ރައީސް މުއިއްޒުގެ އެންގުމަށް ދަށު ކޯޓުގައި ކުރިޔަށް ގެންދާ ރައީސް ޔާމިންގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިއަދު ކުރިޔަށް ދިޔައިރު, ރައީސް ޔާމިންގެ ސަޕޯޓަރުން އަނެއްކާވެސް މުއިއްޒުއަށް ވެރިކަމަށް ވަޑައިގެންނެވުމަށް ރައްޔިތުންނަށް ދެއްކި ހުސް ގޮނޑި އަލުން ދައްކާލައިފިއެވެ.
އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިމެނޭ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިންގގެ ކުށް ޔާމީނުގެ މައްޗަށް ސާބިތުވެ، 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާއަށް 11 އަހަރުގެ ޖަލު ހުކުމަކާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑައެޅިއެވެ. ހަމައެހެންމެ، ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކުރެވުނެވެ.
ނަމަވެސް، ޔާމީނާއި ޔޫސުފް ނައީމް މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން، 2024 ވަނަ އަހަރުގެ އެޕްރީލް 18 ވަނަ ދުވަހު ހައިކޯޓުން ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް ކްރިމިނަލް ކޯޓުގެ ނިންމުމާމެދު އަލުން ގޮތެއް ނިންމުމަށް މައްސަލަ އަނބުރާ ކްރިމިނަލް ކޯޓަށް ފޮނުވާފައިވެއެވެ.
ފާއިތުވި ރިޔާސީ އިންތިޚާބުގައި މުއިއްޒު ވައުދު ވެވަޑައިގެންފައިވަނީ, ވެރިކަމަށް ވަޑައިގެންނެވިއްޖެނަމަ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމިން މިނިވަން ކުރައްވާނެ ކަމަށާއި, ރައީސް ޔާމިންގެ މައްޗަށް ކުރެވޭ "ނުހައްގު" ޝަރީއަތްތައް ނިމުމަކަށް އަންނާނެ ކަމުގައެވެ. އަދި ވެރިކަމަށް ވަޑައިގެންނެވުމާއެކު ޝަރީއަތްތަކަށް ރައީސް އޮފީހުން އަތް ބޭނުންވެސް ނިމުމަކަށް އަންނާނެ ކަމަށްވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމާއެކު މުއިއްޒުވަނީ ރައީސް ޔާމިން މިނިވަން ކުރުމަށް ދެކޮޅު ހަދާ, ޝަރީއަތްތަކަށް އަތްބާނާ, ރައީސް ޔާމިންގެ މައްޗަށް ހިނގަމުން އައި ޝަރީއަތްތަކަށް ސިޔާސީ ނުފުޒު ފޯރުވަން ފަށާފައެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމިންގެ ނަންޖެހި ހުސްގޮނޑި ދައްކައިގެން, ދޮގުވައުދުތައްވެ, މަކަރާއި ހީލަތުންނެވެ.