ސިޔާސީ

މުއިއްޒުގެ ސަރުކާރާއި ދެކޮޅަށް ރައީސް ޔާމީން އޮޕޮޒިޝަންނަށް!

ދިޔަވަރު
މުއިއްޒުގެ ސަރުކާރާއި ދެކޮޅަށް ރައީސް ޔާމީން އޮޕޮޒިޝަންނަށް!

ސަރުކާރު ޖަވާބުދާރީ ކުރުވާނީ އޮޕޮޒިޝަނުންނެވެ. ސަރުކާރުތެރެއިން މަސައްކަތް ކުރަނީ ސަރުކާރު ހިންގުމަށާއި ސަރުކާރު ބާރުވެރި ކުރުވުމަށެވެ. ރޭގައި ރައީސް ޔާމީން ބޭއްވި ޖަލްސާގައި އެމަނިކުފާނުގެ ސަޕޯޓަރުންނަށް ދެއްކެވީ މުއިއްޒުއާއި ދެކޮޅަށް ތެދުވެވަޑައިގެން ސަރުކާރު ޒިންމާދާރު ކުރައްވަން ހުންނެވިކަމެވެ. ރައީސް ޔާމީން ވިދާޅުވީ މުއީޒުގެ ވެރިކަމެއްގައި އިންޑިޔާ ބޭރުކުރުމާއި، ޕީޕީއެމް އިން ގެއްލުނުކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމުން ނޫނީ ފާސް މާކްސް ދެވެން ނެތް ކަމަށެވެ. މާނަ އަކީ މިދެކަން ނުކުރަނީސް މުއިއްޒުގެ ސަރުކާރު ޤަބޫލެއް ނުކުރާނޭކަމެވެ.

ޔާމީން ވިދާޅުވީ، މިއީ މިނިވަން ގައުމެކޭ މިއަދު ބުނެވެން ނެތް ކަމަށެވެ. ކުރިން ރާއްޖޭގެ ސިޔާސަދަތީ ބާރު ހިނގާ ސަރައްދެއް މިހާރު އަތުގައި ނެތްކަން އެބަ އެނގޭ ކަމަށް ޔާމީން ވިދާޅުވި އެވެ. އެ ގޯސް ނިންމުން ނިންމި ސަރުކާރު މިހާރު ނިމިއްޖެ ކަމަށާއި މިހާރު ރައްޔިތުން ވެރިކަމަށް ހޮވާފައިވަނީ ޕީޕީއެމް/ޕީއެންސީ ކަމަށެވެ. އެ ނިންމުން ރައްޔިތުން ނިންމީ، ކަނޑުގެ ސަރަހައްދު އަލުން ހޯދުމަށް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އިންތިޚާބީ ސަރުކާރުން އިންޑިއާ ސިފައިން ފޮނުވައިނުލާ ނަމަ، "އިންޑިއާ އިން" ޓީޝާޓުގައި ޖައްސަވައިގެން މަގުމައްޗަށް ނުކުންނަވާނެ ކަމަށްވެސް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވިއެވެ.

މިއީ މިއަދު އެމްޑީޕީއިން މުއިއްޒާއި ދިމާލަށް ބުނަން އޮތް ބަސްތަކެވެ. މުއިއްޒާއި އެކުގައި ރައީސް ޔާމީން ހުންނެވި ނަމަ، ވިދާޅުވާނީ އިންޑިޔާ ބޭރުކޮށް، ގެއްލުނު ކަނޑުގެ ހޯދައިދޭން މުއިއްޒުއާއި އެކު ހުންނެވި ވާހަކައެވެ. ނަމަވެސް ރައީސް ޔާމީން ނިންމެވީ މުއިއްޒު ޖަވާބުދާރީ ކުރުވުމަށެވެ. އެޒިންމާ އަޅުވައި އެއިން މުއިއްޒަށް ރެކި ނުގަނެވޭނޭކަން ޔަގީން ކުރުމަށެވެ. ޔާމީން ރޭގައި އެ އުފަންކުރުވީ، ޕީޕީއެމް ތެރެއިން މުއިއްޒުގެ އޮޕޮސިޝަންއެވެ.

