އިންޑިއާއާ ދެކޮޅު އެޖެންޑާއެއް އެމަނިކުފާނު ދުވަހަކު ވެސް ގެންގުޅުއްވާފައިނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕްރިންސްޓަން ޔުނިވާސިޓީގައި ދޮގު ހައްދައިފިއެވެ..
އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ ޑީންސް ލީޑާޝިޕް ސީރީޒްގައި މެހެމާނެއްގެ ގޮތުގައި މިރޭ އެ ޔުނިވާސިޓީއަށް ވަޑައިގަތުމުން ކުރިމަތި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެއް އިރެއްގައި ވެސް "އިންޑިއާ އައުޓް" ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. ވިދާޅުވީ އަބަދުވެސް މައްސަލައަކަށް ވެފައި އޮތީ އިންޑިއާގެ މިލިޓަރީ ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ގައުމަކާ އެއްވެސް އިރެއްގައި ދެކޮޅެއް ނޫން. އިޓްސް ނޮޓް 'އިންޑިއާ އައުޓް'. ބޭރުގެ މިލިޓަރީ މި ފަސްގަނޑުގައި ތިބުމުގެ ސީރިސް މައްސަލައެއް ރާއްޖެއަށް އޮތީ ކުރިމަތިވެފަ،" ރައީސް ވިދާޅުވި އެވެ. "ބޭރުގެ އެންމެ ސިފައިންގެ މީހަކު ގައުމުގައި ހުރުމަށް ވެސް ދިވެހި ރައްޔިތުން ނޭދޭ."
އެ ޔުނިވާސިޓީގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދެ ޑެޕިއުޓީ މިނިސްޓަރަކު މަލާމާތް ކުރި މައްސަލައިގައި އެމަނިކުފާނު ފިޔަވަޅު އެޅުއްވި ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް، މަލްޝާއަށް ވަނީ އެއަށްވުރެ ރަނގަޅު މަގާމެއް އެޗްޑީސީއިން ދީފައެވެ. އަދި އެކަމުގައި ބައިވެރިވި ޝިއުނާ އަށް ވެސް މަގާމެއް ހުށައަޅާފައެވެ.
"އެ ބާވަތުގެ އެއްޗެއް އެއްވެސް މީހަކު ބުނެގެން ނުވާނެ. އަޅުގަނޑު ހަމަ ގައިމު ވެސް އެކަމަށް ފިޔަވަޅު އެޅިން. އެއްވެސް މީހަކާ ދިމާލަށް އެގޮތަށް އެއްޗެހި ބުނުން އަޅުގަނޑު ބަލައެއްނުގަންނާނަން. އެއީ ލީޑަރެއް އަދި އާދައިގެ މީހެއް ކަމަށް ވިޔަސް. ކޮންމެ އިންސާނަކީ ވެސް އަބުރުވެރި މީހެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
މޯދީއަށް ފުރައްސާރަކޮށް މަލާމާތްކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބެވިި މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އެވެ. މޯދީއަކީ "ކްލައުންއެއް" އަދި "ޓެރަރިސްޓެއް" ކަމަށް އެ މީހުން ބުންޏެވެ.
އެ މައްސަލައަށްފަހު މުސާރަ ހިނގާ ގޮތަށް މަލްޝާ އާއި ޝިއުނާ ތިބީ ސަސްޕެންޝަނުގަ އެވެ. ނަމަވެސް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް އިއުލާނު ކުރި ދުވަހު އެ ދެ މީހުން ވެސް ވަނީ އިސްތިއުފާ ދީފަ އެވެ. އެއީ ސެޕްޓެމްބަރު 10، އެވެ. އެ ދެ މީހުންގެ މަސައްކަތަށް ސަރުކާރުން ވަނީ ފަހުން ޝުކުރު އަދާކޮށްފަ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އެންމެ ފުރަތަމަ މައްސަލައަކަށްވީ ދައުލަތާއެކު ހަދާފައިވާ އެގްރިމެންޓެއްގެ ދަށުން އިންޑިއާއިން ހަދިޔާކޮށްފައި އޮތް ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓު ދުއްވަން ތިބޭ އެ ގައުމުގެ ސިފައިން ބޭރު ކުރަން މަސައްކަތް ކުރުމެވެ.
އެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވުން ވެސް ސަރުކާރުން ހުއްޓާލި އެވެ. ނަމަވެސް މިފަހުން ހެލިކޮޕްޓަރު އުދުއްސަން އަލުން ވަނީ ފަށައިފަ އެވެ.
ދެން މައްސަލަ ޖެހުނީ މަލްޝާ އާއި ޝިއުނާ އިންޑިއާގެ ބޮޑުވަޒީރަށް މަލާމާތް ކުރި މައްސަލައިގަ އެވެ. އޭގެ ފަހުން ރައީސް މުއިއްޒު ޗައިނާ ކުރެއްވި ދަތުރު ނިންމާލެއްވުމަށްފަހު ވަޑައިގެން އިންޑިއާގެ ސަފީރުގެ ވެސް ހާޒިރުގައި އިންޑިއާއަށް ވަރަށް ހަރުކަށިކޮށް ފާޑު ކިޔެވެ.
ރައީސް މުއިއްޒު އިންޑިއާ ސިފަ ކުރެއްވީ ރާއްޖެއަށް ގަނާ ކުރަމުންދާ ގައުމެއްގެ ގޮތުގަ އެވެ. ކުރީ ސަރުކާރު އޮތީ އިންޑިއާގެ އަތް ދަށުގައި ކަމަށް ވެސް ސިފަ ކުރެއްވި އެވެ. އަދި މުދާ އިމްޕޯޓް ކުރުމުގައި އާއި ބޭސް ފަރުވާއަށް ރާއްޖެއިން އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނައްތާލައްވަން އެ ދުވަހު ޕްލޭނެއް ވެސް ހުށަހެޅުއްވިއެވެ.
އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރޭގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ނަން ވިދާޅުނުވެ ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އެއިރު ތިއްބެވި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަސައްކަތް ކުރަނީ ބޭރުގެ ނުފޫޒެއްގެ ދަށުވެފައިވާ އަޅުންތަކެއް ގޮތަށް ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ މަޖިލީސް މެމްބަރުން ތަކެއް އަމީން އެވެނިޔުގެ އިންޑިޔާ އެމްބަސަޑަރ އުޅުއްވާ ޓަވަރު ނޫން އެހެން ޓަވަރަކުން ނިކުތްތަން ފެނިގެން އެކަމާއި، ވާހަކަ ދައްކަވަން ހުންނެވި ސްޕީޗެއްގައި ފާޑު ވިދާޅުވެ ރައީސް އަކު ގައުމަކާއި ޖެހި ނުގަންނަ ވަރަށް ޖެހިގަތެވެ.