މާލީ ގޮތުން ގައުމު އިނދަޖެހިފައި އޮތް އިރު, ރައީސް މުއިއްޒު ޔޫއެންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް ދައުލަތުގެ މާލިއްޔަތުން 10 މިލިއަން ރުފިޔާ ޚަރަދު ވެފައިވާކަން "ދިޔަވަރު އޮންލައިން" އަށް ކަށަވަރު ކުރެވިއްޖެއެވެ.
މިދަތުރުފުޅަށް ދައުލަތުގެ މާލިއްޔަތުން ބޮޑު ޚަރަދެއް ހިނގާފައިވާއިރު, މުއިއްޒުގެ އަރިހުގައި ނިއުޔޯކަށް ބޮޑު ވަފުދެއް ގެންދަވާފައި ވެއެވެ. ހަމައެއާއެކު އަމިއްލަފުޅަށާއި އަދި ނާއިބު ރައީސްވެސް, ދައުލަތަށް ޚަރަދު ކުޑަކުރުމުގެ ގޮތުން ފަސްޓު ކުލާހުގަ ދަތުރު ނުކުރައްވާނެކަމަށް, ވެރިކަމަށް ވަޑައިގެންނެވުމައެކު މުއިއްޒު ވިދާޅުވިނަމަވެސް, ޔޫއެންއަށްވެސް މުއިއްޒު ދަތުރު ކުރައްވާފައިވަނީ ފަސްކުލާހުގައިކަން "ދިޔަވަރު އޮންލައިން"އަށް ވަނީ ކަށަވަރު ކުރެވިފައެވެ. އަދި މި ދަތުރުފުޅުގައި އަރިހުގައި ދަތުރުކުރެއްވި ވަޒީރުންވެސް ދަތުރު ކުރައްވާފައިވަނީ ފަސްކުލާހުގައިކަންވެސް ކަށަވަރު ކުރެވިފައި ވެއެވެ.
މިބޭބޭފުޅުންގެ އެއަރ ޓިކެޓަށްވެސް ދައުލަތުގެ މާލިއްޔަތުން ބޮޑު ޚަރަދެެއް ހިނގާފައި ވެއެވެ.
މުއިއްޒުގެ ނިއުޔޯކު ދަތުރުފުޅަށް ދައުލަތުގެ މާލިއްޔަތުން 10 މިލިއަން ރުފިޔާ ޚަރަދު ވެފައިވާއިރު, ރާއްޖޭގެ ޔޫސެބުލް ރިޒާވް އާދަޔާ ޚިލާފަށް ދަށްވެ, ގައުމުވަނީ މާލީގޮތުން ބަގުރޫޓުވުމާއި ގާތްވެފައެވެ. އަދި ރާއްޖޭގެ ބޭންކުތަކަށް ޑޮލަރުގެ ތާށިކަން އިންތިހާއަށް ކުރިމަތިވެ, ފާއިތުވި އެއްވެސް ޒަމާނެއްގައި ޑޮލަރުގެ އަގު އުފުލިގެން ނުދާ މިންވަރަށް ކަޅު ބާޒާރުގައި ވަނީ ޑޮލަރުގެ އަގު އުފުލިގެން ގޮސްފައެވެ.
އެހެންނަމަވެސް, ގައުމުގެ މާލީ ހާލަތަށް ބެލުމެއް ނެތި, ސަރުކާރުގެ އިސްވެރިން ގެންދަވަނީ ފަސްޓު ކުލާހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރައްވަމުންނެވެ. އަދި ވަކީން ޚާއްސަކޮށް ރައީސް މުއިއްޒުގެ ޔޫއެން ދަތުރުފުޅު ފާހަގަވެގެން ދިޔައީ ދަލަތުގެ މާލިއްޔަތުން އެދަތުރުފުޅަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށް, އެހެންނަމަވެސް އޭގެ އެއްވެސ "ރިޓާން"އެއް (ގައުމަށް މާލީ އެއްވެސް ފައިދާއެއް)ލިބިގެން ނުދިޔަ ދަތުރުފުޅެއްގެ ގޮތުގައެވެ.
ސަބަބަކީ މިދަތުރުފުޅު މުއިއްޒުއަށް ނިންމަވާލައްވަން ޖެހިވަޑައިގެންފައިވަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ލީޑަރުންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިވަޑައި ނުގެން ހުންނަވައިގެންނެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ޔޫއެންއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު މިހާރު ނިމުމަކާހަމައަށް އައިސްފައިވާއިރު, މިދަތުރުފުޅުގައި މިހާތަނަށް ދުނިޔޭގެ މުހިންމު އެއްވެސް ގައުމެއްގެ ހެޑް އޮފް ސްޓޭޓްއަކާ (ގައުމެއްގެ އެންމެ އިސްވެރިއަކާ) ބައްދަލުވުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. މި ދަތުރުގެ ރަސްމީ އިވެންޓުގެ ހަވާސާގައި, ގައުމުތަކުގެ އިސްވެރިންގެ ތެރެއިން މުއިއްޒުއަށް ބައްދަލު ކުރުމުގެ ފުރުސަތު ހަމައެކަނި ލިބިފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފްއާއި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއެވެ.
ފަލަސްތީނަކީ ރާއްޖެއަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ގައުމަކަށް ނުވާއިރު, ޕާކިސްތާނަކީވެސް އެއްވެސް އިރަކު ރާއްޖެއަށް މާލީ އެހީތެރިކަމުގެ އިތުރުން އެނޫން ދާއިރާތަކުންވެސް މާބޮޑު އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ނޫނެވެ.
