އިންޑިއާއާ ދެކޮޅު ވައުދުތަކެއްވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށް ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމްސިންހު ވިދާޅުވެއްޖެ އެވެ.
މިއިން އަންގައި ދިނީ، އިންޑިޔާއިން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ގެއްލޭހެން އެއްވެސް ކަމެއް ކޮށްފައި ނުވާކަން ޚުދު މުއިއްޒުވެސް ޤަބޫލުފުޅު ކުރައްވާކަމާއި، އިންޑިޔާއާއި ދެކޮޅަށް އެ ދެއްކެވި ވާހަކަ ތަކަކީ ސީދާ ކަނޑައެޅިގެން ވޯޓު ހޯދުމުގެ ބޭނުމުގައި އޮޅުވާލައިގެން ދެއްކި ވާހަކަ ތަކެއް ކަމަށެވެ.
މި ހަފުތާ ބަންދުގައި ބޭއްވި ލަންކާގެ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވި ރަނިލް މިފަދައިން ވިދާޅުވީ، ސެޕްޓެމްބަރު 19، ގައި އިންޑިއާގެ ފަސްޓް ޕޯސްޓަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
"ރައީސް މުއިއްޒު މިހާރު އިންޑިއާއާ ކުރިއަށްވުރެ އެކުވެރި. އިންތިހާބަށް ފަހު އެ މަނިކުފާނު އަޅުގަނޑު ގާތު ވިދާޅުވި އިންތިހާބު ކާމިޔާބު ކުރުމަށް [އިންޑިއާއާ ދެކޮޅު] ވައުދުތަކެއް ވާން ޖެހުނޭ،" ރަނިލް ވިދާޅުވި އެވެ.
ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އާއި މޯދީއާ ދެމެދު އޮތް "ކެމިސްޓްރީ" ނުވަތަ ގުޅުން ބަދަހިވެފައިވާކަން ފާހަގަކުރެވުނު ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ. އެ ރަސްމިއްޔާތަށް ރަނިލް ވެސް ނިއު ދިއްލީއަށް ވަޑައިގަތެވެ.
އެގޮތަށް ގުޅުން ބަދަހިވީ އިންޑިއާ އާއެކު ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތްކަން ރައީސް މުއިއްޒުއަށް ވިސްނިގެންތޯ ފަސްޓް ޕޯސްޓުގެ ނޫސްވެރިޔާ ޕަލްކާ ޝަރުމާ ސުވާލު ކުރި އެވެ.
ރައްދުގައި ރަނިލް ވިދާޅުވީ އެ ސުވާލު ކުރަން ޖެހޭނީ ރައީސް މުއިއްޒުއާ ކަމަށެވެ.
ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައިވެސް ރަނިލް ބައިވެރިވެވަޑައިގެންނެވި އެވެ.
އިންޑިޔާއަށް ނިސްބަތްކޮށް، މުއިއްޒު އާއި، އަޒާން ހިންގާ ދިޔަރެސް ނޫހުން ވަނީ ގަސްތުގައި ރައްޔިތުންނަށް އޮޅުވާލުމަށް އެތައް ހާސް ދޮގުތަކެއް ހަދާފައެވެ. އަދި މުއިއްޒު ނިންމައިގެން ހުރީ ކުރިއަށް އޮތް 5 އަހަރުވެސް އެ ދޮގުތައް ދިފާޢު ކޮށް، އެ ދޮގުތައް މަތީ ސަރުކާރު ދެމެހެއްޓުމަށެވެ. ނަމަވެސް ﷲ ދޮގުވެރިން ފަޟީހަތް ކުރައްވާހެން މުއިއްޒު އާއި އޭނާގެ ކައްޒާބުންތައް ވަނީ ފަޟީހަތް ކޮށްފައެވެ. އަދި މުއިއްޒުގެ މި ހީލަތްތެރި މަކަރުވެރި ރޭވުން ސަބަބުން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގުޅުންތަކަށް ބުރޫ އަރައި ރާއްޖޭގެ އިޤްތިޞާދަށް އެއިން އެތައް ބިލިއަން ރުފިޔާއެއްގެ ގެއްލުންވެ، ޤައުމަށް އެހީވާނެ ބަޔަކު ނެތި، ބޭރު ދުނިޔެއިން ރާއްޖެ ބާކީ ކުރަން ފެށުމުން، ހަދާނެ ގޮތް ހުސްވެ، އިންޑިޔާ އާއި ގުޅުން ބަދަހި ކުރަން މުއިއްޒަށް ވަނީ މަޖުބޫރުވެފައެވެ.