އދ.ގެ މަޖިލީހުގެ 79 ވަނަ ޖަލްސާއަކީ ދުނިޔޭގެ ލީޑަރުން އެއްތަނަކަށް އެއްވެ، މުހިންމު މަޝްވަރާތައް ކުރުމަށް މަދުން ނޫނީ ނުލިބޭ ފުރުސަތެކެވެ. އެހެންނަމަވެސް، ރައީސް މުޢިއްޒަށް އދ. ގެ މިފަދަ މުހިންމު ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ތިއްބެވި ދުނިޔޭގެ ލީޑަރުންނާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ނުލިބި، ޗައިނާގެ ސެންޓްރަލް ކޮމިޓީގެ މެމްބަރަކާ ބައްދަލުކުރެއްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. (މި ލިޔުމުގައި ސެންޓްރަލް ކޮމިޓީގެ މެމްބަރަކާ ނުވަތަ ޑިރެކްޓަރަކާއި ކަމަށް ޖަހާފައި ވަނީ އެގޮތަށް ރައީސް އޮފީހުގެ ސައިޓުގައި ޚަބަރު ހަދާފައި ވުމުން: ދިޔަވަރު ނޫހަށް ވަނީ އެއީ ޗައިނާގެ ފޮރިންގ މިނިސްޓަރު ކަން ހާމަވެފައި) އަދި މިއިން ރަމްޒު ކޮށް ދެނީ ބައިނަލްއަޤްވާމީ ދުނިޔެއިން މުއިއްޒު ބަލައި ނުގަންނަ ކަމެވެ.
މުއިއްޒުގެ ފުރަތަމަ ބައްދަލުވުންވެސް ހަމަޖެހުނީ ފޮރިންގ މިނިސްޓަރަކާއެވެ. އަދި ފޮރިންގ މިނިސްޓަރ ވެސް މި ބަދައްލު ކޮށްލެވުނީ ޖަލްސާއެއްގެ ހަވާސާގެ ތެރެއިންނެވެ. އާންމު ގޮތެއްގައި މި ލެވެލްގެ ބޭފުޅުން، ރައީސްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ. ރައީސުން އިސްނަގައި ގޮސް ބައްދަލުކޮށް ނަހަދައެވެ.
މިނިސްޓަރ ފެންވަރުގު މަޤާމެއްގައި ހުރި ބޭފުޅަކާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުގެ ބަދަލުގައި، ރާއްޖޭގެ އެފެންވަރުގެ އެހެން ބޭފުޅަކު ފޮނުއްވުން މާ އެކަށީގެންވާނެއެވެ. މިކަމުން ދައްކުވައިދެނީ ރައީސް މުޢިއްޒުގެ ޑިޕްލޮމެޓިކް ހުނަރުގެ ދަށްކަމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރެއްވުމުގެ ޤާބިލުކަން ނެތްކަމެވެ.
އދ.ގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ގިނަ ޤައުމުތަކުގެ ލީޑަރުން، އެހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތައް ކުރައްވައެވެ. ނަމަވެސް، ރައީސް މުޢިއްޒު މިހާތަނަށް އެއްވެސް ޤައުމެއްގެ ލީޑަރަކާ ބައްދަލުކުރައްވާފައި ނުވާކަމީ، ރައީސްގެ ނުފޫޒު ކުޑަކަމާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އެމަނިކުފާނުގެ ޤަދަރު ދަށްކަން ހާމަކޮށްދޭ ކަމެކެވެ.
މީގެއިތުރުން، ރައީސް މުޢިއްޒު ޗައިނާއަށް އިސްކަންދެއްވާ މިންވަރާއި މެދު ރައްޔިތުން ކަންބޮޑުވާންޖެހެއެވެ. ދިވެހިރާއްޖެ މިނިވަން، އަދި މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމިއޮންނަން ބޭނުންވާނަމަ، ހުރިހާ ބޮޑެތި ބާރުތަކާއެކު ހަމަހަމަ ގުޅުން ބާއްވަންޖެހެއެވެ. މުއިއްޒުގެ ނާގާބިލު ޚާރިޖީ ސިޔާސަތުގެ ސަބަބުން މުއިއްޒު ވަނީ ބައިނަލްއަޤްވާމީ ދުނިޔެއިން އެކަހެރިވެ، އަދި ރާއްޖެއަށް ވަނީ ބޭރުން މާލީ އެހީތެރިކަން ލިބުން ހުއްޓިފައެވެ. މިއީ ވަކި ޤައުމަކަށް މާބޮޑު އިސްކަމެއް ދީ، އެހެން ޤައުމުތަކާއި މެދު އިޚްތިރާމް ކުޑަކޮށް މުއިއްޒު އަމަލު ކުރުމުން ދުނިޔެއިން މުއިއްޒަށް ދެމުންދާ ރައްދެވެ.
މިފަދަ މުހިންމު ޖަލްސާތަކުގައި ދައްކާ ވާހަކަ އަކުން ރާއްޖެއަށް ބޭރުގެ އެހީތެރިކަމެއް ނުލިބޭނެއެވެ. އެފަދަ އެހީތެރިކަމެއް ލިބޭނީ ގެންގުޅުއްވާ ޚަރުދަނާ ޚާރިޖީ ސިޔާސަތާއި، އެ ސިޔާސަތު ހިފައިގެން ވަޑައިގެން އެހެން ޤައުމުތަކުން ހޯދާ އިޚްތިރާމުންނެވެ.