ޚަބަރު

ފާޑުކިޔުންތައް ހަޖަމް ނުވެގެން, ޑރ. ޝަހީމް "ދިޔަވަރު އޮންލައިން" އެކްސްގައި ބްލޮކް ކޮށްފި!

ދިޔަވަރު
ފާޑުކިޔުންތައް ހަޖަމް ނުވެގެން, ޑރ. ޝަހީމް "ދިޔަވަރު އޮންލައިން" އެކްސްގައި ބްލޮކް ކޮށްފި!

މިސަރުކާރުގެ އިސްވެރިން ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަކާއި ދެކޮޅަށް "ދިޔަވަރު އޮންލައިން"އިން ކިިޔަމުންދާ ފާޑު ކިޔުންތަކަށް ހަޖަމް ނުކުރެވިގެން, މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނަވާ އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު "ދިޔަވަރު އޮންލައިން" ނޫސް ބްލޮކް ކޮށްލައިފިއެވެ.

ޝަހީމް "ދިޔަވަރު އޮންލައިން" ބްލޮކް ކޮށްފައިވާއިރު, އިސްލާމިކް މިނިސްޓަރކަމުގައި ހުންނައިވައިގެން, ދީނާއި ގުޅުންހުރި ކަންކަމުގައި އޭނާ އަމަލު ކުރައްވަމުން ގެންދަވާ ގޮތާއި ގުޅޭގޮތުން ގިނަބައެއްގެ ފާޑު ކިއުން އޭނާއަށް އަމާޒުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އެގޮތުން ފަލަސްތީނުގެ ޢައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުތަކާއި ގުޅިގެން އިސްރާއީލުގެ ގާތިލުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ދިވެހި އާންމު ރައްޔިތުން ގޮވާލަމުންދާ ގޮވާލުންތަކާއެކުވެސް, އިސްރާއީލުގެ ގާތިލުންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާފައި ބާއްވަމުންދާ ދިއުމަށް ޝަހީމް އިސްލާމިކް މިނިސްޓަރަކަށް ހުންނަވައިގެން ތާއީދު ކުރައްވަމުން ގެންދަވާތީ މީޑިއާތަކުގެ އިތުރުން ގިނަބައެއްގެ ފާޑުކިއުންވެސް އޭނާއަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.

ހަމައެއާއެކު, ޝަހީމް ވަނީ ދިވެހި ދައުލަތުގެ ލޯގޯޖެހި ޕޯޑިއަމް ބޭނުންކޮށްގެން, އެހެން މީހުންގެ އަބިންގެ ހުރުމަތްކެނޑޭ ޒާތުގެ ވާހަކަ ދައްކަވާ މައްލަވަކޮށް ހަދާފައެވެ. އެގޮތުން, ދީނީ އިލްމުވެރިޔާ, ޑރ. އިޔާޒުގެ އަނބިކަބަލުން އިޔާޒްއާއި ދުރަށް ދިއުމަށް އެންގުމަށް އޭނާގެ ރައްޓެހިންގެ ގާތު ބުނެފައިވާނެކަމަށްވެސް ދައުލަތުގެ ނިޝާން ޖެހި ޕޯޑިއަމްގައި ހުރެ ޝަހީމް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުންވެސް, ހައްޖު ކޯޓާ ނާޖާއިޒް ގޮތުގައި, ބޭނުންވާ މީހުންނަށް ބެހިކަމުގެ ތުހަމަތުތަކާއި, އެނޫނަސް, ސިޔާސީ މަންފާ ހޯދުމުގެ މަގުސަދުގައި, އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނަވައިގެން ދީން ގުރުބާން ކުރަމުންދާކަމުގެ ސާބިތު ހިފޭ އެތައް ތުހުމަތެއް ޝަހީމްގެ މައްޗަށް ގިނަބަޔަކު ދަނީ ކުރެވެމުންނެވެ.

އެހެންނަމަވެސް, ކަންކަން އިސްލާހު ކުުރުމުގެ ބޭނުމުގައި, އިސްވެ ދެންނެވުނު ކަންކަމާއި ގުޅޭގޮތުން "ދިޔަވަރު އޮންލައިން"އިން ކިޔަމުން އަންނަ ފާޑުކިޔުންތައް ހަޖަމް ނުވެގެން, ޝަހީމް މިވަނީ "ދިޔަވަރު އޮންލައިން" އެކްސްގައި ބްލޮކް ކޮށްލާފައެވެ. އެހެންނަމަވެސް, ބިނާކުރަނިވި މި ފާޑު ކިޔުންތައް ޝަހީމްއާއި ހަމައަށް ފޯރުކޮށް ދިނުމަށް އެހެނިހެން އެކްސް ހޭންޑްލްތަކުގެ ބޭނުންކޮށްގެން ކުރަމުންދާނެ ކަމުގައި "ދިޔަވަރު އޮންލައިން"އިން ބުނެފައި ވެއެވެ.

އަދި ވަޒީރުކަމުގައި ތިންބަވަން ވާނީ ފާޑުކިޔުންތައް ހަޖަމް ކުރެވޭވަރަށް "ހަންބޯ" ފަރާތައްކަންވެސް ފާހަގަ ކޮށްލާން ޖެހެއެވެ. ސަބަބަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރަދީ, އަދި އެތައް އިނާޔަތަކާއި ހިމާޔަތާއި ރައްކާތެރިކަމާއި, އިއްޒަތް އަރުވާފަ ވަޒީރުން އެ މަގާމްތަކުގައި ބައިތިއްބާފަ ތިބެނީ "ފިނިފެންމަލުގެ ދާނެއްގައި" ނޫންކަންވެސް ދައުލަތުގެ ވަޒީރުން ދަންނަން ޖެހޭނެތީއެވެ.

ހަމައެއާއެކު, ސިޔާސީ މަގާމަކަށް ވަޑައިގެންނެވުމާއެކު, ސިޔާސީ އިނދިކޮޅު ފަރާތްތަކާއި, އާންމު ރައްޔިތުންގެ ނަޒަރިއްޔާތު އެމީހަކަށް ހުއްޓި, ސިޔާސީ ގޮތުންނާއި އެނޫން ގޮތްގޮތުންވެސް ތިމާއަށް ފާޑުކިއުން އަމާޒުވާނެކަން ގަބޫލުކޮށް, އެއަޑުތައް އެހުމުގެ ފުރިހަމަ ގާބިލްކަންވެސް ވަޒީރުންގެ ކިބާގައި ހުންނާންވެސް ޖެހެއެވެ. އެއީ ތިމާއަށް އަޑުއަހަން އެންމެ ފަސޭހަ ފާޑުކިޔުމަކަށް ނުވިނަމަވެސްމެއެވެ.

ފާޑުކިޔާ ކޮންމެ ފަރާތެއް ބްލޮކް ކުރަމުންދާނަމަ, ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމްތަކަށް އެމީހަކު ކުފޫ ހަމަ ނުވީއެވެ. އަދި އެބީދައިން އިނދިކޮޅު ފިކުރުގެ އެންމެން ބްލޮކް ކުރިނަމަވެސް, ކޮރަޕްޝަނާ ފަސާދައިގެ އަމަލުތަކާއި ދެކޮޅަށް ކިޔެމުންދާ ފާޑުކިޔުންތަކަށް ހުއްޓުމެއް ނުގެނެވޭނެކަންވެސް ފާޑުކިޔުންތައް ހަޖަމް ނުކުރެވޭ ވަޒީރުން ދަންނާންވެސް ޖެހެއެވެ.