ޔޫއެންގެ ޖެނެރަލް އެެސެމްބްލީގައި ބައިވެރިވުމަށް މުއިއްޒު ޔޫއެންއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއި ބައްދަލުކޮށް, ދިވެހިރާއްޖެ އޮތީ ފަލަސްތީނާއެކުކަމަށް ވިދާޅުވެ, މުޠުލަގަށް ދޮގު ހައްދަވައިފިއެވެ.
މުއިއްޒު މަހުމޫދު އައްބާސްއާއި ބައްދަލު ކުރައްވާފައިވަނީ އދ. ގެ 79 ވަނަ އާންމު މަޖިލީހުގެ އަރިމަތީގައި، މިއަދުގެ ވަގުތެއްގައެވެ. މި ބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ ޢައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.
އަދި މުއިއްޒު ވިދާޅުވެފައިވަނީ, ދިވެހިރާއްޖެ އަބަދަުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށާއި, ރާއްޖެއިން ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރަމުންދާނެ ކަމުގައެވެ. އަދި މަހުމޫދު އައްބާސް ވަނީ ދިވެހިރާއްޖެއިން އަބަދުވެސް ފަލަސްތީނަށް ރާއްޖެއިން ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މިއީ ބައިނަލްއަގުވާމީ އެހެން ފޯރަމްތައް ފަދައިން, ފަލަސްތީނުގެ ހައްގުތައި ދިވެހިރާއްޖެއިން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ މުއިއްޒު މުޠުލަގަށް ހެއްދެވި ބޮޑު ދޮގެއްކަން ހާމަވަނީ, މުއިއްޒުގެ ޚާރިޖީ ސިޔާސަތުތަކުންނެވެ. ފަލަސްތީނާއި ގުޅޭގޮތުން ބައިނަލްއަގުވާމީ ހުރިހާ ޕްލެޓްފޯމެއްގައިވެސް މުއިއްޒު ދައްކަވަމުން ގެންދަވަނީ މުނާފިގުކަމުގެ ސިފައެވެ.
މުއިއްޒު މަހުމޫދު އައްބާސްއާއި ބައްދަލު ކުރެއްވިއިރުވެސް, އިޒްރޭލުގެ ގާތިލުންނަށް މުއިއްޒު ވަނީ ރާއްޖޭގެ ބޯޑަރުތައް ތައްމިނަށް ހުޅުވާލާފައެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކުރުމަށްފަހު, އިޒްރޭލުގެ އަނިޔާވެރި ސިފައިން އަދިވެސް ދަނީ ޗުއްޓީ ހޭދަކޮށްލުމަށް އާއިލާއާއެކީ ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ.
ހަމައެއާއެކު އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ބިލު، ރައީސް މުއިއްޒުގެ އަމުރަށް މަޖިލިހުގެ ކޮމިޓީގައި ޕާކް ކޮށްފައި އޮންނަތާ މިހާރުވަނީ 90 ދުވަސް ފާއިތުވެގެން ގޮސްފައެވެ. އިސްރާއީލުގެ ގާތިލުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމުއެވެ.
މީކާއިލް ހުށަހެޅުއްވި ބިލު 241 ކޮމިޓީގައި އެޖެންޑާ ނުކޮށް ބާއްވާފައި އޮންނަތާ 90 ދުވަސް ވެގެންދިޔައިރުވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް، އެންމެ ކުޑަމިނުން އެޖެންޑާވެސް ނުކުރާ ސަބަބު ސާފުކޮށްދެއްވުމަށް މީކާއީލް ނަސީމް މިހާރުވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއްވެސް ފޮނުއްވާފައެވެ.
އެ ސިޓީގައި އޭނާ އެދިވަޑައިގެންފައިވަނީ މި ބިލުގެ މަސައްކަތް ކޮމިޓީގައި އެޖެންޑާ ނުކޮށް ބާއްވާ ސަބަބު ސާފުކޮށްދެއްވުމަށެވެ. މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި މީކާއީލް ފާހަގަކުރައްވާފައިވަނީ، މި ބިލް 29 މެއި 2024 ގައި މަޖިލީހަށް ހުށަހެޅި، އަދި 10 ޖޫން 2024 ވަނަ ދުވަހު މި ބިލް ބަލައިގަތުމަށް ފާސްވެސްކޮށް, ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވާފައިވާ ކަމުގައެވެ.
މީކާއިލް އިސްލާހު ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމަށެވެ.
އެހެންނަމަވެސް މީކާއިލްގެ ސިޓީއަށް މަޖިލިސް ރައީސްވެސް މިހާތަނަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
އޭގެ އިތުރަށް އިޒްރޭލުގެ ވިޔަފާރިތަކަށް ރާއްޖޭގައި މަގުފަހިކޮށްދީ، އެފަދަ ވިޔަފާރިތައް ހިންގުމުގެ މުއިއްޒުގެ ސަރުކާރުން ވަނީ ހުއްދަ ދީފައެވެ. އަދި ފަލަސްތީނަށް ތާއީދުކޮށް, އިސްރާއީލުގެ ގަތުލު އާންމާ ދެކޮޅަށް އަޑު އުފުލި އަންހެން ކަނބަލުންތަކެއް މުއިއްޒުވަނީ ހިފާ ހައްޔަރުކޮށް ޖަލަށްވެސް ލާފައެވެ. ފަލަސްތީނާއި އެއްކޮޅަށް އަޑު އުފުލައިގެން ރާއްޖޭގެ އެއްވެސް ވެރިކަމެއްގައި މިނޫނީ މިހާތަނަށް ދިވެހިން ހިފާ ހައްޔަރު ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
މި ސަރުކާރުން ދަނީ ބޭރުގެ ބާރުތަކުގެ އުނގަށް ވެއްޓި, ރާއްޖޭގެ ދީނާއި މިނިވަންކަން ގުރުބާން ކުރަމުންނެވެ. އެގޮތުން ރައްޖޭގެ ކަނޑުގައި ޖާސޫސް ކުރުމުގެ ބާރު ޗައިނާއަށް ދޫކޮށް, އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒަށް ދީލާލައި, އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ދިވެހި ރައްޔިތުން އުފުލަމުންދާ އަޑުތަކަށް މުއިއްޒު ދަނީ ބީރުކަންފަތެއް ދެމުންނެވެ.
ހަގީގަތުގައިވެސް, ޣައްޒާގެ ރައްޔިތުންގެ އިހުސާސްތަކާއި, އެ ސިޓީގައި ހިންގަމުންދާ ގަތުލުއާންމުތަކަށް ދެލޯ މަރާލުމަށްފަހު, އިސްރާއީލުގެ ގާތިލުން ރާއްޖެއަށް ދޭ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި, އެމީހުންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައިގެން މުއިއްޒުއަށް ކަހާތަން ހިރުވާވެސް ނުލާ ހުރެވެނީ އަގަލެއް ކުލުނެއް ނެތުމުންނެވެ.
ރާއްޖޭގައި ހިންގަމުންދާ އިޒްރާއީލުގެ ފުޑް ޗެއިންތަކުން ލިބޭ މަދު ފައިސާކޮޅެއްގެ ދަތިވެތިކަމުގައި އެތަންތަނަށް ފިޔަވަޅު ނާޅާ މުއިއްޒުއަށް ހުރެވެނީ ތިމާއަކީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް މީހަކަށް ވާތީއެވެ. މިއީ މުއިއްޒު ދީނާއި ގައުމަށްވަމުންދާ ބޮޑު ޚިޔާނާތެކެވެ.