މި ދެބޭފުޅުންގެ އިތުރުން, ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ އިސްބޭފުޅުންގެ ގޮތުގައި ދެން މުއިއްޒު ބައްދަލު ކުރައްވާފައިވަނީ ޔޫރަޕިއަން ކޮމިޝަންގެ ރައީސާ ހަރ އެކްސެލަންސީ އުރުސުލާ ވޮން ޑަ ލަޔަންއާއި ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއާއެވެ. އެހެންނަމަވެސް ޔޫރަޕިއަން ކޮމިޝަންގެ ރައީސާއަކީ ރާއްޖެއާއި ބެހޭގޮތުން ޔޫރަޕިއަން ޔޫނިއަންއިން ކުރާ އެއްވެސް މުއާމަލާތަކަށް ބަސްވިދާޅުވުމުގެ އެއްވެސް ހައިސްޔަތެއް އޮތް ފަރާތެއް ނޫނެވެ. އަދި ޔޫރަޕިއަން ޔޫނިއަންއަކީވެސް އެއްވެސް އިރަކު ރާއްޖެއަށް މާލީ އެހީތެރިކން ފޯރުކޮށްދެ ޖަމިއްޔާއެއްވެސް ނުމެ ނޫންމެއެވެ.
އޭގެ އިތުރުން މުއިއްޒު ދެން ބައްދަކު ކުރައްވާފައިވަނީ މަދުގައުމެއްގެ ޚާރިޖީ ވަޒީރުންގެ އިތުރުން ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ޑިރެކްޓަރުން ފެންވަރުގެ ބޭފުޅުނާއެވެ. ބައިނަލްއަގުވާމީ ފެންވަރުގެ ފޯރަމްތަކުގައި ގައުމުތަކުގެ ރައީސުން ބައިވެރިވަޑައިގަންވާއިރު, ހެޑް އޮފް ސްޓޭޓުންނަށްވުރެ ދަށް ފަންތީގެ ބެފުޅުންނާއި ގައުމުތަކުގެ ރައީސުން ބައްދަލު ކުރެއްވުމަކީ ޕްރޮޓޮކޯލްއާއި ޚިލާފް, އަދި ގައުމުތަކުގެ ހައިބަތަށްވެސް ނޭދެވޭ އަސަރު ކުރާ ކަންކަމެވެ.
އެހެންނަމަވެސް, ގައުމުތަކުގެ ވެރިންގެ ފަރާތުން މުއިއްޒުއަށް އެޕޮއިންޓްމަންޓް ލިބިވަޑައި ނުގަތުމާއި ގުޅިގެން, ހުސްޖާގަތައް ފުރުއްވަން މަޖުބުރުވެ, މުއިއްޒުވަނީ ނިއުޔޯކަށް ތިއްބަވާ, ގައުމުތަކާއި ޖަމިއްޔާ ޖަމާއަތަކުގެ ޑިރެކްޓަރުން ފެންވަރުގެ ބޭފުޅުންނާވެސް ބައްދަލު ކުރައްވާފައެވެ. އާދައިގެން, އަދި ރާއްޖެއަށް އެހީތެރިކަމެއް ފޯރުކޮށްދެވޭވަރުގެ އެއްވެސް ހައިސިއްޔަތެއް ނެތް އޮފިޝަލުންނާއި, މުއިއްޒުއަށް ބައްދަލުކުރައްވަން މަޖުބޫރު ވެގެން ދިއުމަކީ, ބައިނަލްއަގުވާމީ މަސްރަހުގައި ދިވެހިރާއްޖޭގެ ތަސައްވުރު ކިލަނބުވެގެން ގޮސްފައިވާ މިންވަރު ވަރަށްވެސް ރަގަޅަށް ހާމަވެގެންދިޔަ ކަމެއްކަމުގައި މަސްރަހު ދިރާސާކުރާ ފަރާތަކުން ފާހަގަ ކުރެއެވެ.
އެނގިފައިވާ ގޮތުގައި މުއިއްޒުގެ މި ދަތުރުފުޅުގައި ބައްދަލުކުރެއްވި އެއްވެސް ގައުމެއްގެ އޮފިޝަލެއްގެ ފަރާތުންވެސް ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ލިބޭނެކަމުގެ ޔަގީންކަމެއް ލިބިގެން ގޮސްފައެއް ނުވެއެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ ރޭޓިން އޭޖެންސީތަކުން ރާއްޖޭގެ ރޭޓިން ދަށްކުރުމާއި, ސަރުކާރުން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން އިންވެސްޓަރުންގެ މެދުގައި ރާއްޖޭގެ ބޭންކިން ސިސްޓަމަށް އޮތް އިތުބާރު ގެއްލިގެން ގޮސްފައި ވުމެވެ.
”ދިޔަވަރު އޮންލައިން“އަށް އެނގިފައިވާ ގޮތުގައި މުއިއްޒުގެ މި ދަތުރުފުޅަށް ދައުލަތުގެ މާލިއްޔަތުން ވަނީ 10 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. އަދި, ވެރިކަަމަށް ވަޑައިގެންނެވުމަށްފަހު, ފަސްޓު ކުލާހުން ދަތުރު ނުކުރައްވާނެކަމަށް ވިދާޅުވިނަމަވެސް ޔޫއެންއަށްވެސް މުއިއްޒު ވަޑައިގެންފައިވަނީ ފަސްޓް ކުލާހުގައެވެ. އަދި އެނބުރި ވަޑައިގަތުމަށްވެސް ހަމަޖެހިފައިވަނީވެސް ފަސްޓު ކުލާކުގައެވެ.