މާލީ ހާލަތު ގޯހުން ގޯހަށް ދަނިކޮށް، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައިގެން ބަދަލު ގެނައީ، ކުންފުނިތަކުގެ ބޯޑަށް މީހުން އިތުރު ކުރުމަށެވެ. މިއީ މުއިއްޒުގެ ސަރުކާރުގެ ފެންވަރެވެ. މި ބިލަށް އިތުރު ބަދަލެއް ނުގެނެސް ނިންމިހާވެސް ކަމަކީ އިތުރަށް ކުންފުނިތަކުގެ ބޯޑަށް މީހުން އައްޔަން ކުރެވޭ ގޮތެވެ.
ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާމު މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސެޕްޓެމްބަރު 11، ގަ އެވެ. އެ ބިލުގެ އިބްތިދާއީ ބަހުސަށްފަހު ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވަން ފާސްކުރީ މިއަދު އެވެ.
މުއިއްޒު ބޭނުންވި ގޮތަށް, ސަރުކާރުން ބިލް ހުށައެޅި ގޮތަށް އެއްވެސް ބަދަލެއް ކޮމިޓީއިން ގެނެސްފައި ނުވެއެވެ. ޖެހީ ރަބަރު ސްޓޭމްޕެވެ. 77 މެމްބަރުންގެ އިއްތިފާގުން ނިންމީ މުއިއްޒު ބޭނުންވި ގޮތަށެވެ. އިތުރު ވަޒީފާ ދިނުމާއި, ކުންފުނިތަކުގެ ބޯޑުތަކަށް މީހުން އިތުރު ކުރުން އެއީ ރައްޔިތުން އެދޭ ގޮތެއް ނޫނެވެ. ސަރުކާރުގެ ޚަރަދުތައް އެތައް ގުނައަކަށް އިތުރުވެ, އޭގެ ގެއްލުން ރައްޔިތުންނަށް އިންތިހާއަށް ކުރިމަތި ވެފައިވަނިކޮށް ރައްޔިތުންގެ އިހްސާސްތަކާއި ސީދާ ދެކޮޅަށް މިފަދަ ބިލެއް ރައްޔިތުން މަޖިލީހުން ރަބަރ ސްޓޭމްޕް ޖަހައި ނިއްމާލީމާ ޤައުމުގެ ހާލު ރައްޔިތުންނަށް ސާފުވެގެން ދެއެވެ.
ކުންފުނީގެ ގާނޫނަށް ގިނަ ބަދަލުތަކެއް ގެންނަން ހުށަހެޅި މި ބިލުގައި ބަދަލުކުރަން ހުށަހަޅާފައިވާ އެއް މާއްދާ އަކީ ކުންފުނިތަކުގައި ޑިރެކްޓަރުން ތިބޭނެ ގޮތް ބަޔާންކުރާ، 113 ވަނަ މާއްދާ އެވެ. އެ މާއްދާގެ (ރ) ގައި މިހާރު އޮތް ގޮތުން ސަރުކާރު ކުންފުންޏެއްގެ ބޯޑުގައި އެންމެ މަދުވެގެން ތިބޭނެ ޑިރެކްޓަރުންގެ އަދަދު ކަނޑައެޅޭނީ އެހެން ގާނޫނަކުން، އެ ކުންފުންޏެއް އުފައްދާ ގާނޫނުން ނުވަތަ ގަރާރަކުންނެވެ.
އާ ބިލުގައި އޮތް ގޮތުން ކުންފުނީގެ ހިންގާ ގަވައިދުން ވެސް ބޯޑު މެންބަރުންގެ އަދަދު ކަނޑައެޅޭނެ އެވެ.
ކުންފުނިތަކުގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ގާނޫނުގައި މިހާރު ދީފައި އޮތް މުހުލަތު ކުރުކުރަން ވެސް މި ބިލުގައި އެބަ އޮތެވެ. ކުންފުނީގެ ގާނޫނުގެ 100 ވަަނަ މާއްދާގައިވާ ގޮތުން އަހަރީ އާއްމު ޖަލްސާ ބާއްވަން، އެކަމަށް އޮންނަ އުސޫލުން ހުށަހަޅައިފި ނަމަ ޖަލްސާގެ ދައުވަތު ދޭން 21 ދުވަހުގެ މުހުލަތެއް އޮވެ އެވެ. އަދި ޖަލްސާ ބާއްވަން ޖެހޭނީ ޖަލްސާ ބާއްވަން ހުށަހަޅާތާ ތިން މަސްދުވަހުގެ ތެރޭގަ އެވެ.
ބިލް ފާސްކުރަން ނެގީ 10 މިނުޓެވެ.