އދ. ގެ 79 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް މުއިއްޒު ޔޫއެންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިމުމަކާހަމައަށް އަންނަމުންދާއިރު, ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ލީޑަރުންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިވަޑައި ނުގެން, ދަތުރުފުޅު ނިންމަވާލައްވަން ޖެހިވަޑައިގެންފިއެވެ.
އެމެރިކާގެ ނިއުޔޯކަށް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ, ޔޫއެންގެ ޖެނެރަލް އެެސެމްބްލީގައި ބައިވެރިވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މުއިއްޒުއެކޭ އެއްފަދައިން ދުނިޔޭގެ ގިނަ ގައުމުތަކުގެ އެންމެ އިސްވެރިންވަނީ އެމެރިކާގެ ނިއުޔޯކަށް ވަޑައިގެން ޖެނެރަލް އެސެމްބްލީގައި ތަގުރީރު ކުރައްވާފައެވެ.
ކޮންމެއަހަރަކުވެސް ދުނިޔޭގެ ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވަޑައިގަންނަވާ މި ބައްދަލުވުމަކީ, ދުނިޔޭގެ ގައުމުތަކުގެ ވެރިން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލުކޮށްލުމަށް ލިބޭ ފުރުސަތަކަށްވާއިރު, ގައުމުތަކުން ކަށަވަރު ކުރަން ބޭނުންވާ މާލީ އަދި އެނޫންވެސް އެހީތެރިކަން ކަށަވަރު ކުރުމަށް މިފުރުސަތުގެ ބޭނުން ގައުމުތަކުން ހިފައެވެ.
އެހެންނަމަވެސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ޔޫއެންއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު މިހާރު ނިމުމަކާހަމައަށް އައިސްފައިވާއިރު, މިދަތުރުފުޅުގައި މިހާތަނަށް ދުނިޔޭގެ މުހިންމު އެއްވެސް ގައުމެއްގެ ހެޑް އޮފް ސްޓޭޓްއަކާ (ގައުމެއްގެ އެންމެ އިސްވެރިއަކާ) ބައްދަލުވުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. މި ދަތުރުގެ ރަސްމީ އިވެންޓުގެ ހަވާސާގައި, ގައުމުތަކުގެ އިސްވެރިންގެ ތެރެއިން މުއިއްޒުއަށް ބައްދަލު ކުރުމުގެ ފުރުސަތު ހަމައެކަނި ލިބިފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފްއާއި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއެވެ.
ފަލަސްތީނަކީ ރާއްޖެއަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ގައުމަކަށް ނުވާއިރު, ޕާކިސްތާނަކީވެސް އެއްވެސް އިރަކު ރާއްޖެއަށް މާލީ އެހީތެރިކަމުގެ އިތުރުން އެނޫން ދާއިރާތަކުންވެސް މާބޮޑު އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ނޫނެވެ.
މި ދެބޭފުޅުންގެ އިތުރުން, ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ އިސްބޭފުޅުންގެ ގޮތުގައި ދެން މުއިއްޒު ބައްދަލު ކުރައްވާފައިވަނީ ޔޫރަޕިއަން ކޮމިޝަންގެ ރައީސާ ހަރ އެކްސެލަންސީ އުރުސުލާ ވޮން ޑަ ލަޔަންއާއި ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއާއެވެ. އެހެންނަމަވެސް ޔޫރަޕިއަން ކޮމިޝަންގެ ރައީސާއަކީ ރާއްޖެއާއި ބެހޭގޮތުން ޔޫރަޕިއަން ޔޫނިއަންއިން ކުރާ އެއްވެސް މުއާމަލާތަކަށް ބަސްވިދާޅުވުމުގެ އެއްވެސް ހައިސްޔަތެއް އޮތް ފަރާތެއް ނޫނެވެ. އަދި ޔޫރަޕިއަން ޔޫނިއަންއަކީވެސް އެއްވެސް އިރަކު ރާއްޖެއަށް މާލީ އެހީތެރިކން ފޯރުކޮށްދެ ޖަމިއްޔާއެއްވެސް ނުމެ ނޫންމެއެވެ.
