ޚަބަރު

އިނގިރޭސި އަސްކަރީ ސިފައިނާއި އެކު އައި އުޅަނދެއް ރާއްޖޭގައި ބަނދަރު ކޮށްފި! މާލޭގައި އޮންނާނެ މުއްދަތެއް ސަރުކާރަށް ނޭނގެ!

ދިޔަވަރު
އިނގިރޭސި އަސްކަރީ ސިފައިނާއި އެކު އައި އުޅަނދެއް ރާއްޖޭގައި ބަނދަރު ކޮށްފި! މާލޭގައި އޮންނާނެ މުއްދަތެއް ސަރުކާރަށް ނޭނގެ!

އިނގިރޭސިވިލާތުގެ އަސްކަރީ އުޅަނދެއް، އެ ގައުމުގެ ކަނޑުގެ ސިފައިންނާއެކު މާލޭގައި ބަނދަރުކޮށްފި އެވެ.

އެ އުޅަނދު މިހާރު އޮތީ މާލޭގެ ހުޅަނގު އުތުރު ކަންމަތިން ބޭރުގަ އެވެ. "އާރުއެފްއޭ ލައިމް ބޭ" އަކީ އިނގިރޭސި އަސްކަރިއްޔާގައި މިހާރު އޮތް އެންމެ ބޮޑެތި އުޅަނދުތަކުގެ ތެރޭގައި ހިމެނޭ އެއް އުޅަނދެވެ. އެ ބޯޓުގެ ދިގު މިނުގައި 250 މީޓަރު ހުރެ އެވެ. 

ލައިމް ބޭގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އެ އުޅަނދުން މާލެ އައީ ޕޯޓު ވިޒިޓެއްގައި ކަމަށެވެ. އާންމު އުސޫލުގެ ދަށުން ޕޯޓު ވިޒިޓުތަކުގައި އުޅަނދުތަކަށް ބޭނުންވާ އެކި ސާމާނާއި ތެޔޮ އަރުވަ އެވެ. އަދި ފަޅުވެރިން ބަދަލުކުރެ އެވެ. ނަމަވެސް މި ދަތުރުގެ ސީދާ ބޭނުމެއް އެ އުޅަނދުން ވެސް ހިއްސާއެއް ނުކުރެ އެވެ.

ރާއްޖެ އައުމުގެ ކުރިން މި އުޅަނދު އެންމެ ފަހުން އޮތީ ސިންގަޕޫރުގަ އެވެ. އެ ގައުމުގެ ލައިމް ބޭ އޮތީ މަރާމާތުގެ ބޭނުމަށް ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ، އެ އުޅަނދު މާލޭގައި ބަނދަރުކުރީ ލޮޖިސްޓިކްސް ބޭނުމަކަށް ކަމަށެވެ. މާލޭގައި އޮންނާނެ މުއްދަތެއް ނޭނގެ އެވެ.

އިނގިރޭސި ވިލާތުގެ އަސްކަރީ ބޯޓެއް މިއަދު މާލޭގައި ބަނދަރުކުރިއިރު، ރޭ، ޑިއެގޯ ގާސިއާގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ސީދާ ފުލައިޓެއް އަޅާފަ އެވެ.

އެ ދަތުރުކުރީ ރާއްޖޭގެ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެކްސް ގުޅިގެން އުފައްދާފައިވާ ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެއިޝާ އެއާލައިނު "ބިއޮންޑް" އިންނެވެ. 

ވައިގެ އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކާއި އެއާޕޯޓުތަކަށް އައިސްގޮސްވާ ބޯޓުތަކުގެ ތަފުސީލު ފެންނަ ސައިޓުތަކުން ދައްކާގޮތުން މިރޭ ޑިއެގޯ ގާސިއާއިން ވީއައިއޭ އަށް ދަތުރުކުރީ ބިއޮންޑުގެ "B4 3101" ނަމްބަރު ފުލައިޓުންނެވެ. އެ ބޯޓު ވީއައިއޭގައި ޖެއްސީ ރޭ 7:14 ގަ އެވެ.