ބޭސްފަރުވާގެ ޚިދުމަތުގައި ބޭރުގައި ތިއްބާ އާސަންދަ ކަނޑާލުމަކީ މާލީ ގޮތުންނާއި, ނަފްސާނީ ގޮތުން އެތައް އާއިލާއަކަށް މި ސަރުކާރުން ދޭން ފެށި އަނިޔާއެކެވެ. ފަރުވާ ލިބި ލިބި ހުއްޓާ, އެ ފަރުވާއިން ބަލި މީހާގެ ސިއްޙަތު ރަނގަޅުވަމުން ދަނިކޮށް, ކުލިއަކަށް “އޮކްސިޖަން” ކަނޑާލުމަކީ އާއިލާތަކަށް ކެތްކުރަން ދަތި ކަމަކަށް ވަނީވެފައެވެ.
މި ގޮތުން ދާދި ފަހުން ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ފަރާތެއް ވަކި ހިސާބަކުން ފަރުވާ ކަނޑާލާފައި, އަވަށްޓެރި ޤައުމެއްގައި ތިއްބާ އެ އާއިލާ ނިކަމެތި ކޮށްލިއެވެ. މިކަން ސޯޝަލް މީޑިޔާގައި އާންމުވެ ރައްޔިތުންގެ ނުރުހުން ސަރުކާރަށް ލިބެންފެށުމުން, އެ ބަލި މީހާއަށް މިލިއަނެއް ހާ ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. ސަރުކާރުގެ އާސަންދައިން ރައްޔިތު މީހާގެ ފުރާނައިގެ އަގު މިލިއަން ރުފިޔާއަށް ކަނޑައަޅައި, އެ ހިސާބުން އޭނާގެ “އޮކްސިޖަން ހޮޅި” ނައްޓާލުމަކީ އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރުވެސް މި ސަރުކާރުގައި ނެތްކަން ދައްކުވައިދޭ ކަމެކެވެ.
މި ފަދަ ގޮތަކަށް އާއިލާގެ މީހެއްގެ ފުރާނަ ދިޔުމުން އެކަމާއި ހިތްދަތިވެގެން ފާތުން އަލީ ފޭސްބުކް ގައި ލިޔެފައި ވަނީ
އާސަންދަ ނުދިނުމުން, ފަރުވާ ދޭން ތިބި ޑަކްޓަރުން ކަންބޮޑުވެ, ފަރުވާ ނުލިބި, އާސަންދަ އަށް އެދި ކޮންމެ ދުވަހަކު ގުޅާ އާދޭސްކޮށް ގަނަތަޅުވާފައި ދުނިޔެ ދޫކުރުމުން ތައުޒިޔާ ކިޔުމުގެ ބޭނުމެއް ނެތް ކަމަށެވެ
ނިކަމެއްޗެއް ވީމާ އާސަންދަ ކޮމިޓީއިން ގޮތް ނުނިމިގެން އުޅެނިކޮށް އެމީހާ މަރުވެ ދިޔައީ ކަމުގައި ފާތުން އަލީ ރައީސުލްޖުމްހޫރިއްޔާ މުއިއްޒު ޓެގްކޮށް ފޭސްބުކްގައި ލިޔުވާފައިވެއެވެ.
އާސަންދައިން ލިބެންޖެހޭ އިންޝުއަރަންސްގެ ޚިދުމަތް ނުލިބިގެން ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ފަރާތްތައް ބޭސް ފަރުވާއަށް ސަލާން ޖެހުން މިހާރު ވަނީ އާންމު ވެފައެވެ. މިއިން ބައެއް ޝަކުވާ ތައް އާންމުންނާއި ހަމައަށް އައިސްފައި ވާއިރު, އެންމެންނަކީ އެ ނުތަނަވަސް ކަން, ސޯޝަލް މީޑިޔާއަށް ހާމަ ކުރާ ފަރާތްތަކެއް ނޫނެވެ.
ރައްޔިތުންނަށް ޚިދުމަތް ނުދޭ ޕާޓީ މެމްބަރުންނަށް އެހީވާ ފަންޑަކަށް އާސަންދަ ބަދަލުވެފައިވާ ކަމަށް ބުނެ އާންމުން ކުރާ ޝަކުވާވެސް ވަނީ އިތުރުވެފައެވެ. ވަކި ބައެއްގެ ސިޔާސީ ފިކުރެއްގެ މައްޗަށް ބަލައި, އާސަންދަ ދިނުމުގައި ފަސޭހަތައް އިތުރުކޮށް, އެފަދަ ގުޅުންތައް ސަރުކާރާއި ނެތް އާންމުންނަށް ނިކަމެތިކަން ކުރިމަތިކޮށް, އެމީހުންގެ އަނބި ދަރީންނާއި, މައިން ބަފައިންނަށް ސަރުކާރުން ދޭން ޖެހޭ އާސަންދަ ނުދީ ސަލާން ޖަހަން ޖެހި, ލޯބިވާ ފަރާތްތައް މަރުވެ ދިޔުމަކީ ސަރުކާރަކުން ބަޔަކަށް ވެވޭނެ އެންމެ ބޮޑު އިހުމާލެވެ.