ވެރިކަމަށް ވަޑައިގެންނެވިތާ 9 މަސް ފާއިތުވެގެން ގޮސްފައިވާއިރު, މުއިއްޒު މީޑިއާތަކާ ބައްދަލު ނުކުރާތާ 7 މަސްދުވަސް ފާއިތުވެގެން ހިގައްޖެއެވެ.
މިއީ ރާއްޖޭގެ ރައީސަކު މީޑިއާތަކާއި ބައްދަލުނުކޮށް, މައުލޫމާތު ހާމަނުކޮށް, މީޑިއާތަކަށް ފިއްލަވައިގެން އުޅުއްވާފައިވާ އެންމެ ދިގު މުއްދަތެވެ.
“ދިޔަވަރު އޮންލައިން”އާއި މައުލޫމާތު ހިއްސާކުރި ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައީސް މީޑިއާތަކާއި ބައްދަލު ނުކުރައްވާ ސަބަބެއް އެނގިފައެއް ނުވެއެވެ. އަދި މީޑިއާތަކާއި ބައްދަލު ކުރެވުމަށް ވަކި ދުވަހެއް އަދި ހަމަޖައްސާފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ސަރުކާރުން ގެންދަނީ, ދައުލަތުގެ ވަޒީރުންނާއި, ރައީސް އޮފީހުގެ ތަރުޖަމާން މެދުވެރިކޮށް, ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭގޮތުން ދޮގު މައުލޫމާތު ފޯރުކޮށް ދެމުންނެވެ.
އެގޮތުން އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި, ސަރުކާރުގެ ލޯންގެ އެހީގައި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ކުދިންގެ ލޯން ފައިސާ ބަރާބަަރަށް ދެމުންދާކަމަށް ބުނެ, ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ ދޮގު ހައްދަވާފައެވެ.
ލޯން ފައިސާ ނުލިބިގެން ސޯޝަލް މީޑިއާގައި އެތައް ކިޔަވާކުދިންނެއް ޝަކުވާ ކުރަމުންދާއިރު, އޭގެ ތެރެއިން ގިނަ ކުދިން ވަނީ, ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް މައުލޫމާތު ހޯދޭނެ ގޮތެއް ނެތިގެން އެކަމާވެސް ޝަކުވާ ކޮށްފައެވެ. އަދި ބައެއް ކުދިން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ލޯން ފައިސާ ދުވަހުން ދުވަހަށް ޖަމާވަމުން ދަނީ ސިޔާސީ މީހުންނާއި ގުޅުން އޮންނަ ކުދިންނަށް އެކަނި ކަމަށާއި, އާދައިގެ ނިކަމެތިންގެ ދަރިންނަށް ލޯނު ފައިސާ ގަވާއިދުން ޖަމާ ވަމުން ނުދާކަމުގައެވެ.
ހަމަ އެއާއެކު, މިދުވެސް ނޫސްވެރިންގެ ބައްދަލުވުމުގައިވެސް, ދައުލަތުގެ މާލީ ހާލަތާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރވަނީ, ގިނަ މައުލޫމާތު އޮޅުވާލާ, ހަގީގަތާއި އިދިކޮޅަށް ވާހަކަ ދައްކަވާފައެވެ.
މުއިއްޒު އެންމެ ފަހުން މީޑިއާތަކާއި ބައްދަލު ކޮށްފައިވަނީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެން, ފާއިތުވި ޖެނުއަރީމަހުގެ 13 ވަނަ ދުވަހު ރާއްޖޭގެ އެއަރޕޯޓުގައެވެ.
މުއިއްޒު މީޑިއާތަކާއި ބައްދަލު ކޮށްފައި ނުވާރުއިރު, މިސަރުކާރުގެ ކޮރަޕްޝަންވަނީ އިންތިހާއަށް މަތިވެގެން ގޮސްފައެވެ. އަދި ޚަރަދު ކުޑަކުރުމުގެ ގޮތުން, މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާއާއި ޕްރޮމޯޝަންއާއި, އެހެނިހެން އިނާޔަތްތައްވެސް ހިފަހައްޓާފައިވިނަމަވެސް, މިސަރުކާރުން ދަނީ ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރަމުންނެވެ. އަދި މި ސަރުކާރުގެ އިސް އޮފިޝަލުން ފަސްޓު ކުލާހުގައި ރާއްޖެއިން ބޭރަށް ކުރަމުންދާ ދަތުރުތައްވެސް މަދު ކޮށްފައެއް ނުވެއެވެ.
ގައުމުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެ, ގައުމު ބަނގުރޫޓު ވެދާނެކަމުގެ ބިރު ހީވެފައިވާއިރު, ކުރިމަތިވެފައިވާ އިގްތިސަދީ ގޮންޖެހުންތަކުގެ ހަގީގީ އަސްލަކީ މުއިއްޒެ ވެރިކަމަށް ވަޑައިގެންނެވުމަށް ކޮށްފައިވާ ބޮޑެތި އިސްރާފްތަކެވެ.
އަދި މި ސަރުކަރުންވަނީ ސިޔާސީ މަގާމްތަކުގެ އަދަދު ސިއްރު ކޮށްފައެވެ.
ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން މުއިއްޒު ވިދާޅުވެފައިވަނީ, ނޫސްވެރިންނާއި ގާތް ގުޅުމެއް ބާއްވާނެކަމަށާއި, ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމުގައެވެ.
މުއިއްޒު ފާހަގަ ވެފައިވަނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ދެއްކެވި ވާހަތަކާއި އަމަލާ ދިމާނުވާ, މުޡުލަގަށް ދޮގު ހައްދަވާ ބޭފުޅެއްގެ ގޮތުގައެވެ.