ޚަބަރު

ބަންކަރިންގެ ޚިދުމަތް އިފްތިތާހު ކޮށްދޭން މުއިއްޒު ވަޑައެއް ނުގެންނެވި, ދައުލަތަށް އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމުގެ ހުވަފެން ދައްކަމުން ފެށި އެޚިދުމަތް ފަނުފުލުން ދާއިރު, ބަދުނާމް ބޮލުގައި އަޅަން މުއިއްޒު ބޭނުމެއް ނުވޭ!

ދިޔަވަރު
ބަންކަރިންގެ ޚިދުމަތް އިފްތިތާހު ކޮށްދޭން މުއިއްޒު ވަޑައެއް ނުގެންނެވި, ދައުލަތަށް އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމުގެ ހުވަފެން ދައްކަމުން ފެށި އެޚިދުމަތް ފަނުފުލުން ދާއިރު, ބަދުނާމް ބޮލުގައި އަޅަން މުއިއްޒު ބޭނުމެއް ނުވޭ!

ފާއިތުވި ހަފްތާގެ ބުރާސްފަތި ދުވަހު, ބަންކަރިން ޚިދުމަތުގެ ނަމުގައި, އާގު ބޯޓުތަކަށް ތެޔޮ އަޅައިދިނުމަށް އެކަނި ޚާއްސަ ކޮށްގެން ފެށި "ބިޔަ" މަޝްރޫޢު އިފްތިތާހު ކޮށްދެއްވަން މުޢިއްޒު ވަޑައެއް ނުގެންނެވިއެވެ.

"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, ރާއްޖޭގެ ޓީވީ ތަކުގައި, މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި އެތައް ދުވަހަކު އިސްތިހާރު ކުރުމަށްފަހު ފެށި މިމަޝްރޫޢު އިފްތިތާހު ކޮށްދިނުމަށް މުއިއްޒު ވަޑައިގަންނާވެކަމަށް ބަލާ, އެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތަށް މީޑިއާތައް ގެންދިއުމަށް ރައީސް އޮފީހުން މަސައްކަތްވެސް ކޮށްފައިވެއެވެ.

އެހެންނަމަވެސް އެރަސްމިއްޔާތު ޝަރަފްވެރި ކޮށްދޭން ވަޑައި ނުގަންނަވާނެކަން މުއިއްޒު އަންގަވާފައިވަނީ އެންމެ ފަހު ވަގުތުކަމަށްވެސް އޮފިޝަލް މައުލޫމާތު ދީފައިވެއެވެ. މިމަޝްރޫޢު އިފްތިތާހު ކޮށްދިނުމަށް މުއިއްޒު ވަޑައި ނުގެންނެވުމުން މަޝްްރޫއު އިފްތިތާހު ކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު (ފިނިފެންމާ ސައީދު) އާއި އެމްޕީއެލްގެ ސީއީއޯ ވަޖީހު (ޖުހާ) އާއި އޭގެ އިތުރުން ބައެއް މަޖިލިސް މެމްބަރުން ހާޒިރުވެ ތިބެގެންނެވެ.

"ދިޔަވަރު އޮންލައިން"އަށް އެނގިފައިވާ ގޮތުގައި ބަންކަރިން މަޝްރޫއު އިފްތިތާހު ކޮށްދިނުމަށް މުއިއްޒު ވަޑައި ނުގެންނެވީ, ދައުލަތަށް އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމުގެ ހުވަފެން ދައްކަމުން ފެށި އެޚިދުމަތް ފަނުފުލުން ދާއިރު, ބަދުނާމް ބޮލުގައި އަޅަން ބޭނުން ނުވާތީ ކަމުގައެވެ.

އެގޮތުން, އެތައް ނަނާ ހުވަފެންތަކެއް ރައްޔިތުންނަށް ދެއްކުމަށްފަހު ފެށި ސީޕްލޭން ސީ އެމބިއުލާންސް މަޝްރޫއެކޭ މިމަޝްރޫއެކޭ މާބޮޑު ތަފާތެއް ނޯންނާނެކަމަށް މުއިއްޒު ގަބޫކުރައްވާކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ބަންކަރިންގެ ޚިދުމަތް ރާއްޖެއިން ދިނުމަށްކަމަށް ވިދާޅުވެ ފެށި މި މަޝްރޫގައި ގެންގުޅެމުން ދަނީ އިހަވަންދިއްޕޮޅުގައި ބަނދަރު ކުރާ އާގު ބޯޓު ފަހަރަށް ތެޔޮ އަޅައިދިނުމަށް ބޭނުންކުރާ ދެ ތެޔޮ ބާޖު އެކަންޏެވެ. މި ޚިދުމަތުގައި މައިގަޑުކޮށް ކުރާ ކަމަކީ, އާގު ބޯޑުފަރަހަށް މި ބާޖުތަކުން ތެޔޮ ސަޕްލައި ކޮށްދިނުމެވެ.

އެހެންނަމަވެސް ބަންކަރިންއަކީ އެއަށްވުރެ މާބޮޑަށްވެސް ފުޅާކަން ބޮޑު ޚިދުމަތެކެވެ. އޭގެ ތެރޭގައި ރާއްޖެ އޮންނަ ލޮކޭޝަން ހުރަސްކޮށް ދަތުރު ކުރާ އުޅަނދުތަކަށް ބޭނުންވާ ކާނާ ފޯރުކޮށް ދިނުމާއި, ބަނދަރު ކޮށްފައި އޮންނަ އުޅަނދުގެ ސްޓާފުންނަށް ބޭނުންވާ ތަފާތު އެކި ޚިދުމަތްތައްވެސް ހިމެނެއެވެ.

އެހެންނަމަވެސް މި އިން އެއްވެސް ފުރުސަތެއް ފަހިކޮށް ނުދީ, އިހަވަންދިއްޕޮޅުގައި ބަނދަރުކުރާ އާގު ބޯޓު ފަހަރުތަކަށް ޔެތޮ ސަޕްލައި ކުރުން އެއީ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުންކަމަށް ރައްޔިތުންނަށް ދައްކާ, ފެށި މި ޚިދުމަތް ދާނީ ފަނުފުލުން ކަމުގައި ޝިޕިން ދާއިރާގެ ތަޖުރިބާކާރުުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

މިސަރުކާރުން ދަނީ މިފަދަ ކޮންމެ ޚިދުމަތެއްގެވެސް އަސްލު ހަގީގަތް އޮޅުވާލާ, ރައްޔިތުންނަށް ދޮގާއި މަކަރާއި ހީލަތް ހަދަމުންނެވެ.