އދ. ގެ 79 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް މުއިއްޒު ޔޫއެންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, ޔޫއެން ސެކިއުރިޓީ ކައުންސިލްގައި މިއަދު ތަގުރީރު ކުރެއްވިއިރު ދުނިޔޭގެ މުހިންމު އެއްވެސް ގައުމެއްގެ މަންދޫބަކު އެކައުންސިލްގައި ނެތްކަން ހާމަވެގެން ހިގައްޖެއެވެ.
މިހާރު ރައީސް އޮފީހުން އާންމުކޮށްފައިވާ, ސެކިއުރިޓީ ކައުންސިލްގައި މުއިއްޒު ކުރެއްވި ތަގުރީރުގެ ވީޑީއޯއިން ފެންނަ ގޮތުގައި, މުއިއްޒު ސެކިއުރިޓީ ކައުންސިލްގައި ތަގުރީރު ކުރައްވަމުން ގެންދެވިއިރު, އެ ކައުންސިލްގެ މުޅި ހޯލުގެ ގިނަ ގޮނޑިތައް ހުރީ ހުސްކޮށެވެ. އަދި ދުނިޔޭގެ މުހިންމު އެއްވެސް ގައުމެއްގެ މަންދޫބެއް މުއިއްޒުގެ ތަގުރީރު އަޑު އެއްސެވުމަށް އެވަގުތު ސެކިއުރިޓީ ކައުންސިލްގައި ހާޒިރުވެއެއް ނެތެވެ.
ޔޫއެންގެ ސެކިއުރިޓީ ކައުންސިލްއަކީ ޔޫއެންގެ އެންމެ ބާރުގަދަ ގުނަވަނެވެ. ޔޫއެންއިން ނިންމާ ތަންފީޒީ ނިންމުންތައް ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ 5 ގައުމު އެކައުންސިލްގައި ހިމެނެއެވެ. އެގޮތުން ޔޫއެންގެ ސެކިއުރިޓީ ކައުންސިލްއިން ނިންމާ ކޮންމެ ނިންމުމަކީވެސް ޔޫއެންގެ މެމްބަރު ގައުމަތަކަށް ތަންފީޒުކުރުން ލާޒިމްވާ ނިންމުންތަކެކެވެ.
މި ކައުންސިލްގައި ތަގުރީރު ކުރައްވަމުން މުއިއްޒުވަނީ ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ 5 މެމްބަރު ގައުމަކަށް ލިބިދީފައިވާ ވީޓޯ ކުރުމުގެ ބާރު އުވާލުމަށް ގޮވާލައްވާފައެވެ.
މުއިއްޒު ޔޫއެން ސެކިއުރިޓީ ކައުންސިލްގައި ތަގުރީރު ކުރެއްވިއިރު, ތަގުރީރުގެ އަޑު އެސެވުމަށް ދުނިޔޭގެ މުހިންމު އެއްވެސް ގައުމެއްގެ މަންދޫބަކު ކައުންސިލަށް ހާޒިރުވެ ނެތުމުން ދޭހަކޮށްދެނީ, މިއަދު ރާއްޖެއަކީ ބައިނަލްއަގުވާމީ މަސްރަހުން ބަލައި ނުގަންނަ ގައުމަކަށް ވެގެން ގޮސްފައިވާކަން ކަމުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވެއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ގެންގުޅުއްވަން ފެއްޓެވި ޚާރިޖީ ސިޔާސަތު ފެއިލްވެ ދުނިޔޭގެ ބޮޑެތި ގައުމުތަކާއި ރާއްޖެއާ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައި ވެއެވެ. އޭގެ ތެރޭގައި އިންޑިއާ ހިމެނޭއިރު ސައުދީ އަރަބިއާފަދަ ގައުމުތައްވެސް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން, މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ އަހަރެއް ވެގެންދާއިރުވެސް, ޗައިނާ ފިޔަވާ ދުނިޔޭގެ އެއްހެން އެއްވެސް ގައުމަކުން މިހާތަނަށް އަދި ސްޓޭޓް ވިޒިޓެއް ލިބިފައެއް ނުވެއެވެ.
ހަމައެއާއެކު މުއިއްޒު ޔޫއެންއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައިވެސް, ދުނިޔޭގެ މުހިންމު އެއްވެސް ގައުމެއްގެ ހެޑް އޮފް ސްޓޭޓްއަކާ ބައްދަލުކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.