މާލީ ހާލަތު ދަތިވުމާ ގުޅިގެން ސަރުކާރުން މި އަހަރުގެ ބަޖެޓުން 2.4 ބިލިއަން ރުފިޔާ އުނިކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ. މި އުނިކުރުމުގެ ބޮޑު ބައެއް އަމާޒުކޮށްފައިވަނީ ތަރައްޤީގެ މަޝްރޫޢުތަކަށެވެ. މުއިއްޒު ވެރިކަމަށް އައުމާއި އެކު އެންމެ ފުރަތަމަވެސް ރަށްރަށުގައި ހިނގަމުން ދިޔަ %80 ޕްރޮޖެކްޓަތައް އޭނާ ވަނީ ހުއްޓާލާފައެވެ.
މި އަހަރަށް ފާސްކޮށްފައިވާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން 14.6 ބިލިއަން ރުފިޔާ ފައިނޭންސް ކުރަން ޖެހޭއިރު، އެ ފައިސާ ހޯދުމަށް މުއިއްޒުގެ ސަރުކާރު ނުކުޅެދިފައި ވާތީ، ސަރުކާރުން ނިންމީ ބަޖެޓުން އުނިކުރެވެން ހުރި ފައިސާ ދެނެގަނެ، އެ އަދަދު އުނިކުރުމަށެވެ. މިއީ ރާއްޖޭގެ ތާރިހުގައި އެއްވެސް ސަރުކާރެއްގައި ދިމާވެފައިވާ ކަމެއް ނޫނެވެ. ބަޖެޓަށް ބޭނުންވާ ފައިސާ ޤައުމަށް ނުހޯދޭ ވަރުގެ ނާގާބިލު ވެރިއަކު މުއިއްޒު ނޫނީ ދިވެހި ރާއްޖެ އަދި ދެކެފައި ނުވެއެވެ.
އެންމެ ބޮޑު ބައެއް އުނިކޮށްފައިވަނީ ކޮންސްޓްރަކްޝަނާއި އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ބަޖެޓުންނެވެ. އެ ވުޒާރާގެ ބަޖެޓުން 912 މިލިއަން ރުފިޔާ އުނިކޮށްފައިވެއެވެ. މީގެ އިތުރުން:
- ހެލްތު މިނިސްޓްރީ - 314 މިލިއަން ރުފިޔާ
- އެޑިޔުކޭޝަން މިނިސްޓްރީ - 199 މިލިއަން ރުފިޔާ
- ހައުސިން މިނިސްޓްރީ - 162 މިލިއަން ރުފިޔާ
- ސްޕޯޓްސް މިނިސްޓްރީ - 159 މިލިއަން ރުފިޔާ
އުނިކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ފިނޭންސް މިނިސްޓަރު ޝަފީގު ވިދާޅުވެފައިވާ ގޮތުގައި ބަޖެޓު ކުޑަކުރުމުގައި އިސްކަންދީފައިވަނީ ފަންޑިންގ ނުލިބޭ ތަރައްޤީގެ މަޝްރޫޢުތަކަށެވެ. މިގޮތުން، ގިނަ މަޝްރޫޢުތައް ފަސްކުރުމާއި، ބައެއް މަޝްރޫޢުތައް މުޅިން ހުއްޓާލުމަށް ނިންމާފައިވާކަން އެނގެއެވެ.
މިކަމުގެ ސަބަބުން އިޤްތިޞާދަށް ވަންނަ ފައިސާ މަދުވެ، އާންމުންގެ ހާލަތު އިންތިހާ އަށް ދަށްވެ، ރަށްރަށުގެ ތަރައްޤީ އަށް ހިނގާ މަޝްރޫއުތައް ހުއްޓޭނެއެވެ. އަދި މުއިއްޒު ވެފައިވާ އެއްވެސް ވައުދެއް ފުއްދުމަށް ފައިސާ އެއް ނުހުންނާނެއެވެ.
މިކަމުގެ ސަބަބުން ކޮންސްޓްރަކްޝަން ކުންފުނިތައް ރާއްޖޭގައި ބަނގުރޫޓުވެގެން ދާނެއެވެ. އަދި އެއާއި ގުޅިފައިވާ އެހެން ބޮޑެތި އަދި މެދުފަންތީގެ ވިޔަފާރިތައްވެސް ބަނގުރޫޓުވެގެން ދާނެއެވެ.
2.4 ބިލިއަން ރުފިޔާގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލި އިރު، މުއިއްޒު ވަނީ އެއްވެސް ބޭނުމެއް ނެތް ގޮތުގައި އޭނާގެ އަމިއްލަ ހުވަފެނީ ޕްރޮޖެކްޓެއް ކަމަށް ވާ ފުށި ދިއްގަރު ފަޅަށް އެތައް ބިލިއަނެއް ޚަރަދުކޮށްފައެވެ. ނަމަވެސް ކުޑަ ޕަސެންޓެއް ނޫނީ އެތަންވެސް ނާގާބިލު މުއިއްޒު އަކަށް ހިއްކިފައެއް ނުވެއެވެ.