އާއި ގުޅޭގޮތުން މުޅި ކުރިކެޓް ކޮމިއުނިޓީ ތެރޭގައި އިންތިހާއަށް ކަންބޮޑުވުން އެބަ އޮތެވެ.
ހަމަ އެއާއެކު, ފާއިތުވީ ހުރިހާ ވެރިކަމެއްގަވެސް, ކުރިކެޓް ބޯޑަކީ ސިޔާސީ ނުފޫޒުން ސަލާމަތްވެފައި އޮތް ބޯޑެއްކަން ގިނަބަޔަކު ފާހަގަ ކުރެއެވެ. އެހެންނަމަވެސް މި ސަރުކާރުގައި, ކުރިކެޓް ބޯޑުގެ އިންތިޚާބަށް ދަންދެން މިސަރުކާރުގެ ވަޒީރުން ގެންދަނީ ސިޔާސީ ނުފޫޒު ފޯރުވާ, ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރިހާ ދޮރެއްވެސް ހުޅުވަމުންނެވެ.
ކޮރަޕްޝަނަށް ހުރި ހުރިހާ ދޮރެއް ބަންދު ކުރައްވާނެކަމަށް ވިދާޅުވެ, ރައީސް މުއިއްޒު ގެންދަވަނީ އެމަނިކުފާނުގެ އަމިއްލަ ޖީބަށް ކޮރަޕްޝަންގެ ފައިސާ ލެއްވުމުގެ އިތުރުން ގާތް އަރިސް ފަރާތްތަކުން ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަކަށްވެސް ދެލޯ މަރާލަމުންނެވެ.