ޚަބަރު

އާންމުންގެ ދަރިންނަށް ލޯނު ސްކީމުން ބޭރުން ތައުލީމް ހާސިލް ކުރުމަށް ފުރުޞަތު ނުދީ، ޑިޕްލޮމެޓުންގެ ދަރީންނަށް އެކަނި ރާއްޖެއިން ބޭރުން ލޯނުން ކިޔެވޭ ގޮތް މުއިއްޒު ހަމަ ޖައްސައިފި

ދިޔަވަރު
އާންމުންގެ ދަރިންނަށް ލޯނު ސްކީމުން ބޭރުން ތައުލީމް ހާސިލް ކުރުމަށް ފުރުޞަތު ނުދީ، ޑިޕްލޮމެޓުންގެ ދަރީންނަށް އެކަނި  ރާއްޖެއިން ބޭރުން ލޯނުން ކިޔެވޭ ގޮތް މުއިއްޒު ހަމަ ޖައްސައިފި

މަތީ ތައުލީމު ހާސިލު ކުރުމަށް ދޫކުރާ ލޯނު ސްކީމްގެ ދަށުން ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުން ހެދޭ ކޯސްތައް ރާއްޖޭން ބޭރުގައި ހެދުމުގެ ފުރުސަތު އާންމު ދަރިވަރުންނަށް ނުދިން ނަމަވެސް ޑިޕްލޮމެޓުންގެ ދަރިން އެ އުސޫލުން އިސްތިސްނާ ވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްރަހީމް ހަސަން ވިދާޅުވި ގޮތުގައި މަތީ ތައުލީމަށް ލޯނު ދެނީ ރާއްޖޭން ކިޔެވެން ނެތް އެއްޗެއް ބޭރުން ކިޔެވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ކޮންމެ ފަހަރަކު ވެސް ލޯނު ސްކީމަށް އިއުލާނު ކުރާއިރު ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުން ހިންގާ ކޯސްތަކާއި ހިންގަން ރާވާފައިވާ ކޯސްތައް ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި, އެފަދަ ކޯސްތަކުގެ ލިސްޓެއް އިއުލާނާ އެކު ޝާއިއު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ވަރަށް މަދު ހާލަތެއްގައި ރާއްޖޭގައި ހެދޭ އެއްޗެއް ހަދަން ރާއްޖޭން ބޭރަށް އެ ފުރުސަތު ދެވިފައި ހުންނާނީ އެއީ މިސާލަކަށް ޑިޕްލޮމެޓެއްގެ ބޭފުޅަކު, ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ބޭފުޅަކު, ދެން އެ އުސޫލުގައި ހުންނަ އިސްތިސްނާތައް ހުންނާނީ," އަބްދުއްރަހީމް ވިދާޅުވި އެވެ. 

ރާއްޖޭން ހެދޭ ކޯހެއް ހަދަން ދަރިވަރަކު ރާއްޖޭން ބޭރަށް ދާން ބުނެފިނަމަ އެ ދަރިވަރެއް ކައިރީގައި "ބުނަން ޖެހޭނީ ސޮރީއޭ, އެއީ އުސޫލާ ހިލާފު ކަމަކޭ" ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެ ނޫން އެހެން ގޮތެއްގައި ވިއްޔާ ރާއްޖޭގައި ހެދޭ އެއްޗެއް ވިއްޔާ ރާއްޖޭގައި ހަދަން އޮންނާނީ."

މަތީ ތައުލީމުގެ ލޯނު ސްކީމްގެ ދަށުން ޑިޕްލޮމެޓިންނަށް ހާއްސަ ގޮތްތަކެއް އޮންނަ ގޮތަށް ކަންކަން ބަދަލު ކުރީ މުއިއްޒުގެ ސަރުކާރުންނެވެ. މިއީ ކުރީ ސަރުކާރުގައި އެކަން އޮތް ގޮތެއް ނޫނެވެ.