ޚަބަރު

16 ރަށެއްގައި ފެނަކައިން ހިންގަން ހަވާލު ކުރި ތަރައްޤީގެ ޕްރޮޖެކްޓްތައް ބާތިލް ކޮށްފި! ރައްޔިތުންގެ އަސާސީ ހައްޤުތައް ގެއްލި، އިޤްތިޞާދީ ފުންވަޅަކަށް!

ދިޔަވަރު
16 ރަށެއްގައި ފެނަކައިން ހިންގަން ހަވާލު ކުރި ތަރައްޤީގެ ޕްރޮޖެކްޓްތައް ބާތިލް ކޮށްފި! ރައްޔިތުންގެ އަސާސީ ހައްޤުތައް ގެއްލި، އިޤްތިޞާދީ ފުންވަޅަކަށް!

ފެނަކަ ކޯޕަރޭޝަނުން 16 ރަށެއްގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ހުއްޓާލުމަށް ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ ސަބަބުން ކުންފުންޏަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ފެނުމުންނެވެ.

ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ވާހިދު މުހައްމަދު ވިދާޅުވި ގޮތުގައި، މަޝްރޫޢުތައް ކުރިއަށް ގެންދިޔަ ނަމަ، ކުންފުންޏަށް 170 މިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ގެއްލުން ވާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، މަޝްރޫޢުތަކަށް ކުރެވުނު ޚަރަދުތަކުގެ ތަފްޞީލީ ހިސާބުތައް ބަލަހައްޓާފައި ނުވާކަން ވެސް ފާހަގަކުރެވިފައިވެއެވެ.

މި ނިންމުމުގެ ސަބަބުން ރަށްރަށުގެ ތަރައްޤީއަށް ކުރާނެ ނޭދެވޭ އަސަރު:

  1. ރަށްރަށުގެ އުންމީދުތައް ގެއްލިގެން ދިއުން: މި މަޝްރޫޢުތައް ހުއްޓާލުމުގެ ސަބަބުން، އެ ރަށްރަށުގެ ރައްޔިތުންގެ ތަރައްޤީއަށް ކުރެވުނު އުންމީދުތައް ފުނޑުފުނޑުވެގެންދާނެއެވެ. ރަނގަޅު ފެނާއި ނަރުދަމާގެ ޚިދުމަތް ލިބުމަކީ އަސާސީ ޙައްޤެއްކަމުގައި ވީހިނދު، މިފަދަ ޚިދުމަތްތައް ނުލިބުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ.
  2. އިޤްތިޞާދީ ގެއްލުން: މި މަޝްރޫޢުތައް ހުއްޓާލުމުގެ ސަބަބުން ރަށު ފެންވަރުގައި ވަޒީފާގެ ފުރުޞަތުތައް ގެއްލި، ރަށު އިޤްތިޞާދަށް ނޭދެވޭ އަސަރު ކުރާނެއެވެ. މިގޮތުން މި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ނަގާފައިވާ ސްޓާފުން އެ މަގާމުތަކުން މިހާރު ވަނީ ވަކިކޮށް އާއިލާތައް ބިކަ ކޮށްލާފައެވެ. މީގެ އިތުރުން، މަޝްރޫޢުތަކަށް ޚަރަދުކުރަން ހަމަޖެހިފައިވާ ފައިސާ އިޤްތިޞާދުގެ ތެރެއަށް ނުވަނުމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ވެސް ނޭދެވޭ އަސަރު ކުރާނެއެވެ.
  3. އިޖްތިމާޢީ މައްސަލަތައް އިތުރުވުން: ރަނގަޅު ފެނާއި ނަރުދަމާގެ ނިޒާމެއް ނެތުމުގެ ސަބަބުން ޞިއްޙީ މައްސަލަތައް އިތުރުވެ، އިޖްތިމާޢީ ދުޅަހެޔޮކަމަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. ރައީސް ސޯލިހްގެ ސަރުކާރުގެ އަމާޒަކަށްވީ ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ފާއިތުވި 50 އަހަރު ފޯރުކޮށް ނުދެވުނު މި އަސާސީ ޚިދުމަތްތައް ފޯރުކޯށް ދިނުމަށެވެ. ނަމަވެސް މިހާރު ގެއްލިގެން އެދިޔައީ އެކަމަށް އޮތް އުއްމީދެވެ.
  4. ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުނުވުން: ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ސާފު ފެނާއި ނަރުދަމާއާ ގުޅޭ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އޮތް ފުރުޞަތު މި ސަރުކާރުން ގަސްތުގައި އެ ގެއްލުވާލީއެވެ.

ބާތިލު ކުރަން ނިންމި ޕްރޮޖެކްޓުތަށް ހިންގަން ކުރީ ސަރުކާރުން ހަވާލު ކޮށްފައި ހުރި ކަމަށް އެ ބައްދަލުވުމަށް ދައުވަތު ދިން ނޫސްތަކުން ރިޕޯޓު ކޮށްފައި ހުރީ: 1. ބ. ދޮންފަނު 2. - ބ. ފެހެންދޫ. 3. - ބ. ފޮޅަދޫ. 4. - ބ. ކުޑަރިކިލު. 5. - ބ. ކިހާދޫ. 6. - ށ. ބިލެއްފަހި. 7. - ށ. ނޫމަރާ. 8. - ނ. ލަންދޫ. 9. - ނ. މިލަދޫ. 10. - ނ. މަގޫދޫ. 11. - ތ. މަޑިފުށި. 12. - ތ ދިޔަމިގިލި. 13. - މ. ރަތްމަންދޫ. 14. - މ. ނާލާފުށި. 15. - ލ. ކުނަހަންދޫ. 16. - އދ. ފެންފުށި.

މި ހުރިހާ ކަމެއްގެ ސަބަބުން، ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ބޮޑު ހުރަހެއް އެޅި، ޤައުމީ ފެންވަރުގައި އިޤްތިޞާދީ ދުވެލި މަޑުޖެހި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށްވެގެންދާނެ ކަމަށް ބެލެވެއެވެ. މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ނުކުޅެދިފައެވެ. މުޅި ޤައުމުގެ އިޤްތިޞާދާއި މާލީ ހާލަތު މިދަނީ އެކީ އެއްކޮށް ހުޓުމަށެވެ.