އޭގެ އިތުރުން މުއިއްޒު ދެން ބައްދަކު ކުރައްވާފައިވަނީ މަދުގައުމެއްގެ ޚާރިޖީ ވަޒީރުންގެ އިތުރުން ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ޑިރެކްޓަރުން ފެންވަރުގެ ބޭފުޅުނާއެވެ. ބައިނަލްއަގުވާމީ ފެންވަރުގެ ފޯރަމްތަކުގައި ގައުމުތަކުގެ ރައީސުން ބައިވެރިވަޑައިގަންވާއިރު, ހެޑް އޮފް ސްޓޭޓުންނަށްވުރެ ދަށް ފަންތީގެ ބެފުޅުންނާއި ގައުމުތަކުގެ ރައީސުން ބައްދަލު ކުރެއްވުމަކީ ޕްރޮޓޮކޯލްއާއި ޚިލާފް, އަދި ގައުމުތަކުގެ ހައިބަތަށްވެސް ނޭދެވޭ އަސަރު ކުރާ ކަންކަމެވެ.
އެހެންނަމަވެސް, ގައުމުތަކުގެ ވެރިންގެ ފަރާތުން މުއިއްޒުއަށް އެޕޮއިންޓްމަންޓް ލިބިވަޑައި ނުގަތުމާއި ގުޅިގެން, ހުސްޖާގަތައް ފުރުއްވަން މަޖުބުރުވެ, މުއިއްޒުވަނީ ނިއުޔޯކަށް ތިއްބަވާ, ގައުމުތަކާއި ޖަމިއްޔާ ޖަމާއަތަކުގެ ޑިރެކްޓަރުން ފެންވަރުގެ ބޭފުޅުންނާވެސް ބައްދަލު ކުރައްވާފައެވެ. އާދައިގެން, އަދި ރާއްޖެއަށް އެހީތެރިކަމެއް ފޯރުކޮށްދެވޭވަރުގެ އެއްވެސް ހައިސިއްޔަތެއް ނެތް އޮފިޝަލުންނާއި, މުއިއްޒުއަށް ބައްދަލުކުރައްވަން މަޖުބޫރު ވެގެން ދިއުމަކީ, ބައިނަލްއަގުވާމީ މަސްރަހުގައި ދިވެހިރާއްޖޭގެ ތަސައްވުރު ކިލަނބުވެގެން ގޮސްފައިވާ މިންވަރު ވަރަށްވެސް ރަގަޅަށް ހާމަވެގެންދިޔަ ކަމެއްކަމުގައި މަސްރަހު ދިރާސާކުރާ ފަރާތަކުން ފާހަގަ ކުރެއެވެ.
އެނގިފައިވާ ގޮތުގައި މުއިއްޒުގެ މި ދަތުރުފުޅުގައި ބައްދަލުކުރެއްވި އެއްވެސް ގައުމެއްގެ އޮފިޝަލެއްގެ ފަރާތުންވެސް ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ލިބޭނެކަމުގެ ޔަގީންކަމެއް ލިބިގެން ގޮސްފައެއް ނުވެއެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ ރޭޓިން އޭޖެންސީތަކުން ރާއްޖޭގެ ރޭޓިން ދަށްކުރުމާއި, ސަރުކާރުން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން އިންވެސްޓަރުންގެ މެދުގައި ރާއްޖޭގެ ބޭންކިން ސިސްޓަމަށް އޮތް އިތުބާރު ގެއްލިގެން ގޮސްފައި ވުމެވެ.
"ދިޔަވަރު އޮންލައިން"އަށް އެނގިފައިވާ ގޮތުގައި މުއިއްޒުގެ މި ދަތުރުފުޅަށް ދައުލަތުގެ މާލިއްޔަތުން ވަނީ 10 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. އަދި, ވެރިކަަމަށް ވަޑައިގެންނެވުމަށްފަހު, ފަސްޓު ކުލާހުން ދަތުރު ނުކުރައްވާނެކަމަށް ވިދާޅުވިނަމަވެސް ޔޫއެންއަށްވެސް މުއިއްޒު ވަޑައިގެންފައިވަނީ ފަސްޓް ކުލާހުގައެވެ. އަދި އެނބުރި ވަޑައިގަތުމަށްވެސް ހަމަޖެހިފައިވަނީވެސް ފަސްޓު ކުލާކުގައެވެ.