ރައީސް ޔާމީން ހުންނެވީ މުއިއްޒު ފެއިލްވާތަން ބައްލަވާށެވެ. ގެއްލިފައި ނެތް ކަނޑެއް މުއިއްޒަކަށް ހޯދައި ދެވޭނެ ގޮތެއް ނެތްކަން ރައީސް ޔާމީނަށް ރަނގަޅަށް އެނގިލައްވައެވެ. އަދި އިންޑިޔާގެ އެއް ހެލިކޮޕްޓަރާއި، ޑޯނިޔާ ގެނައީ ޕީޕީއެމްގެ ކުރީ ސަރުކާރުން އެދިގެން ކަމުން، އިންޑިޔާގެ އެއްވެސް ކުށެއްނެތި އިންޑިޔާ ފަލީޙަތްކޮށް ފޮނުވާލުމަކީ މުއިއްޒަށް ހެދޭނެ އެންމެ ބޮޑު އެއް ގޯސްކަންވެސް ރައީސް ޔާމީނަށް އެނގިލައްވައެވެ. ޕީޕީއެމް ތެރޭ ހައިޖާނުހެދި ވެރިކަން ނިމިގެން ދާނީ، ވެރިކަމަށް އަންނަން ރައްޔިތުންނަށް ހެދި ދޮގުތަކާއި އޮޅުވާލުންތަކުން ސަލާމަތް ނުވެވި، އަމިއްލައަށް ފޭހުނު އިލޮށި އަމިއްލަ ލޮލަށް ހެރިގެންނެވެ.

މުއިއްޒާއި ދެކޮޅަށް ރައީސް ޔާމީން ނުނިކުންނަންވީ ސަބަބެއްވެސް ނެތެވެ! ވެރިކަމަށް މުއިއްޒު އައީ ޑރ. ވަހީދަށް ދިނުމަށް ރައީސް ޔާމީން ނިންމަވައިފައި އޮތް ޓިކެޓެއް ގަދަކަމުން އަތުލައްވައިގެންނެވެ. ޕީޕީއެމް އޮފީސްތެރެއަށް ގޭންގްތައް ވައްދައިގެންނެވެ. އޭގެ ކުރިއަށް ބަލާލާނަމަ، މާލޭ ސިޓީކައުންސިލުން ޔާމީނުގެ ގާތް ފަރާތްތަކަށް ވަޒީފާއާއި ޕްރޮޖެކްޓްތައްދީ އެމީހުން ގަނެލައިގެންނެވެ. އެންމެފަހުން އަބްދުއްރަހީމް (އަދުރޭ) ވެސް ގެންދެވީއެވެ. ކެމްޕެއިން ކުރިއަށް ކުރިއަށް ގެންދިޔައީ ރައީސް ޔާމީންގެ ފޮޓޯފުޅު ޓީޝާޓާއި ޕޯސްޓަރުގައި ކުރަހައިގެން ރައީސް ޔާމީނުގެ ސަޕޯޓަރުންނަށް އޮޅުވާލައިގެންނެވެ.

އެމްޑީޕީއަށްވެސް 2018 ގައި ވެރިކަން ލިބުމުން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީ ތެރެއިން އޮޕަޒިޝަންނެއް އުފެއްދުމެވެ. އެމްޑީޕީއަށް 2023ގައި ވެރިކަން ގެއްލުނީ ރައީސް ނަޝީދު ސަރުކާރު ޖަވާބުދާރީ ކުރެވުމުގެ ގޮތުންނޭ ބުނެ ވެރިކަމުގެ ދަހިވެތިކަމުގައި އޮޕްޒިޝަންއަށް ނުކުމެ، ސަރުކާރު ބަދުނާމުކޮށް، ވަކި ޕާޓީއެއް ހަދައި ވެރިކަމަށް ކުރިމަތި ލުމުންނެވެ.