ސަރުކާރުގެ ލޯންގެ އެހީގައި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ކުދިންގެ ލޯން ފައިސާ ބަރާބަަރަށް ދެމުންދާކަމަށް ބުނެ, ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ދޮގު ހައްދަވައިފިއެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ދަރިވަރުންގެ ލޯނު ކަންތައްތަކަކީ ސަރުކާރުން އެންމެ އިސްކަމެއް ދޭ ކަންތައްތަކުގެ ތެރެއިން ކަމެއްކަމުގައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެއްވެސް ހުރަހަކާ ނުލައި ސްޓޫޑެންޓް ލޯނު ލިބެމުންދާނެ ކަމުގެ ޔަގީންކަން ދޭކަމަށްވެސް ހީނާ ވަލީދު ވިދާޅުވެފައި ވެއެވެ.
ލޯން ފައިސާ ނުލިބިގެން ސޯޝަލް މީޑިއާގައި އެތައް ކިޔަވާކުދިންނެއް ޝަކުވާ ކުރަމުންދާއިރު, އޭގެ ތެރެއިން ގިނަ ކުދިން ވަނީ, ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް މައުލޫމާތު ހޯދޭނެ ގޮތެއް ނެތިގެން އެކަމާވެސް ޝަކުވާ ކޮށްފައެވެ. އަދި ބައެއް ކުދިން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ލޯން ފައިސާ ދުވަހުން ދުވަހަށް ޖަމާވަމުން ދަނީ ސިޔާސީ މީހުންނާއި ގުޅުން އޮންނަ ކުދިންނަށް އެކަނި ކަމަށާއި, އާދައިގެ ނިކަމެތިންގެ ދަރިންނަށް ލޯނު ފައިސާ ގަވާއިދުން ޖަމާ ވަމުން ނުދާކަމުގައެވެ.
ދާދިފަހުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެމިނިސްޓްރީއަށް ގުޅުމަށް ޚާއްސަ ނަންބަރެއްވެސް ހަމަޖައްސާފައެވެ. 1474 ނަންބަރު މިނިސްޓްރީއަށް ގުޅުމަށް ހަމަޖެއްސިކަން ސޯޝަލް މީޑިއާގައި އިއުލާން ކުރިނަމަވެސް, ކިޔަވާ އެތައް ކުދިންނެއް ވަނީ މިނިސްޓްރީއަށް ގުޅޭނެ ގޮތް ނުވެ, މައުލޫމާތު ލިބޭނެ ގޮތެއް ނެތިގެން ސޯޝަލް މީޑިއާގައި އެކަމުގެ ޝަކުވާތައް ކޮށްފައެވެ.
ލޯން ހަމަޖެހުނު ކުދިންނަށް ލޯން ފައިސާ ޖަމާ ނުކޮށްދީގެން, ބައެއް ކުދިންގެ ކިޔެވުން ފެށޭއިރު އެފައިސާ ނުލިބިވާއިރު, ޔުނިވަރސިޓީއަށް ފޮނުވަންޖެހޭ ޓީޓީއަށް ޑޮލަރު ނުލިބޭކަމުގެ ޝަކުވާވެސް އެތައް ކުދިންނެއް ދަނީ ކުރަމުންނެވެ. އަދި މިކަމުގެ ސަބަބުން ލޯން ލިބުނު އެތައް ކުދިންނެއް ތިބީ ނަފްސާނީ ގޮތުންވެސް އޭގެ އަސަރު ކޮށްފައިކަމަށް ބުނެ ސޯޝަލް މީޑިއާގައި ކިޔަވާކުދިންވަނީ ޝަކުވާ ކޮށްފައެވެ.
ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތަކާއި, ލިބިދޭންޖެހޭ ފައިސާ ނުދީ, ސަރުކާރުން ދަނީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ, ދޮގު މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ދެމުންނެވެ.